ދުވާލަކު 20 ޓަނުގެ ފެން އުފެއްދާ ފެން ޕްލާންޓެއް ގަމު ހޮސްޕިޓަލުގައި ބަހައްޓަނީ

މިއަދު ހެލްތު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު ނާޒިމް ކުންފުންޏަކަށް ޕްރޮޖެކްޓްގެ ލިޔުން ހަވާލުކޮށްދެއްވަނީ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ލ. ގަން ރީޖަނަލް ހޮސްޕުޓަލުގައި ދުވާލަކު 20 ޓަނުގެ ފެން އުފެއްދޭނެ ރިވާސް އޮސްމޮސިސް ނުވަތަ އާރުއޯ ޕްލާންޓެއް ބެހެއްޓުމުގެ މަސައްކަތް ކުންފުންޏަކާ ހަވާލުކޮށްފި އެވެ.

ހެލްތު މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އެ މަސައްކަތް ހަވާލުކޮށްފައި ވަނީ ސްޓެޓިކް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށެވެ. މިއަދުން ފެށިގެން ހަތަރު މަސް ދުވަސްތެރޭ ނިންމާ ގޮތަށް މަސައްކަތް ހަވާލުކޮށްފައި ވަނީ 1.9 މިލިއަން ރުފިޔާ އަށެވެ.

އެ ޕްރޮޖެކްޓްގެ ދަށުން ދުވާލަކު 20 ޓަނުގެ ފެން އުފެއްދޭ އާރުއޯ ޕްލާންޓެއް ބަހައްޓައި، ޕްލާންޓަށް ބޭނުންވާ ފެން ބިމުގެ އަޑިން ނެގުމަށް 40 މީޓަރުގެ ފުންމިނުގައި ބޯހޯލެއް ތޮރުފާނެ އެވެ. އަދި ބްރައިން ވޯޓާ ޑިސްޗާޖް ޕައިލް ލައިނެއް އަޅައި އެންވަޔަރަންމަންޓް އިޕްޕެކްޓް އެސެސްމަންޓް (އީއައިއޭ) ހަދާނެ އެވެ.

އޭގެ އިތުރުން މިއަދު ވަނީ އެ ހޮސްޕިޓަލުގައި ޕްލާންޓް ހައުސްއެއް އެޅުމަށް ރައިޒާ ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏަކާ ހަވާލުކޮށްފަ އެވެ. އަދި 1،417،506.16 ރުފިޔާ އަށް އެ މަސައްކަތް ހަވާލުކުރީ މިއަދުން ފެށިގެން 80 ދުވަސްތެރޭ މަސައްކަތް ނިންމާގޮތަށެވެ.

މިއަދު ހެލްތު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު ނާޒިމް ކުންފުންޏަކަށް ޕްރޮޖެކްޓްގެ ލިޔުން ހަވާލުކޮށްދެއްވަނީ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އެ ކުންފުނިން ކުރާ މަސައްކަތްތަކުގެ ތެރޭގައި ޕްލާންޓް ހައުސްއެއް ހަދައި، 20 ޓަނުގެ ފެން ރައްކާކުރެވޭނެ ދެ ސްޓޯރޭޖް ޓޭންކް ހަދައި ޕްލާންޓް އިން އެކޮމޮޑޭޝަން އަށް ފެން ފޯރުކޮށްދިނުމަށް ޕައިޕްލައިން އަޅާނެ އެވެ.

އެ މަސައްކަތްތަކުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް އެވެ. ސޮއިކުރެއްވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު ނާޒިމް ވިދާޅުވީ، ލ. ގަން ރީޖަނަލް ހޮސްޕިޓަލަކީ ޑަޔަލިސިސް ހިދުމަތް ދެމުންދާ ތަނަކަށްވާއިރު، އެ ހިދުމަތަށް ބޭނުންވާ ޑީސެލިނޭޓެޑް ފެން ހޯދަން ޖެހެނީ މާންދޫ މަސްފެކްޓަރީން ގަނެގެން ކަމަށެވެ.

އަދި ގަތުމަށްފަހު ޕިކަޕެއްގައި ކަޅުހަމަކަށް އަޅައިގެން ހޮސްޕިޓަލަށް ގެންގޮސް ހޮސްޕިޓަލުގައި ހުންނަ ޓޭންކްތަކަށް އަޅަމުން އައި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެހެންކަމުން މި ފެންޕްލާންޓްގެ ސަބަބުން އެކަމަށް ހައްލު ލިބޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިއަދުގެ ރަސްމިއްޔާތުގައި މިނިސްޓަރު ނާޒިމް ވާހަކަ ދައްކަވަނީ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

މިނިސްޓަރު ވިދާޅުވީ ޑަޔަލިސިސް ހަދަން ބޭނުންކުރާ ފެނަކީ ޑީސަލިނޭޓެޑް ވޯޓާކަމަށް ވުމުން ޑީސެލިނޭޓެޑް ފެން ނުލިބިއްޖެނަމަ ޑަޔަލަސިސް ހިދުމަތް ދެވެން ނޯންނާނެތީ، ދެމެހެއްޓެނިވި ގޮތެއްގައި އެ ހިދުމަތް ދެވެން އަންނަނީ އެތަނުގައި އާރުއޯ ޕްލާންޓެއް ހުރެގެން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ހެލްތު މިނިސްޓްރީން ބުނީ ހަމައެކަނި ޑަޔަލިސިސް ހެދުމަށް ބޭނުންވާ ފެން ގަތުމަށް ކޮންމެ މަހަކު ގާތްގަނޑަކަށް 15000 ރުފިޔާ ހަރަދުވާ ކަމަށެވެ. މި ޕްރޮޖެކްޓަށް ސަރުކާރުގެ ބަޖެޓުން ޖުމްލަ 3.4 މިލިއަން ރުފިޔާ ހަރަދުކުރާނެ އެވެ.

comment ކޮމެންޓް