އައިޑީބީން ރާއްޖެއަށް 117 މިލިއަން ޑޮލަރުގެ ފެސިލިޓީސް ހަމަޖެހިއްޖެ

މިނިސްޓަރު މުނައްވަރު އައިޑީބީ ގްރޫޕުގެ ރައީސާ އެކު --- ފޮޓޯ: ފިނޭންސް މިނިސްޓްރީ

އިސްލާމިކް ޑިވެލޮޕްމެންޓް ބޭންކް (އައިޑީބީ)ގެ އަހަރީ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް ރާއްޖޭގެ ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު ކުރެއްވި ދަތުރުފުޅުގައި އެ ބޭންކުން ރާއްޖެއަށް 117 މިލިއަން ޑޮލަރުގެ ފެސިލިޓީސް ހަމަޖެހިއްޖެ އެވެ.

ފިނޭންސް މިނިސްޓްރީން ބުނި ގޮތުގައި އެ ފެސިލިޓީސް ހަމަޖެހިފައިވަނީ އައިޑީބީގެ އަހަރީ ބައްދަލުވުމުގެ ހަވާސްގެ ތެރެއިން އައިޑީބީއާއި އައިޑީބީގައި ހިމެނޭ އިންސްޓިޓިއުޓްތަކާއެކު ބޭއްވުނު ބައްދަލުވުންތަކުގައި ކުރެވުނު މަޝްވަރާތަކުގެ ތެރެއިންނެވެ.

އެގޮތުން އެ ބޭންކުގެ ރައީސް ބަންޑާ އެމްއެޗް ހައްޖަރު އާ އެކު ބޭއްވި ބައްދަލުވުމުގައި މިނިސްޓަރު މުނައްވަރު ވަނީ ރާއްޖޭގައި މިހާރު ކުރިއަށްދާ ބޮޑެތި މަޝްރޫއުތަކާ ބެހޭ މައުލޫމާތު ދެއްވާފައެވެ. އައިޑީބީ ގްރޫޕުން ފައިނޭންސް ކުރުމަށް ހަމަޖެހިފައިވާ ދާއިރާތަކުގެ ތެރޭގައި އިންފްރާސްޓްރަކްޗާ ޕްރޮޖެކްޓުތަކާއި ކުނި ނައްތާލުމުގެ ޕްރޮޖެކްޓުތައް ހިމެނެއެވެ.

އައިޑީބީއެފް އަވްޤާފް އަދި ވަގުފު ޔުނިޓު، އިސްލާމިކް ފައިނޭންޝަލް ސާވިސް ޑިޕާޓްމެންޓުގެ އިސްވެރިންނާ އެކު ބޭއްވި ބައްދަލުވުމުގައި އިސްލާމިކް މިނިސްޓްރީން ކުރިއަށްގެންދަން ހުށަހަޅާފައިވާ ޕްރޮޖެކްޓަކަށް މިހާރު ހަމަޖެހިފައިވާ ފައިސާ އިތުރު ކުރުމަށް އެ ބައްދަލުވުމުގައި އެއްބަސްވެވުނު ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.

އެ ބައްދަލުވުމުގެ އިތުރުން، އައިޑީބީގެ އިންޓަނޭޝަނަލް އިސްލާމިކް ޓްރޭޑް ފައިނޭންސް ކޯޕަރޭޝަންގެ ސީއީއޯ ހާނީ ސާލިމް އާ އެކު ބޭއްވި ބައްދަލުވުމުގައި ވިޔަފާރިއާއި މަސްވެރިކަމާއި އަދި ބަނދަރު ތަރައްގީ ކުރުމަށް މިހާރު ހަމަޖެހިފައިވާ ލޯން އެހީގެ އަދަދު އިތުރުކުރުމާއި ޓްރޭޑް ފައިނޭންސިންއާ ގުޅޭ ފަންނީ އެހީތެރިކަން ދިނުމަށް އެ ކޯޕަރޭޝަނުން އެއްބަސްވެފައިވާ ކަމަށް ފިނޭންސުން ބުންޏެވެ.

އައިޑީބީގެ އަހަރީ ބައްދަލުވުމުގެ ހަވާސާގެ ތެރެއިން މިނިސްޓަރު ވަނީ އަރަބި އެހީދޭ ބައެއް ޖަމިއްޔާތަކާވެސް ބައްދަލުކުރައްވާފައެވެ. އެގޮތުން އޮޕިޑް އަދި ކުވައިތު ފަންޑުގެ އިސްބޭފުޅުންނާއެކު ބޭއްވު ބައްދަލުވުމުގައި އެ ފަންޑުތަކުގެ ދަށުން ރާއްޖޭގައި މިހާރު ހިންގަމުންދާ މަޝްރޫއުތައް ހިނގަމުންދާ ގޮތުގެ މައުލޫމާތު އެފަރާތަށް ވަނީ އަރުވާފައެވެ.

މިނިސްޓްރީން ބުނި ގޮތުގައި މިއަހަރުގެ ޖުލައި މަހުގެ ކުރިން މުހިއްމު އައު ޕްރޮޖެކްޓެއްގައި ސޮއި ކުރެވިގެންދާނެ ކަމުގެ ޔަގީންކަން އެ ފަރާތްތަކުން ވަނީ ދެއްވާފައެވެ.

މިނިސްޓަރުގެ އެ ދަތުރުފުޅުގައި، ޑެޕިއުޓީ މިނިސްޓަރު ހުސައިން ޝާމް އާއި ސީނިއާ ޕްލޭނިން އޮފިސާ ޚަދީޖާ މާޖިދާ ހަސަން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

comment ކޮމެންޓް