އަދީބު ގޭ ބަންދަށް ބަދަލުކޮށްދޭން އެދިއްޖެ

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލް ޣަފޫރު

ޖަލުގައި ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލް ޣަފޫރު ގޭ ބަންދަށް ބަދަލުކޮށްދޭން އެދިއްޖެއެވެ.

ފުލުހުންގެ އިދާރާ އަށާއި މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއަށް އަދީބުގެ ގާނޫނީ ވަކީލުން ފޮނުވި ސިޓީގައި އެދިފައި ވަނީ ރޯދަ މަސް ނިމެންދެން އޭނާ ގޭ ބަންދަށް ބަދަލުކޮށްދިނުމަށެވެ.

ސިއްހީ މައްސަލަތަކެއް ދިމާވެ އެކިފަހަރުމަތިން އަދީބު ޑޮކްޓަރަށް ދައްކާފައިވާ ކަމަށާއި ކުރިމަތިވެފައިވާ ބަލިތަކުގެ ތެރޭގައި ލޮލުގެ ވަރަށް ނުރައްކާތެރި ބައްޔެއް ކަމަށްވާ "ގްލޮކޮމާ" ހިމެނޭ ކަމަށް އެ ސިޓީގައި ވަނީ ފާހަގަކޮށްފައެވެ.

އެ ސިޓީގައި ފާހަގަކޮށްފައިވާ ގޮތުގައި އަދީބުގެ ސިއްހީ ހާލަތު އަންނަނީ ދުވަހެއް ދުވަހަކަށް ދަށަށެވެ.

ޓެރަރިޒަމްގެ ކުށުގައި ހުކުމް ކޮށްފައިވާ އެހެން ބައެއް ގައިދީން ވެސް ރޯދަ މަސް ނިމެންދެން ގޭ ބަންދަށް ބަދަލުކޮށްފައިވާ ކަމަށް އެ ސިޓީގައި ފާހަގަކޮށްފައިވެ އެވެ.

"އަޅުގަނޑުގެ މުވައްކިލުގެ ސިއްހީ ހާލަތު ކަންބޮޑުވާ ދަރަޖައަކަށް ގޮސްފައިވާތީ ސަރުކާރުން ރަމަޟާން މަހަށް ދެއްވަމުން ގެންދަވާ ލުއި އަޅުގަނޑުގެ މުވައްކިލަށް ވެސް ހަމަޖައްސަވައިދެއްވުން އެދެމެވެ،" އެ ސިޓީގައިވެއެވެ.

ޖަލުގައި ހުކުމް ތަންފީޒު ކުރަމުން އަންނަ އަދާލަތު ޕާޓީގެ ރައީސް އައްޝައިޚް އިމްރާން އަބްދުﷲ އާއި ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް ދާދިފަހުން ވަނީ ރޯދަ މަސް ނިމެންދެން ގޭ ބަންދަށް ބަދަލުކޮށްފައެވެ.

comment ކޮމެންޓް