އެއްވެސް ތާއްޓަކާ ނުލައި ރޯދަ މަހު މުދާ ކްލިއާ ކުރުމަށް އެމްޕީއެލް ތައްޔާރު

އެމްޕީއެލް ސަރަހައްދު: ސަން ފައިލް ފޮޓޯ

މި ރަމަޟާން މަހު މާލޭ ވިޔަފާރި ބަނދަރުން ކާބޯތަކެއްޗާއި މުދާ ކްލިއާ ކުރުމަށް ބަނދަރު ހިންގާ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އިން ވަރަށް ފުރިހަމައަށް ތައްޔާރުވެފައިވާކަމަށް އެ ކުންފުނިން ބުނެފިއެވެ.

އެމްޕީއެލްގެ ސީއީއޯ އިބްރާހިމް އަބްދުލްރައްޒާގު ހަލީމް ވިދާޅުވި ގޮތުގައި، އެމްޕީއެލްއިން މުދާ ކްލިއާ ކުރުމުގައި އެއްވެސް ކަހަލަ ތާއްޓެއް ނާރާނެއެވެ.

"ތަކެތީގެ އަގު ބޮޑުވިޔަ ނުދިނުމަށް، އެމްޕީއެލްއިން ދޭންޖެހޭ ޚިދުމަތްތައް ދަތިތަކަކާ ނުލައި ދޭނެ ކަމުގެ ޔަގީންކަން ފޯރުކޮށްދެން. އެގޮތުން، އެމްޕީއެލްއިން ކްލިއާ ކުރަންޖެހޭ މުދާ ކްލިއާ ކުރުމަށް ތާށިކަމެއް ނާންނާނެ،" މީޑިއާއަށް މައުލޫމާތު ދެއްވަމުން ހަލީމް އިއްޔެ ވިދާޅުވިއެވެ.

ހަލީމް ވިދާޅުވީ، ޕެރިޝަބަލް ގުޑްސް ނުވަތަ އަވަހަށް ހަލާކުވާ ޒާތުގެ ކާނާ ފަދަ ތަކެތި ބަރުކޮށްގެން އަންނަ ބޯޓުތައް ކްލިއާކުރުމަށް އެމްޕީއެލްގެ ބަނދަރުގައި އިތުރު ސަރަހައްދެއް ގާއިމުކޮށްފައި ވާނެ ކަމަށެވެ.

އަދި ފްރީޒަރު ކޮންޓެއިނާތަކުގައި ގެންނަ މުދާވެސް، ކަރަންޓު ނުކެނޑި ރަނގަޅު ކޮލިޓީގައި ފޯރުކޮށްދިނުމަށްޓަކައި، 800 ކޭވީއޭގެ ކަރަންޓު އުފައްދާ ސެޓެއް އިންސްޓޯލުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ހަލީމް ވިދާޅުވީ، މިދިޔަ ރަމަޟާން މަހު އެމްޕީއެލް ބަނދަރުން ކްލިއާކުރެވެނީ ދުވާލަކު 120 ކޮންޓެއިނަރު ކަމަށާއި، ނަމަވެސް މި ރަމަޟާން މަހު 150 ކޮންޓެއިނަރު ކްލިއާ ކުރެވޭނެ ގޮތް ހަމަޖެހިފައިވާ ކަމަށެވެ.

comment ކޮމެންޓް