އިސްލާމް ދީނާ ދެކޮޅަށް ކުރި ބަހުސްތަކުން ލިބިގެން ދިޔައީ ތެދުމަގު!

އުމުރުން 38 އަހަރުގެ ޔޫސުފް ޗާ އަކީ ހިންދޫ ދީނުގެ އާއިލާ އަކަށް އުފަން މީހެކެވެ. އިނގެރޭސިވިލާތުގެ އިތުރުން އިންޑިއާގައި އުޅެ ބޮޑުވި ޔޫސުފްގެ އާއިލާ އަކީ މުއްސަނދި، މުޖުތަމައުގައި ގަދަރު ލިބިފައިވާ އާއިލާ އެކެވެ. ބޮޑެތި މައްސަލަތަކެއް ނެތް އާއިލާ، ދިރިއުޅެމުން ދިޔައީ ވަރަށް އުފާވެރި އަދި ހަމަޖެހޭ ދިރިއުޅުމެކެވެ.

އުފަލުން ދުވަސްތައް ހޭދަކުރަމުން ދިޔަ އާއިލާ އަށް ފުން ހިތާމައެއް ގެނުވީ ކުއްލި ގޮތަކަށް ޔޫސުފްގެ ބޮޑުބޭބެ މި ދުނިޔެ އާއި ވަކިވެގެން ދިއުމުންނެވެ. އޭރު ޔޫސުފްގެ އުމުރުން 15 ވަރަކަށް އަހަރެވެ. ހިންދޫ ދީނުގައި މަރުވާ މީހުންގެ ހަށިގަނޑު އަންދާލަނީ އެވެ. އަދި އެކަން ކުރަން އޮންނަނީ މަރުވާ މީހާގެ އެންމެ ދޮށީ ފިރިހެން ދަރި އެވެ.

ނަމަވެސް ޔޫސުފްގެ ބޮޑު ބޭބެގެ އެއްވެސް ފިރިހެން ދަރިއަކު ނެތުމާ އެކު، ބޮޑު ބޭބެ އަންދާލުމުގެ ކަންކަން ކުރަން ޖެހުނީ ޔޫސުފަށެވެ. އެހެންކަމުން ޔޫސުފް އަށް ޖެހުނީ އިންޑިއާގެ ބަނާރަސް އަށް ދާށެވެ. އެއީ މީހުން އަންދައި އެމީހުންގެ އަޅިތައް ގަންގާ ކޯރަށް ދޫކޮށްލުމުގެ ކަންކަން ކުރިއަށް ގެންދާ ތަނެވެ.

މަރަކީ އިންސާނާ އާއި ކިހާ ކައިރީގައިވާ އެއްޗެއްކަން ޔޫސުފަށް ވިސްނުނީ އެދުވަހު އެވެ. އަންދާލާފައިވާ އެތައް ހަށިގަނޑެއް އެދުވަހު އޭނާ އަށް ފެނުނެވެ. ދިރިއުޅުމުގެ މަގުސަދާއި ދުނިޔޭގައި ތިމާ އަބަދަށް ނުހުންނާނެ ކަން އެދުވަހު ޔޫސުފަށް ވިސްނުނެވެ.

އެހެންކަމުން އުމުރުން 15 އަހަރުގައި އެކި ދީންތަކާއި އެ ދީންތަކުގައި މަރާއި މަރުވުމަށް ފަހު ދެން ކަންތައް ވާނެގޮތާ މެދު އައިސްފައިވާ ވާހަކަތައް އޭނާ ކިޔަން ފެށި އެވެ. ހިންދޫ ދީނާއި، ކްރިސްޓިއަން ދީނާއި އިސްލާމް ދީނުގެ ކަންތައްތައް އޭނާ އުނގެނެން ފެށި އެވެ.

ދުވަސްވަރަކީ އިސްލާމް ދީނާ ދެކޮޅަށް ނޫސްތަކުގައި ތަފާތު ވާހަކަތައް ލިޔަމުން ދިޔަ ދުވަސްވަރެކެވެ. އަދި އިސްލާމް ދީނަކީ އަންހެނުންގެ ހައްގުތައް ނިގުޅައިގަންނަ، ޓެރަރިޒަމަށް ހިތްވަރުދޭ ދީނެއްގެ ގޮތުގައި ބުނަމުން ދިޔަ އެވެ. ޔޫސުފް ވެސް ދިޔައީ އެ ލިޔުންތައް ކިޔައި އެކަން ގަބޫލު ކުރަމުންނެވެ.

ނަމަވެސް އިސްލާމް ދީނުގެ ކަންކަން އުނގެނެން ފެށުމުން، އެއީ އިސްލާމް ދީނުގައި ކަން އޮންނަ އުސޫލު ނޫންކަން ޔޫސުފަށް ވިސްނުނެވެ. އަދި އިސްލާމްދީން އޭނާ އަށް ފޯރުކޮށްދިނީ މުޅިން އެހެން މެސެޖެކެވެ. އިސްލާމް ދީން ޔޫސުފަށް އަންގައިދިނީ ދިރިއުޅުމުގެ ހަގީގަތެވެ. މި ފަނާވަނިވި ދުނިޔޭގައި އިންސާނުންގެ މަގުސަދެއްވާ ކަމެވެ. އަދި މީގެ އެތައް ހާސް އަހަރެއް ކުރިން، އެ ހަގީގަތާއި މަގުސަދު އިންސާނުންނަށް އަންގައި ދިނުމަށް އެއްކައުވަންތަ ރަސްކަލާނގެ، ރަސޫލުންނާއި ނަބިއްޔުން ފޮނުވަމުން ދިޔަ ކަމެވެ.

މިއީ ކޮން ވާހަކަތަކެއް ހެއްޔެވެ؟ އޭނާ ކިޔަމުން ދިޔަ ނޫސް މަޖައްލާތަކުގައި މި ވާހަކަތައް ނެތީ ކީއްވެ ހެއްޔެވެ؟ އިސްލާމް ދީނުގެ ހަގީގަތް މުޅިން އޮޅުވާލާފައި މިވަނީ ކީއްވެ ހެއްޔެވެ؟

ހަމަގައިމު ވެސް ޔޫސުފް ކުރިން އިސްލާމް ދީނާ މެދު ދެކެމުން އައި ގޮތް ބަދަލުވާން ފެށިކަން އޭނާ އަށް އިހުސާސް ކުރެވުނެވެ. ނަމަވެސް ޔޫސުފް ބޭނުންވީ އޭނާގެ ހިތުގައި ހުރި އިސްލާމްދީނާ ގުޅޭ ސުވާލުތަކުގެ ޖަވާބު ހޯދާށެވެ.

އެހެންކަމުން އޭނާ އާއެކު ސްކޫލުގައި ކިޔަވަމުން ދިޔަ މުސްލިމް ކުދިންނާ އެކު އިސްލާމް ދީނާ ދެކޮޅަށް ބަހުސް ކުރަން ފެށި އެވެ. ނޫސް މަޖައްލާތަކުން އޭނާ ކިޔާފައިވާ "ހަގީގީ ހާދިސާ"ތަކާ ގުޅުވައިގެން، އިސްލާމް ދީނުގައި ހަރުކަށި އުސޫލުތައް އޮންނަނީ ކީއްވެތޯ ސުވާލު އުފެއްދި އެވެ.

