ދަގަނޑޭ ކަކުލުގެ އޮޕަރޭޝަނެއްކޮށްފި

އަލީ އަޝްފާގު (ދަގަނޑޭ)ގެ ކަކުލުގެ އޮޕަރޭޝަނަށް ފަހު އޭނާގެ ފޭސްބުކް ޕޭޖްގައި ޝެއާކޮށްފައިވާ ފޮޓޯއެއް --

ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން އަލީ އަޝްފާޤު (ދަގަނޑޭ)ގެ ކަކުލަށް ލިބިފައިވާ އަނިޔާއަކާ ގުޅިގެން އޭނާގެ ކަކުލުގެ އޮޕަރޭޝަނެއް ކޮށްފި އެވެ.

ހުސްވި ހަފްތާގައި ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބާ ގުޅުނު، އުމުރުން 31 އަހަރުގެ ތަޖްރިބާކާރު ފޯވާޑް ވަނީ، އޭނާގެ ކަކުލުގެ އޮޕަރޭޝަނެއް ކޮށްފައިވާކަން، އޭނާގެ ޓުވިޓާ އެކައުންޓާއި ފޭސްބުކް ޕޭޖްގައި ހިއްސާކޮށްފަ އެވެ.

ދަގަނޑޭ ބުނީ، ލިބިފައިވާ އަނިޔާއަކާ ގުޅިގެން ކަކުލުގެ އޮޕަރޭޝަނެއް ކޮށްފައިވާ ކަމަށާއި އަދި އަނިޔާ އިން ސަލާމަތްވެ އަލުން ދަނޑުމައްޗަށް ނުކުތުމަށް ވީ އެންމެ ރަނގަޅަކަށް މަސައްކަތްކުރޭނޭ ކަމަށެވެ.

ދަގަނޑޭގެ ކަކުލުގެ އޮޕަރޭޝަން ކޮށްފައި ވަނީ އަވައްޓެރި ސްރީ ލަންކާގަ އެވެ. ކަކުލަށް ލިބިފައިވާ އަނިޔާއަށް ފަރުވާ ހޯދުމަށް ދަގަނޑޭ ލަންކާގައި އުޅޭތާ ވެސް މިހާރު ދުވަސްތަކެއް ވަނީ ވެފަ އެވެ.

ކަކުލުގެ އޮޕަރޭޝަނަށް ފަހު، ދަގަނޑޭ ވަނީ، އެކަމުގައި އޭނާއަށް ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ ވަރަށް ބޮޑު އެހީތެރިކަމެއް ލިބުނުކަން ފާހަގަކޮށްފަ އެވެ.

މީގެ ކުރީން ތިން ފަހަރެއްގެ މަތީން ނިއުއަށް ކުޅެފައިވާ ދަގަނޑޭ، ހަތަރު ވަނަ ފަހަރަށް ނިއުއާ ގުޅުމާ ހަމައަށް ވެސް އެހެން ކްލަބަކާ ނުގުޅި މަޑުކޮށްގެން ހުރީ އަނިޔާގައި ހުރުމުގެ ސަބަބުންނެވެ.

comment ކޮމެންޓް