ހިތުގައި ހުރި ސުވާލުތަކަށް ޖަވާބު ލިބުނީ އިސްލާމް ދީނުން

އެމެރިކާގެ ރައްޔިތެއް ކަމަށްވާ ޓީނާ ދަރް އަޔާދް އަކީ ކްރިސްޓިއަން އާއިލާ އަކަށް އުފަން އަންހެނެކެވެ. އޭނާގެ މަންމަ އަދި މާމަ އަކީ ވެސް ގަވާއިދުން ކްރިސްޓިއަން ދީނުގެ އަޅުކަންތައް އަދާކުރާ ބައެކެވެ. އަދި ޓީނާ އަށް ވެސް އަޅުކަން ކުރުމަށް އަންގަ އެވެ.

ނަމަވެސް ޓީނާ އަށް ކްރިސްޓިއަން ދީނުން އެއްވެސް އުފާވެރިކަމެއް ނުލިބެ އެވެ. އޭނާގެ ހިތުގައި ވަނީ ނުތަނަވަސްކަމާއި ސުވާލުތަކެކެވެ. އެގޮތުން އޭނާ އެންމެ ގިނައިން މަންމަ އާއި މާމަ ގާތުން އަހައި އުޅުނު ސުވާލަކީ، އޭނާ ނަމާދުކޮށް ދުއާ ކުރަން ބޭނުން ނަމަ، ސީދާ ކަލާނގެ އަށް އަޅުކަން ކުރުމުގެ ބަދަލުގައި އީސާގެ ފާނަށް އަޅުކަން ކުރަންވީ ކީއްވެ ހެއްޔެވެ؟

މަންމަ ގާތު އެ ސުވާލު އެހުމުން ލިބޭ ޖަވާބަކީ އެއީ އެމީހުންގެ ފޮތް، ބައިބުލްގައި އޮންނަ ގޮތް ކަމަށާއި، ފޮތުގައިވާ ގޮތް ގަބޫލު ކުރަން ޖެހޭނެ ކަމަށެވެ. މިއީ ޓީނާ ބޭނުންވި ޖަވާބެއް ނޫނެވެ. އެއީ އީސާގެ ފާނަށް އަޅުކަން ކުރުން އެކަށީގެންވާ ސަބަބެއް ކަމަކަށް އޭނާ އަށް ގަބޫލެއް ނުކުރެވުނެވެ.

މާމަ ވެސް ޓީނީ އަށް ދިނީ ހަމަ އެ ޖަވާބެވެ. ބައިބަލް ގައިވާ ގޮތް ގަބޫލުކޮށް އެގޮތަށް އަމަލު ކުރަން ޖެހޭނެ ކަމަށެވެ. ނަމަވެސް ދުވަހަކު ވެސް އީސާގެ ފާނަކީ ކަލެއް ކަމަށް ގަބޫލުކޮށް، އަޅުކަން ކުރަން ޓީނާ ބޭނުމެއް ނުވި އެވެ. އެއީ ރަނގަޅު ގޮތް ކަމަށް އޭނާ އަށް ގަބޫލު ނުކުރެވޭތީ އެވެ.

މަންމަ އާއި މަންމަގެ ފަރާތުން ޖަވާބު ނުލިބުމުން، ޓީނާ ނިންމީ އޭނާ އަމިއްލަ އަށް ބައިބުލްގައިވާ ވާހަކަތައް ކިޔައި ޖަވާބު ހޯދާށެވެ. އެގޮތުން ފުރަތަމަ ދުވަހު ބައިބުލް ކިޔަން ފެށި ތަނާ އޭނާގެ ބޮލުގައި ވަރަށް ބޮޑަށް ރިއްސަން ފެށި އެވެ. އެއީ މައިގްރޭންގެ ސަބަބުން އޭނާ އަށް ދިމާވާ މައްސަލަ އެކެވެ. ބޮލުގައި ރިއްސަން ފަށައިފި ނަމަ ދެން ޓީނާ އަށް އެއްވެސް އެއްޗެއް ނުފެންނާނެ އެވެ. އެހެންކަމުން އެ ދުވަހު ބައިބުލް ބޭއްވީ އެހެން ދުވަހަކުން ކިޔުމަށް ނިންމައިގެންނެވެ. ނަމަވެސް ބައިބުލް ކިޔުމަށް ދެން މަސައްކަތް ކުރި ދެ ފަހަރު ވެސް ކަންތައް ދިމާވީ ހަމަ އެހެންނެވެ. އެހެންކަމުން އޭނާ ނިންމީ އެއީ ބައިބުލް ނުކިޔުމަށް އޭނާ އަށް ލިބުނު އިޝާރާތެއް ކަމަށެވެ.