ޔޫސުފް އުންމީދު ކުރީ އެ ބަހުސް އިން މޮޅު ވާނީ އޭނާ ކަމަށެވެ. އޭނާ އުފައްދަމުން ދިޔަ ސުވާލުތަކަށް އޭނާގެ އެކުވެރިންނަށް އެންމެ ފުރިހަމަ ޖަވާބެއް ނުދެވުނު ނަމަވެސް، ޔޫސުފްގެ ހިތުގައި އެ ހުރިހާ ސުވާލަކަށް ޖަވާބު ލިބެމުން ދިޔަ އެވެ. އަމިއްލަ އަށް ފެށި ބަހުސް އިން އޭނާ ބަލި ވަނީ އެވެ. ނަމަވެސް އެ ބައްޔަކީ އޭނާ އަށް ލިބުނު އެންމެ ވަރުގަދަ މޮޅެވެ.

އިސްލާމް ދީނުގެ ކަންކަން ހޯދަމުން ދަނިކޮށް ޔޫސުފްގެ ކްލާސް ޓީޗަރު އިސްލާމް ދީން ގަބޫލު ކުރީ އެވެ. އޭނާގެ މުޅި ދިރިއުޅުން ބަދަލުވެގެން ދިޔައީ އެ ހިސާބުންނެ އެވެ. އޭނާގެ ހިތް އެކީގައި އެނބުރިގެން ދިޔަ ކަމުގެ އިހުސާސް ކުރެވުނެވެ.

ޖެހިގެން އައި ދުވަހު ޔޫސުފް ވަނީ އޭނާ އިސްލާމް ވާން ބޭނުންވާ ކަން ހާމަކޮށްފަ އެވެ. އެ ބަސްތައް ދުލުން ބޭރުވި ވަގުތު، އޭނާ އަށް ކުރެވުނީ އަމިއްލަ ގޭގެ ރައްކާތެރި ކަމާއި ހިމާޔަތަށް އާދެވުނު ކަމުގެ އިހުސާސެވެ. އަދި އެއީ އަބަދު ވެސް އޭނާ ކުރަން ބޭނުންވި އިހުސާސެއް ކަމާއި، އޭނާގެ ހަގީގީ ނަފްސު ދެނެގަނެވުނީ އަދިކިރިޔާ ކަން އެނގުނެވެ.

އިސްލާމްދީނުގެ ހަގީގަތް މިހާރު ޔޫސުފަށް ދިޔައީ ސާފުވަމުންނެވެ. ނަމަވެސް ދެން ހަދާނެ ގޮތެއް އެ ޅަ ސިކުނޑި އަކަށް ނުވިސްނުނެވެ. އޭނާ ދަންނަ އެއްވެސް ހިންދޫ ދީނުގެ މީހަކު މީގެ ކުރިން އިސްލާމް ވެފައެއް ނުވެ އެވެ. އެއީ ކުރެވޭނެ ކަމެއް ހެއްޔެވެ؟ ހިންދޫ ދީނުގެ އާއިލާ އަކަށް އުފަން މީހަކަށް އިސްލާމް ދީނަށް ބަދަލުވެވިދާނެ ހެއްޔެވެ؟ މީހުން ބުނާނީ ކީކޭ ހެއްޔެވެ؟ އާއިލާގެ އަގު އެކީ ވެއްޔާ މޮޑެވިގެން ނުދާނެބާ އެވެ؟

މި ހުރިހާ ސުވާލުތަކެއް ޔޫސުފް އަށް އުނދަގޫ ކުރަމުން ދިޔަ އެވެ. ނަމަވެސް ތެދުމަގު ދެއްކެވުމަށް މާތްﷲ އިރާދަ ކުރެއްވި އަޅަކަށް ތެދުމަގު ދައްކަވާނެ އެވެ. ހިތްތަކުގެ ވެރި އިލާހު ﷲ سبحانه و تعالى އީ ހިތްތައް އެފުށް މިފުށަށް ޖައްސާވާ އިލާހެވެ.

