ރޯދަ މަހު ފަލަސްތީނުގައި ވަރިކުރުން މަނާކޮށްފި

ފަލަސްތީނުގައި 2015 ވަނަ އަހރު 50،000 ކައިވެނިކޮށްފައިވާ އިރު 8،000 ވަރި ރެޖިސްޓާ ކޮށްފައިވޭ -- ފޮޓޯ: ރޮއިޓާސް

ގާޒާ ސިޓީ (މެއި 29): ރޯދަ މަހު ފަލަސްތީނުގައި ވަރި ނުކުރެވޭނެ ކަމަށް އެގައުމުގެ އިސްލާމިކް ކޯޓުގެ އެންމެ އިސް ފަނޑިޔާރު މަހްމޫދު ހަބާޝް ނިންމަވައިފި އެވެ.

ފަނޑިޔާރު ހަބާޝް ވިދާޅުވި ގޮތުގައި އެފަދައިން ނިންމީ ފާއިތުވި އަހަރުތަކުގެ ތަޖުރިބާއަށް ބިނާކޮށެވެ. ސަބަބަކީ ރޯދަ ހިފުމުގެ ސަބަބުންނާއި ދުންފަތުގެ އިސްތިއުމާލު ނުކުރެވުމުގެ ސަބަބުން ބައެއް މީހުން ރުޅިގަދަވެ، ހަރުކަށިކޮށް ވާހަކަ ދެކެވޭ ގޮތް ވާތީ ކަމަށް ހަބާޝް ވިދާޅުވި އެވެ.

"ނުކައި ތިބުމުންނާއި ދުންފަތުގެ އިސްތިއުމާލު ނުކުރެވުމުން މައްސަލަތައް ކުރިމަތިވޭ. އަދި ރަނގަޅަށް ނުވިސްނާ ބައެއް ނިންމުންތައް ނިންމޭ،" ހަބާޝް ވިދާޅުވި އެވެ.

ފަލަސްތީނުގެ ސަރުކާރުން ބުނާ ގޮތުގައި 2015 ވަނަ އަހަރު 50،000 ކައިވެނިކޮށްފައިވާ އިރު 8،000 ވަރި ރެޖިސްޓާ ކޮށްފައިވެ އެވެ. އަދި އެސަރަހައްދުގައި ވަރި ގިނަވާ ސަބަބުތަކުގެ ތެރޭގައި ވަޒީފާ ނުލިބުމާއި ފަގީރުކަން ހިމެނެ އެވެ. ފަލަސްތީނުގައި ވަރި އާއި ކައިވެނި ކޮށްދިނުމުގެ ބާރު ލިބިގެން ވަނީ ދީނީ ކޯޓުތަކަށް އެކަންޏެވެ. (އަލްޖަޒީރާ)

comment ކޮމެންޓް