އިންޓަކޮންޓިނެންޓަލް ބަލިސްޓިކް މިސައިލަކަށް ހުރަސްއެޅުމުގެ ތަޖްރިބާއެއް އެމެރިކާ ކުރަނީ

އުތުރުކޮރެޔާއިން ތަޖްރިބާކުރި އިންޓަކޮންޓިނެންޓަލް ސްޓްރެޓީޖިކް މިސައިލް

ވޮޝިންޓަން (މޭ 28) : މިދިޔަ ހަފްތާގެ ކުރީކޮޅު އުތުރުކޮރެޔާއިން ތަޖްރިބާކުރި ބާވަތުގެ އިންޓަކޮންޓިނެންޓަލް ސްޓްރެޓީޖިކް މިސައިލަށް ހުރަސްއެޅުމުގެ ގާބިލްކަން ލިބިފައިވާ އައު ވައްތަރެއްގެ މިސައިލެއް ޖައްވުގައި ތަޖްރިބާކުރަން ތައްޔާރުވަމުންދާކަން އެމެރިކާ ހާމަކޮށްފި އެވެ.

އެމެރިކާގެ ދިފާއީ ވުޒާރާ ޕެންޓަގަންއިން ބުނީ މިމިސައިލް އިން ވައްޓާލުމަށް ހަމަޖެހިފައިވާ ޑަމީ މިސައިލް އަކީ އެއްބައްރުން އަނެއް ބައްރަށް ފޮނުވާ ބާވަތުގެ އިންޓަކޮންޓިނެންޓަލް ބެލަސްޓިކް މިސައިލެއްކަމަށާ އެމިސައިލް ފޮނުވާލާނީ ޕެސިފިކް ކަނޑުގައި އޮންނަ މާޝަލް އައިލެންޑްގައިވާ އެމެރިކާގެ އަސްކަރީ ބޭހަކުންނެވެ. ހުރަސްއަޅާ މިސައިލް ފޮނުވާލާނީ ކެލިފޯނިޔާގައި ހުންނަ އެމެރިކާ ސިފައިންގެ ވައިގެ ބޭހެއްކަމަށްވާ ވެންޑަންބާގް ވައިގެ ބޭހުންކަމުގަ އެވެ.

ހުރަސްއަޅާ މިސައިލް ފޮނުވާލާނީ ރާޑަރުތަކާއި ސެޓަލައިޓްތައް ބޭނުންކޮށްގެން އުފައްދާފައިވާ ވަރަށް ސޮފިސްޓިކޭޓެޑް އިންޓަގްރޭޓެޑް ސިސްޓްމެއް ބޭނުންކޮށްގެންނެވެ. މިއީ އެއްބައްރުން އަނެއް ބައްރަށް ދަތުރުކުރުމުގެ ގާބިލްކަން ލިބިފައިވާ އިންޓަކޮންޓިނެންޓަލް ސްޓްރެޓީޖިކް މިސައިލެއް ޖައްވުގައި ވައްޓާލުމަށް ކުރެވޭ ފުރަތަމަ ތަޖްރިބާކަމަށް ވެސް ޕެންޓަގަންއިން ބުނެ އެވެ.

އުތުރުކޮރެޔާ ދާދިފަހުން ބެލަސްޓިކް މިސައިލްގެ ހަތަރު މިސައިލް ތަޖްރިބާކޮށްފައިވާ އިރު އޭގެތެރެއިން ދެ ތަޖްރިބާ ކާމިޔާބުކަމަށާ އޭގެތެރެއިން އެއްމިސައިލަކީ ހަތަރު ހާސް ކިލޯމީޓަރުގެ ރާސްތާގެ އިންޓަކޮންޓިނެންޓަލް މިސައިލެއްކަމަށް ޖާސޫސީ ރިޕޯޓްތައް ބުނެ އެވެ. އަދި އެމެރިކާގެ އަސްކަރީ ޖާސޫސީ އިދާރާގެ ވެރިޔާ ޖެނެރަލް ވިންސެންޓް ސްޓީވާޓް ވަނީ ދުނިޔޭގެ ބޮޑެތި ބައްރުތައް ހުރަސްކުރާ ފަދަ އިންޓަކޮންޓިނެންޓަލް ބެލަސްޓިކް މިސައިލް ނިއުކްލިޔާ ވޯހެޑް އުފުލާ ގޮތަށް އުފެއްދުމަކީ އުތުރުކޮރެޔާއަށް ކުރެވިދާނެ ކަމެއް ކަމަށާ އެކަމަށް ބޭނުން ވަނީ ވަގުތުކަމަށް ވިދާޅުވެ ސެނެޓް ސަބް ކޮމިޓީއަކަށް މައުލޫމާތު ދެއްވާފަ އެވެ. (އަނަތޯލިޔާ ނޫސްއެޖެންސީ)

ގުޅޭ ޓެގު
comment ކޮމެންޓް