މުސްލިމުން ދިފާއު ކުރަނިކޮށް މަރުވި ބަތަލުންގެ އާއިލާތަކަށް ފައިސާގެ އެހީ

މުސްލިމުންގެ ދިފާއުގައި ތެދުވުމުން ދިން ވަޅީގެ ހަމަލާގައި މަރުވި ޓަލިސީން މިރްޑިން ނަމްކައި (ވ) އާއި ރިކީ ޖޯން ބެސްޓް (މ) އަދި މިކާ ޑޭވިޑް ފްލެޗާ -- ފޮޓޯ: ފޭސްބުކް

ޕޯޓްލޭންޑް (މެއި 29): އެމެރިކާގެ ރޭލެއްގައި މުސްލިމް އަންހެން ކުއްޖަކާ އެ ކުއްޖާގެ އެކުވެރިޔާއާ ދިމާކުރަމުންދިޔަ މީހަކު ހުއްޓުވަން މަސައްކަތް ކުރަނިކޮށް ވަޅީގެ ހަމަލާއެއް އަމާޒުވި ތިން މީހުންގެ އާއިލާތަކަށް އެހީވުމަށް 600،000 ޑޮލަރު އެއްކޮށްފި އެވެ.

ހުކުރު ދުވަހު ހިނގި އެ ހާދިސާގައި ހަމަލާ އަމާޒުވި 23 އަހަރުގެ ޓަލިސީން މިރްޑިން ނަމްކާއި 53 އަހަރުގެ ރިކީ ޖޯން ބެސްޓް ވަނީ މަރުވެފަ އެވެ. އަދި ހަމަލާގައި ޒަހަމްވި ތިން ވަނަ މީހާ ކަމަށްވާ މިކާ ޑޭވިޑް ފްލެޗާއަށް ދަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.

މަންޒަރު ދުށް ފަރާތްތަކުން ބުނާ ގޮތުގައި އެތިން މީހުންނަށް ވަޅިން ހަމަލާ ދިނީ ބުރުގާ އަޅައިގެން ހުރި ކުއްޖަކާއި އެ ކުއްޖާގެ އެކުވެރިޔާއާ ސުވާލުކޮށް، އިސްލާމް ދީނާ ދެކޮޅަށް ވާހަކަ ދައްކަމުން ދިޔަ މީހެކެވެ. އަދި އެ ހަމަލާ ދިނީ އެމީހާ ހުއްޓުވަން މަސައްކަތް ކުރުމުންނެވެ.

ޕޯޓްލޭންޑުގެ ފުލުހުން ލަފާ ކުރާ ގޮތުގައި ހަމަލާ ދިން މީހާ އެހަމަލާ އަމާޒު ކުރީ ދެ އަންހެން ކުދިންނަށް ކަމަށްވުން އެކަށީގެންވެ އެވެ.

"ހުރިހާ މުސްލިމުން މަރުވާން ޖެހޭ" ކަމަށް ބުނެ އެހަމަލާ ދިން ޖެރެމީ ޖޯސެފް ކްރިސްޓިއަން ވަނީ ހައްޔަރުކޮށްފަ އެވެ. އަދި މާދަމާ އޭނާ ކޯޓަށް ހާޒިރު ކުރާނެ ކަމަށް ފުލުހުން ބުންޏެވެ.

އެހަމަލާގައި މަރުވި މީހުންގެ ތެރެއިން ބެސްޓަކީ އެމެރިކާގެ އަސްކަރިއްޔާގައި ހިދުމަތްކޮށްފައިވާ މީހެކެވެ. އަދި ހަމަލާގައި ޒަހަމްވި ތިން މީހުންނަށް ވެސް ގިނަ ބަޔަކު ދަނީ ތައުރީފު ކޮށް، އެމީހުންގެ އާއިލާތަކަށް ހަމްދަރުދީގެ މެސެޖު ފޮނުވަމުންނެވެ.

ނަމަވެސް އެހަމަލާއާ ގުޅިގެން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެއްވެސް އެއްޗެކޭ ވިދާޅުނުވަނީ ކީއްވެތޯ ގިނަ ބަޔަކު ވަނީ ސުވާލު އުފައްދާފަ އެވެ. އަދި އެކަމާ ގުޅިގެން ރައީސަށް ވަނީ ސޯޝަލް މީޑިއާގައި ފާޑު ކިޔުންތައް އަމާޒުވެފަ އެވެ. (ބީބީސީ)

comment ކޮމެންޓް