ޒަމާނީ ފެންވަރުގައި ރަޝިޔާ އުފެއްދި ފުރަތަމަ ކޮމާޝަލް ފްލައިޓް ދައްކާލައިފި

ރަޝިޔާއިން އުފެއްދި ކޮމާޝަލް މަތިންދާބޯޓު

މޮސްކޯ (މޭ 29) : އެންމެފަހުގެ ޒަމާނީ ޓެކްނޮލޮޖީގައި ރަޝިޔާއިން އުފެއްދި ކޮމާޝަލް ފްލައިޓް ކަމަށްވާ (އީކޯޓް އެމްސީ -21 -300) ގެ ފުރަތަމަ ޓެސްޓް ދަތުރު ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

ބައިގަޑީއިރަށް ދަތުރުކުރި މިފްލައިޓް އުދުހިފައި ވަނީ ގަޑީއަކު 350 ކިލޯމީޓަރުގެ ބާރުމިނުގައި ތިރީސް ހާސް ފޫޓު މަތިންނެވެ. މި މަރުކާގެ ދެ ސައިޒެއްގެ ބޯޓުރަޝިޔާއިން ވަނީ އުފައްދާފައެވެ. އެއީ 160 ގޮނޑި އާއި 211 ގޮނޑިއާ ދެމެދުގެ ގޮނޑި ހުންނަ ބޯޓަކާއި 130 ގޮނޑިއާއި 165 ގޮނޑިއާ ދެމެދުގެ ގޮނޑި ހުންނަ ބޯޓެކެވެ.

މިއީ އެއަބަސް އާއި ބޮއިންގް ކުންފުނިން އުފައްދާ އެންމެ ޒަމާނީ ކޮމާޝަލް ފްލައިޓްތަކުގެ ފެންވަރަށް ރަޝިޔާއިން ފުރަތަމަ އުފެއްދި ބޯޓެވެ. މިބޯޓު އުފެއްދީ ރަޝިޔާގައި މަދަނީ މަތިންދާބޯޓު އުފައްދާ އެންމެ ބޮޑު ކުންފުނިކަމަށްވާ އީކޯޓް ކުންފުނިންނެވެ. އީކޯޓް އެމްސީ -21 -300 ގެ މަރުކާގެ ފަސިންޖަރު މަތިންދާބޯޓު އުފައްދަމުންގެންދާކަން ރަޝިޔާއިން އިޢްލާންކޮށްފައި ވަނީ 2016 ވަނަ އަހަރުއެވެ. އޭރުގެ މިބޯޓުވަނީ ނިންމުމުގެ މަގުމަތީގައެވެ.

ރަޝިޔާއިން އުފެއްދި އީކޯޓް އެމްސީ -21 -300 ގެ މަރުކާގެ ކޮމާޝަލް މަތިންދާބޯޓަކީ ހުއްޓުމެއް ނެތި ހަހާސް ކިލޯމީޓަރުގެ ރާސްތާއަށް 211 ފަސިންޖަރުންނާއި 8 ކުރޫންނާއެކު ދަތުރުކުރުމުގެ ގާބިލްކަން ލިބިފައިވާ ބޯޓެކެވެ. ޖެޓް އިންޖީނުގެ ދެ އިންޖީނު އަޅާފައިވާ މިބޯޓު ދުނިޔޭގެ ގައުމުތަކަށް ވިއްކަން ފަށާނީ 2019 ވަނަ އަހަރުތެރޭގައި ކަމަށް ރަޝިޔާއިން ބުނެއެވެ.

މިއީ ކުރީގެ ސޮވިއެޓް ޔުނިޔަން ރޫޅިގެންދިޔުމަށްފަހު މިފެންވަރުގެ ފަސިންޖަރު ކޮމާޝަން ޖެޓެއް ރަޝިޔާއިން ބާޒާރަށް ނެރުނު ފުރަތަމަ ފަހަރެވެ. މީގެ 175 ބޯޓުގަތުމަށް މިހާރުވެސް އެކި ގައުމުތަކުން އީކޯޓް ކުންފުންޏަށް އޯޑަރު ދީފައިވެއެވެ. އަދި 2019 ވަނަ އަހަރާ ހަމައަށްދާއިރު އީކޯޓް އެމްސީ -21 -300 ގެ 500 އެއްހާ ބޯޓު އުފެއްދުމުގެ އޯޑަރު ލިބޭނެކަމަށް އެކުންފުނިން ލަފާކޮށްފައިވެއެވެ. އީކޯޓް އެމްސީ -21 -300 ގެ ބޯޓުތަކަކީ ޔޫރަޕްގެ އެއާބަސް އޭ 320 ގެ ބޯޓާއި ބޮއިންގް – 737 ބޯޓުތަކާ އެއްފެންވަރުގެ ބޯޓުތަކެއްކަމަށް އެދެކުންފުނިންވެސް އެއްބަސްވެއެވެ.

ޗައިނާއިން އުފެއްދި ކޮމާޝަލް މަތިންދާބޯޓު

ޗައިނާއިންވެސް މިއަހަރު ކުރީކޮޅުވަނީ އެއާބަސް އޭ 320 ގެ ބޯޓާއި ބޮއިންގް – 737 އާ އެއްފެންވަރުގެ ކޮމާޝަލް ފަސިންޖަރު މަތިންދާބޯޓެއް އުފައްދައި އެބޯޓުގެ ކާމިޔާބުކަމާއެކު ތަޖްރިބާ ކޮށްފައެވެ. ކޮމަކް ސީ 919 މަރުކާގެ ނަމުގައި އުފެއްދި މިބޯޓް 2020 ވަނަ އަހަރު ޚިދްމަތަށް ނެރޭކަމަށް ޗައިނާ ބުނެއެވެ. މިއާއެކު ޗައިނާގެ ކޮމަކް ކުންފުންޏާއި ރަޝިޔާގެ އީކޯޓް ކުންފުނިން ވަނީ އެ ދެ ކުންފުނި ގުޅިގެން ބޮޑެތި ކޮމާޝަލް ފްލައިޓްތައް އުފެއްދުމުގެ އެއްބަސްވުމެއްގައި މިދިޔަ އާދީއްތަ ދުވަހު ސޮއިކޮށްފައެވެ.

މި ދެ ކުންފުނި ގުޅިގެން ތައްޔާރުކުރާ ކޮމާޝަލް ފަސިންޖަރު ޖެޓްތައް 2022 ވަނަ އަހަރު ދުނިޔޭގެ ބާޒާރަށް ނެރޭނެކަން އެ ދެ ކުންފުނިން ވަނީ ހާމަކޮށްފައެވެ.

ޗައިނާގެ ކޮމަކް ކުންފުންޏާއި ރަޝިޔާގެ އީކޯޓް ކުންފުންޏަކީ ކޮމާޝަލް ފްލައިޓްތައް އުފެއްދުމުގެ ދާއިރާގައި ޔޫރަޕްގެ އެއާބަސް ކުންފުންޏާއި އެމެރިކާގެ ބޮއިންގް ކުންފުންޏާ ވާދަކޮށް މި ދާއިރާއިން އެ ދެ ކުންފުނީގެ މޮނޮޕޮލީ މުސްތަގްބަލްގައި ކަނޑުވާލާނެ ދެކުންފުނިކަމަށް ތަޖްރިބާކާރުން ބުނެއެވެ. (ނޫސްއެޖެންސީތައް)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު