ވެންގާގެ ކުރިމަގާމެދު މި ހަފްތާތެރޭގައި އާސެނަލުން ގޮތެއް ނިންމާނެ!

އެފްއޭ ކަޕްގެ ތަށި އާސެނަލްގެ ކޯޗު އާސެން ވެންގާ އުފުލައިލަނީ: އާސެނަލުން ޗެމްޕިއަންކަން ހޯދީ ފައިނަލުގައި 2-1 ލަނޑުގެ ނަތީޖާއަކުން ޗެލްސީ ބަލިކޮށްގެން --- ފޮޓޯ/ އޭޕީ

އާސެނަލްގެ ކޯޗު އާސެންވެންގާގެ ކުރިމަގާ މި ހަފްތާ ތެރޭގައި ގޮތެއް ނިންމާނޭ ކަމަށް އޭނާ ބުނެފިއެވެ.

އިނގިރޭސި އެފްއޭ ކަޕް ފައިނަލްގައި ރޭ 2-1 ލަނޑުން ޗެލްސީ ބަލިކޮށް، ރެކޯޑު އަދަދަކަށް އާސެނަލަށް އެ މުބާރާތް ކާމިޔާބުކޮށްދިން ކޯޗު ބުނީ، އޭނާގެ ކުރިމަގާމެދު ގޮތެއް ނިންމުމަށް ވަރަށް އަވަހަށް ކްލަބުގެ ބޯޑު ބައްދަލުވުމެއް ބާއްވާނޭ ކަމަށެވެ.

"އަހަރެންގެ ކުރިމަގާމެދު އަބަދުވެސް ވަރަށް ފާޅުކަން ބޮޑުގޮތެއްގައި ވާހަކަ ދައްކަމުން މިދަނީ. އަންގާރަ ދުވަހު އަހަރެމެން ބޯޑު ބައްދަލުވުމެއް ބާއްވާނަން، ބުދަ ދުވަހު މިހުރިހާކަމެއް ސާފުވެގެންދާނެ،" 20 އަހަރަށް ވުރެ ގިނަ ދުވަހު އާސެނަލަށް އިރުޝާދު ދީފައިވާ ކޯޗު ބުންޏެވެ.

ވެމްބްލީގައި ރޭ ކުޅުނު އެފްއޭ ކަޕް ފައިނަލްގައި، އާސެނަލްގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށްދިނީ، އެލެކްސިސް ސަންޗޭޒެވެ. އެހެން ނަމަވެސް ޗެލްސީން ވަނީ ފަހު ހާފުގައި ނަތީޖާ ހަމަހަމަކޮށްފައެވެ.

ދެ ރީނދޫ ކާޑާއެކު ވިކްޓަރ މޮސަސްއަށް ރެފްރީ ދެއްކި ރަތްކާޑާ ގުޅިގެން އެއް ކުޅުންތެރިއަކު މަދުކޮށް ކުޅެމުން ދިޔަ ޗެލްސީއަށް ނަތީޖާ ހަމަހަމަކޮށްދިނީ ޑިއެގޯ ކޮސްޓާއެވެ.

ޗެލްސީން ނަތީޖާ ހަމަހަމަކުރިތާ ތިން މިނެޓްފަހުން އާސެނަލުން ވަނީ ލަނޑެއް ޖަހައި އަލުން ލީޑު ހޯދައިފައެވެ. އާސެނަލަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ވޭލްސް މިޑްފީލްޑަރު އާރޮން ރަމްސީއެވެ.

އެފްއޭ ކަޕްގެ އެންމެ ކާމިޔާބު ކްލަބަކީ ވެސް އާސެނަލެވެ. އާސެނަލުން 13 ފަހަރު އެފްއޭ ކަޕް ކާމިޔާބުކުރިއިރު، މެންޗެސްޓާ ޔުނައިޓެޑުން ވަނީ 12 ފަހަރަކު އެފްއޭ ކަޕް ކާމިޔާބުކޮށްފައެވެ. މީގެ އިތުރުން ވެންގާ މިހާރު ވެގެން ގޮސްފައި ވަނީ، 143 އަހަރުގެ ދިގު މާޒީއެއް އޮތް އިނގިރޭސި އެފްއޭ ކަޕްގެ އެންމެ ކާމިޔާބު ކޯޗަށެވެ.

އާސެނަލުން އެފްއޭ ކަޕްގެ ޗެމްޕިއަންކަން ހޯދި ނަމަވެސް، 20 އަހަރުތެރޭ ފުރަތަމަ ފަހަރަށް އާސެނަލަށް ވަނީ ޗެމްޕިއަން ލީގުން ފުރުސަތު ގެއްލިފައެވެ.

comment ކޮމެންޓް