ސީޕްލޭން ވެއްޓުނު ހާދިސާގެ ތަހުގީގު ފަށައިފި

އެއާޕޯޓަށް ޖައްސަން އުޅެނިކޮށް ފުރޮޅާލި ޓީއެމްއޭ ސީޕްލޭން --- ފޮޓޯ: ޓްވިޓަރ

މިއަދު ހެނދުނު ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ)ގެ ސީޕްލޭނެއް ވެލާނާ އިންޓަނޭޝަނަލް އެއަޕޯޓުގެ ވޯޓާޑްރޯމުގައި ފުރޮޅާލައި، ހިނގި އެކްސިޑެންޓް ހިނގަން މެދުވެރިވި ސަބަބު ހޯދުމުގެ މަސައްކަތް އެކުންފުނިން ފަށައިފި އެވެ.

ކޮންރެޑް މޯލްޑިވްސް ރަންގަލި ރިސޯޓުން ޓީއެމްއޭގެ އެއާކްރާފްޓް 8Q-TMV ވެލާނާ އެއާޕޯޓަށް ދަތުރުކޮށް، ޖައްސަން އުޅުމުގެ ތެރޭގައި ވަނީ ފުރޮޅާލައި، ހުޅުލޭ ފަޅު ތެރެއަށް އަޑިއަށް ގޮސްފަ އެވެ. އެ ހާދިސާ ހިނގީ މިއަދު 8:35 އެހާކަންހާއިރު އެވެ.

ޓީއެމްއޭ އިން ނެރުނު ބަޔާނެއްގައި ބުނީ، މިހާތަނަށް ބެލި ބެލުންތަކުން އެނގޭ ގޮތުގައި، ހާދިސާ ހިނގީ އެއާކްރާފްޓު މޫދަށް ޖައްސަން އުޅުމުގެ ތެރޭގައި ގެއްލުންތަކެއް ލިބިގެން ކަމަށެވެ.

ޓީއެމްއޭ އިން ބުނީ އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު ހޯދުމަށް ޓަކައި އެތެރޭގެ ތަހުގީގެއް ފަށާފައިވާ ކަމަށެވެ. އަދި ހާދިސާ ތަހުގީގުކުރާ އެހެނިހެން އިދާރާތަކުގެ ތަހުގީގަށް ޓީއެމްއޭ އިން އެއްބާރުލުން ދޭނެ ކަމަށް ވެސް އެކުންފުނިން ބުންޏެވެ.

ކޮންރެޑް ރަންގަލި ރިސޯޓުން ނުވަ ފަސިންޖަރުންނާ އެކު ވެލާނާ އެއާޕޯޓަށް ދަތުރުކުރި ސީޕްލޭނުގައި ތިބީ ތިން ކްރޫއިންނެވެ. "ސަން"އަށް އެނގިފައިވާ ގޮތުގައި، ޕައިލެޓާއި ކޯ ޕައިލެޓުންނަށް ތިބީ ބިދޭސީންނެވެ. އަދި ކޯޕައިލެޓަކީ ދާދި ފަހުން ޓީއެމްއޭއާ ގުޅުނު ބޭރުގެ ޕައިލެޓެއް ކަމަށް ވެސް ވަނީ އެނގިފަ އެވެ.

އެ ހާދިސާ މިއަދު ހެނދުނު ހިނގުމާ އެކު، އެމްއޭސީއެލްގެ ފަޔާ އެންޑް މެރިން ޔުނިޓުން ވަނީ ހާދިސާއަށް އެޓެންޑުކޮށްފަ އެވެ. އަދި ކުޑަ ވަގުތުކޮޅެއްގައި، އެއާކްރާފްޓުގައި ތިބި 12 މީހުން ވަނީ ސަލާމަތް ކޮށްފަ އެވެ.

އެމްއެންޑީއެފުން މައުލޫމާތުދޭ ގޮތުގައި، ފުރޮޅާލައި އަޑިއަށް ދިޔަ އެއާކްރާފްޓު މިއަދު ހެނދުނު 9:18ވީ އިރު ވަނީ ފެންމައްޗަށް ނަގައިފަ އެވެ.

ބޯޓުގައި ތިބި 12 މީހުންނަށް ކުދި ކުދި އަނިޔާ ލިބުނު އިރު، އެ އެންމެންނަށް ވެސް ވަނީ ހުޅުމާލޭ ހޮސްޕިޓަލުގައި އެމަޖެންސީގައި ފަރުވާ ދިނުމަށް ފަހު ދޫކޮށްލައިފަ އެވެ.

ސާޅީސް ހަތް އެއާކްރާފްޓާ އެކު، ޓީއެމްއޭއަކީ މުޅި ދުނިޔޭގައި ވެސް އެންމެ ބޮޑު، އަދި އެންމެ ފުޅާ ދާއިރާގައި ސީޕްލޭން އޮޕަރޭޓުކުރާ އެއާލައިނެވެ. އެ އެއާލައިނުގައި މުޅިންވެސް ބޭނުންކުރަނީ ޑީއެޗްސީ-6 ޓުވިން އޮޓާ މަރުކާގެ އެއާކްރާފްޓެވެ.

comment ކޮމެންޓް