ދިރާގުން މި ރޯދަ މަހު ހިލޭ ސޯޝަލް މީޑިއާއާއި އުމްރާ ދަތުރު!

ރަމަޟާން މަހާ ދިމާކޮށް ދިރާގުން އެ ކުންފުނީގެ ކަސްޓަމަރުންނަށް ޚާއްސަ އިނާޔަތްތަކެއް ލިބޭ ޕްރޮމޯޝަނެއް ފަށައިފިއެވެ.

ދިރާގުން މިއަދު ބުނި ގޮތުގައި، މިއަދު އިއުލާންކުރި ޚިދުމަތްތަކާއި ޕްރޮމޯޝަން މެދުވެރިކޮށް ކަސްޓަމަރުންނަށް ލުއިފަސޭހަކަމާއި، އަގުހުރި އިނާމުތައް ވެސް ލިބުމުގެ ފުރުސަތު ލިބިގެން ދާނެއެވެ.

ދިރާގުން މިއަދު އިއުލާންކުރި އެންމެ ޚާއްސަ އެއް ޚިދުމަތަކީ ހަފްތާއެއްގެ މުއްދަތަށް ސޯޝަލް މީޑިއާ އެޕެއް ބޭނުންކުރެވޭ ޕެކޭޖުތަކެވެ. ދިރާގުން ބުނި ގޮތުގައި ޓްވިޓަރ، ފޭސްބުކް، ވަޓްސްއެޕް، ޕިންޓްރެސްޓް، އިންސްޓަގްރާމް އަދި ސްނެޕްޗެޓުގެ ތެރެއިން ކޮންމެވެސް އެއް އެޕެއް، އެއް ހަފްތާގެ މުއްދަތަށް ހިލޭ ބޭނުން ކުރެވިދާނެއެވެ. ކަސްޓަމަރުން ކުރަން ޖެހޭ ކަމަކީ #2*8*123* އަށް ގުޅާލުމެވެ. ޖެހިގެން އަންނަ ހަފްތާގައިވެސް ކޮންމެވެސް އެޕެއް ހިލޭ ބޭނުން ކުރުމަށް ނެގުމުގެ ފުރުސަތު އޮންނާނެއެވެ.

މީގެ އިތުރުން، ރާއްޖޭގައި އެންމެ މަގުބޫލު މެސެޖިންގް އެޕް ކަމުގައިވާ ވައިބަރ، ރަމަޟާން މަހުގެ ކޮންމެ ހުކުރު ދުވަހަކު ހިލޭ ބޭނުން ކުރެވޭނެއެވެ. ހުކުރު ދުވަހު ވައިބަރ ބެނުންކުރުމަށް ޑޭޓާ ޗާޖެއް ނުނަގާނެއެވެ. ހިލޭ ވައިބަރ އެކްޓިވޭޓު ކުރެވޭނީ #1*8*123* އަށް ގުޅައިގެންނެވެ.

މި ރަމަޟާން މަހު ދިރާގުން ނިންމާފައިވަނީ، އެކުންފުނީގެ އެކްޓިވް ހުރިހާ ކަސްޓަމަރުންގެ މެދުގައި ގުރުއަތުލައިގެން ހޮވޭ ކޮންމެވެސް އެއް ކަސްޓަމަރަކަށް ހުރިހާ ޚަރަދަކާ އެކު، ދެ މީހެއްގެ އުމްރާ ދަތުރެއް ދިނުމަށެވެ.

މީގެ އިތުރުން ދިރާގުން ވަނީ މި ރޯދަ މަހު ސައުދީ އަރަބިއްޔާއަށް ގުޅުމަށް ޚާއްސަ އައިޑީޑީ ރޭޓެއް ކަނޑައަޅައިފައެވެ. ނަމްބަރުގެ ކުރިޔަށް 019 ޖަހައި، ގުޅުމުން ޗާޖުކުރާނީ މިނިޓަކަށް އެންމެ 1.88 ރުފިޔާއެވެ. މި ރޭޓުގައި، މެއި 27 އިން ފެށިގެން ޖުލައި އެއްވަނަ ދުވަހަށް ކުރިޔަށް ދާނެއެވެ.

އެހެން އަހަރުތަކެކޭވެސް އެއްފަދައިން މިއަހަރުވެސް ދިރާގު ޕްރީޕެއިޑް ކަސްޓަމަރުންނަށް އެސްއެމްއެސް މެދުވެރިކޮށް ޒަކާތް ދެއްކޭނެއެވެ. އަދި ނަމާދު ވަގުތުގެ 15 މިނިޓު ކުރިން އެސްއެމްއެސް ރިމައިންޑާ ފޮނުވައިދޭ ޚިދުމަތް މިއަހަރުވެސް ލިބޭނެ ކަމަށް ދިރާގުން ބުނެއެވެ.

comment ކޮމެންޓް