ޓީނާގެ ހިތުގައި އުފެދިފައިވާ ސުވާލުތަކަށް ޖަވާބު ލިބުނީ އޭނާގެ މިހާރުގެ ފިރިމީހާ އާއި ދިމާވުމުންނެވެ. ޓީނާ އަށް އިސްލާމް ދީނުގެ ކަންކަން ބުނެދިނީ އޭނާގެ ފިރިމީހާ އެވެ.

ޓީނާގެ ފިރިމީހާ އަކީ ޗިކާގޯގައި ފިހާރައެއް ހިންގާ މީހެކެވެ. ޓީނާ އާއި ދެމީހުން ބައްދަލުވީ އެ ފިހާރަ އިންނެވެ. އަދި ދެމީހުން ވާހަކަ ދައްކަން ފެށި އެވެ. ޓީނާގެ ފިރިމީހާ އަކީ މުސްލިމެކެވެ. އަދި ވަރަށް ގިނަ އިން އިސްލާމް ދީނުގެ ވާހަކަތައް ޓީނާ އަށް ކިޔަދީ ހަދަ އެވެ. އަދި ޓީނާގެ ދީނުގެ ވާހަކަތައް އަހަ އެވެ. ދީނާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ގޮސް، މުސްލިމުން އަޅުކަން ކުރަނީ ސީދާ އެއްކައުވަންތަ ރަސްކަލާނގެ އަށް ކަން ޓީނާ އަށް އެނގުނެވެ.

އޭނާ އެންމެ ކުޑަ އިރުން ފެށިގެން ކުރަމުން އައި ސުވާލުގެ ޖަވާބު ލިބުނީ އެވެ. މެދުވެރިޔަކާ ނުލައި ސީދާ އެއްކައުވަންތަ ރަސްކަލާނގެ އަށް އަޅުކަން ކުރެވޭނެ ދީނަކީ އިސްލާމް ދީން ކަން ޓީނާ އަށް އެނގުނެވެ. އަދި މިއޮށް ހުރިހާ ދުވަހު ޓީނާ ހޯދަން ބޭނުންވީ އިސްލާމް ދީނުގެ ހިޔާވަހިކަން ކަން ޔަގީންވި އެވެ.

އީސާގެ ފާނަކީ ﷲގެ ރަސޫލެއް ކަމާއި، އެއީ ކަލެއް ނޫންކަން ޓީނާ އަށް އެނގުނެވެ. އެއާ އެކު ޝަހާދަތުގެ ދެކަލިމަ ދުލުން ކިޔައި އޭނާ އިސްލާމްވީ އެވެ. ގަޔަށް ދޫކޮށް ހުންނަ ދިގު ހެދުން އަދި ބުރުގާ އިން އޭނާގެ ހަށިގަނޑު ނިވާ ކުރި އެވެ.

ކުއްލިއަކަށް ޓީނާގެ ހަޔާތަށް އެހާ ބޮޑު ބަދަލެއް އައުމުން އާއިލާ އާއި އެކުވެރިންނަށް ސިހުން ލިބުނެވެ. ނަމަވެސް ޓީނާ އަށް ފަރުވާލެއް ނެތެވެ. އޭނާގެ ހިތުގައި އެންމެ ކުޑަ އިރުން ފެށިގެން ވެސް އުފެދިފައި ހުރި ސުވާލުތަކަށް ޖަވާބު ލިބުނީ އިސްލާމް ދީނުންނެވެ. ހިތާއި ސިކުނޑި އަށް ހަމަޖެހުން ގެނެސްދިނީ ކީރިތި ޤުރްއާނުންނެވެ.

މުސްލިމް އުންމަތަށް އަދި ޒުވާނުންނަށް ޓީނާ ދޭން ބޭނުންވާ މެސެޖަކީ:-

"އިސްލާމް ދީނަކީ ސުލްހައިގެ ދީން. އިސްލާމް ދީނުގައި ހަމަނުޖެހުންތަކާއި ހަނގުރާމަތަކަށް ހިތްވަރެއް ނުދޭ. އިސްލާމް ދީނަކީ ނަފުރަތުގެ ދީނެއް ނޫން. ދިރިއުޅެންވީ ގޮތް. އިސްލާމް ދީނަކީ އަމަން އަމާންކަމަށް ގޮވާލާ ދީން،"

comment ކޮމެންޓް