އިސްލާމް ދީނަކީ ހައްގު ދީން ކަމާއި، ދެދުނިޔޭގެ ބާއްޖަވެރިކަން ލިބެނީ އިސްލާމް ދީނުން ކަން އޭނާ ގަބޫލު ކޮށްފި އެވެ. އިސްލާމް ދީނާއި އޭނާ އާ ދެމެދު މިހާރު ވަނީ ވަރަށް ވަރުގަދަ ފާލަމެއް އެޅިފަ އެވެ. އެ ފާލަން ހުރަސް ކުރުމަށް 15 އަހަރުގެ ޔޫސުފަށް ކުޑަ ހިތްވަރެއް ބޭނުންވި އެވެ. އެ ހިތްވަރު އޭނާ އަށް ލިބިގެން ދިޔައީ އޭގެ ދެތިން އަހަރު ކުރިން އިސްލާމް ދީން ގަބޫލު ކުރި މީހަކު ބުނި ވާހަކަތަކަކުންނެވެ.

"ދިރިއުޅުމުގައި ބާކީ އޮތީ ކިހާ ދުވަހެއްކަން އެކަކަށް ވެސް ނޭނގޭނެ އެވެ. ތިމާ އަށް ލިބިފައި ވަނީ ކިހާ ވަގުތެއް ކަމެއް ނޭނގޭނެ އެވެ. ވީއިރު ތިމާ ގަބޫލު ކުރާ ގޮތަށް ދިރުއުޅުން ބަދަލު ކުރަން ފަސްޖެހެނީ ކީއްވެ ހެއްޔެވެ؟"

އެއަށް ފަހު އިސްލާމް ވުމުން ދިމާވެދާނެ ގޮންޖެހުންތަކާ މެދު އޭނާ އިތުރަށް ވިސްނާކަށް ބޭނުމެއް ވެސް ނުވި އެވެ. ތެދެކެވެ. އޭނާ އަށް މިހާރު ވަނީ ތެދުމަގު ލިބިފަ އެވެ. އިސްލާމް ދީނަކީ ހައްގު ދީން ކަން އޭނާ އަށް ކަށަވަރެވެ. ވީއިރު، ދީން ބަދަލު ކުރަން ފަސް ޖެހެންވީ ކީއްވެ ހެއްޔެވެ؟ ތެދުމަގު ލިބިފައި ވަނިކޮށް، އާއިލާ އިން ދެކޭނެ ގޮތަކާ މެދު ވިސްނައި ވަގުތު ބޭކާރު ކުރަންވީ ކީއްވެ ހެއްޔެވެ؟

އެއާ އެކު ޝަހާދަތުގެ ދެކަލިމަ ދުލުން ކިޔައި ޔޫސުފް އިސްލާމް ވީއެވެ. ވަރަށް ބޮޑެތި ގޮންޖެހުންތައް ކުރިމަތިވި އެވެ. ނަމަވެސް ޔޫސުފްގެ އީމާންތެރިކަން ވަރަށް ވަރުގަދަ އެވެ. ކިތަންމެ ދަތި އުނދަގޫތަކެއް ދިމާވި ނަމަވެސް އޭނާ އާއެކު ﷲ ވޮޑިގެންވާ ކަން އޭނާ އަށް އެނގެ އެވެ.

ޔޫސުފް އިސްލާމް ދީން ގަބޫލު ކުރިފަހުން މިހާރު 22 އަހަރު ވެފައި ވާއިރު، އިސްލާމް ދީން އޭނާ އަށް ގެނެސްދިނީ އަމާންކަމާއި ހިތްހަމަޖެހުމެވެ. އިސްލާމީ މުޖުތަމު އަށް އޭނާ ދޭން ބޭނުންވާ ނަސޭހަތަކީ އެއްވެސް ކަމެއްގައި ހިތްވަރު އެލުވާ ނުލުމަށެވެ. ތިމާ އާއެކު ﷲ ވޮޑިގެންވާ ކަމާއި، އެކަލާނގެ ތިމާގެ ދަތި އުނދަގޫތައް ލުއި ކޮށްދެއްވާނެކަން ގަބޫލު ކުރުމެވެ.

comment ކޮމެންޓް