ޔޫރޮޕާ ލީގުގެ ކާމިޔާބީއަށް ފަހު ރޯދަމަސް ފެށުމަށް ޕޮގްބާ މައްކާއަށް

މެންޗެސްޓާ ޔުނައިޓެޑްގެ ފްރާންސް ފޯވާޑް ޕައުލް ޕޮގްބާ، އުމްރާ ހެދުމުގައި މައްކާގެ ގެފުޅަށް ބަލަހައްޓައިގެން. އޭނާ ބުނީ މިއީ ހަޔާތުގައި ފެނުނު އެންމެ ރީތިތަން ކަމަށް -- އިންސްޓަގްރާމް ފޮޓޯ: ޕޮގްބާ

މެެންޗެސްޓާ ޔުނައިޓެޑާއެކު މިފަހަރުގެ ޔޫރޮޕާ ލީގު ޓްރޮފީ އުފުލައިލުމަށް ފަހު، ރަމަޟާން މަސް ފެށުން ފާހަގަކުރުމުގެ ގޮތުން ފްރާންސްގެ ފޯވާޑް ޕައުލް ޕޮގްބާ މައްކާއަށް ޒިޔާރަތްކޮށްފިއެވެ.

ސްވިޑުންގެ ސްޓޮކްހޯމްގައި އަޔެކްސް އަތުން 2-0 ލަނޑުން މޮޅުވެ މެންޗެސްޓާ ޔުނައިޓެޑުން ޔޫރޮޕާ ލީގު ކާމިޔާބުކޮށް، ކުރިއަށް އޮތް ސީޒަންގެ ޗެމްޕިއަންސް ލީގުން ޖާގައެއް ހޯދިތާ، ތިން ދުވަސް ފަހުން ޕޮގްބާ ވަނީ ސައުދީ އަރަބިއްޔާއަށް ޒިޔާރަތްކޮށްފައެވެ. އަދި، މިހިނގާ ރޯދަމަހު އުމްރާ ވުމަށްޓަކައި އުމްރާ ހެދުމުގައި، މައްކާގެ ގެފުޅު ކައިރީގައި ހުރެ ނަގާފައިވާ ފޮޓޯއެއް އޭނާ ވަނީ، އިންސްޓަގްރާމްގައި ޝެއާކޮފައެވެ.

ސައޫދީއަށް ފުރުމުގެ ކުރީން، މެންޗެސްޓާގައި އޭނާ ދިރިއުޅޭ އެޕާޓްމަންޓް ކައިރީގައި ހުރެ ޕޮގްބާ ނަގާފައިވާ ފޮޓޯއެއް އިންސްޓަގްރާމްކޮށް އޭގެ ކެޕްޝަންގައި، މި ސީޒަންގެ ކާމިޔާބީއަށް ޝުކުރު އަދާކުރުމަށް ދިއުމުގެ މަގުމަތީގައި ވާ ކަމަށާއި، އަދި އަޅުކަމަށްފަހު ވަރަށް އަވަހަށް އެނބުރި މެންޗެސްޓާއަށް އަންނާނޭކަމަށް ލިޔެފައިވެއެވެ.

އޭގެ ޖެހިގެން އައި ދުވަހު ޕޮގްބާ ވަނީ، ގެފުޅު ކައިރީގައި އުމްރާ ހެދުމުގައި ހުރެ ނަގާފައިވާ ފޮޓޯއެއް ޝެއާކޮށްފައެވެ. އެ ފޮޓޯގެ ކެޕްޝަންގައި، ގެފުޅަކީ އޭނާގެ ހަޔާތުގައި ފެނުނު އެންމެ ރީތި ތަން ކަމަށް ލިޔެފައި ވެއެވެ.

އަދި އޭގެ ކުރީން، އުމުރުން 24 އަހަރުގެ ފްރާންސް ފޯވާޑް ކޮށްފައިވާ ގެފުޅު އަރިހުގައި ނަގާފައިވާ ވީޑިއޯއަކާއެކު ލިޔެފައިވާ ޕޯސްޓެއްގައި، އެންމެހައި މުސްލިމުންނަށް ރޯދަމަހަށް މަރުހަބާކިޔާފައިވެއެވެ.

ކުރީން ޔުވެންޓަސްއަށް ކުޅުނު ހުނަރުވެރި ފޯވާޑް ވަނީ، އަޔެކްސްއާ ދެކޮޅަށް ޔުނައިޓެޑް ކުޅުނު މެޗުގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށް ޔުނައިޓެޑަށް އެމެޗުގެ ލީޑު ހޯދައިދީފައެވެ.

ކުރިއަށް އޮތް އިންޓަނޭޝަނަލް ބްރޭކްގައި، ފްރާންސްގެ ގައުމީ ޓީމަށް ގުޅުމަށްފަހު، ޕޮގްބާ އެނބުރި މެންޗެސްޓާއަށް ދިއުމަށް ހަމަޖެހިފައި ވަނީ، އަންނަ ޖުލައި މަހުގެ ތެރޭގައެވެ.

comment ކޮމެންޓް