ސްރީލަންކަން އެއާލައިންސް އޮސްޓްރޭލިއާއަށް ސީދާ ދަތުރުތައް ފަށަނީ

ސްރީލަންކަން އެއާލައިންސްގެ ފްލައިޓެއް

ސްރީލަންކާގެ ގައުމީ އެއާލައިން ސްރީލަންކަން އެއާލައިންސްއިން މިއަހަރުގެ ތެރޭގައި އޮސްޓްރޭލިއާއަށް ސީދާ ދަތުރުތައް އަނެއްކާވެސް ފެށުމަށް ނިންމައިފި އެވެ.

ސްރީލަންކަން އެއާލައިންސްއިން އިއްޔެ ވަނީ، ކޮލޮމްބޯއާ އޮސްޓްރޭލިއާގެ މެލްބަންއާ ދެމެދު ބާއްވާ ފްލައިޓުތަކަށް ރިޒަވޭޝަން ހެދުމުގެ ފުރުސަތު ހުޅުވާލައިފައެވެ.

އެ އެއާލައިން މެލްބަންއަށް ދަތުރުތައް ފެށުމަށް ހަމަޖެހިފައި ވަނީ މިއަހަރުގެ އޮކްޓުބަރު މަހުގެ 29 ވަނަ ދުވަހުން ފެށިގެންނެވެ.

މެލްބަންއަކީ ސްރީލަންކަންއިން 2001 ވަނަ އަހަރާ ހަމައަށް ދަތުރުކުރަމުން އައި މަންޒިލެކެވެ. އެހެން ނަމަވެސް އެ އަހަރު ސްރީލަންކަންއިން އެ މަންޒިލަށް ދަތުރުކުރުން ވަނީ ހުއްޓާލައިފައެވެ.

ސްރީލަންކަންއިން ބުނި ގޮތުގައި، މެލްބަންއަށް ސީދާ ދަތުރުތައް އަލުން ފަށަނީ އޮސްޓްރޭލިއާގައި އުޅޭ ގިނަ އަދަދެއްގެ ލަންކާ ރައްޔިތުންނަށް އަމިއްލަ ވަޒަނާ ސީދާ ގޮތުން ގުޅުވައިދިނުމަށެވެ.

ސްރީލަންކަން އެއާލައިންސްގެ ޗީފް ކޮމާޝަލް އޮފިސަރ ސިވާ ރާމަޗަންދްރަން ވިދާޅުވީ، ލަންކާއާ އޮސްޓްރޭލިއާއާ ދެމެދު ސީދާ ދަތުރެއް މިހާތަނަށް ނެތް ނަމަވެސް، ކުއަލަ ލަމްޕޫރާއި ސިންގަޕޫރު މެދުވެރިކޮށް ވިޔަސް ލަންކާއިން މެލްބަންއަށް ދަތުރުކުރާ މީހުންގެ އަދަދު ދަނީ އިތުރުވަމުން ކަން ފާހަގަވެފައިވާ ކަމަށެވެ.

comment ކޮމެންޓް