މިސްރަށް ދިން ޓެރަރިސްޓް ހަމަލާގައި މަރުވި މީހުންގެ އަދަދު 28 އަށް އަރައިފި

ޓެރަރިސްޓް ހަމަލާ އަމާޒުކުރި ބަސް

އަލްމިންޔާ (މޭ 27): މިސްރުގެ ނަސާރާއިންގެ ބަޔަކު ދަތުރުކުރި ބަހަކަށް ހުކުރުދުވަހު ދިން ބަޑީގެ ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު އަށާވީހަށް އަރާފައިވާކަން އެގައުމުން ހާމަކޮށްފިއެވެ.

މިސްރުގެ ދާޚިލީ ވުޒާރާއިން ބުނީ މަރުވި މީހުންގެ އަދަދު ކުރިން 26 ކަމަށް ބެލެވުނުނަމަވެސް ފަހުން މިއަދަދު 28 އަރާފައިވާކަން ކަށަވަރުވެފައިވާ ކަމުގައެވެ. މި ހަމަލާގައި 59 މީހުން ޒަޚަމްވެފައިވާއިރު މީގެތެރޭގައި ފުރާނައަށް ނުރައްކާވާ ހާލަތުގައި ތިބި މީހުން ހިމެނެއެވެ.

މިސްރުގެ ދާޚިލީ ވުޒާރާއިން މިއީ މިސްރުގެ ނަސާރާއިންނާއި މުސްލިމުން ދުޝްމަންކޮށް ގައުމުގެ އެއްބައިވަންތަކަން ނަގާލުމުގެ ރޭވުމެއްގެ ދަށުން ދިން ހަމަލާއެއް ކަމަށް ސިފަކޮށްފައެވެ.

ހަތިޔާރުއަޅައިގެން މޫނު ނިވައިކޮށްގެންތިބި ބަޔަކު މި ހަމަލާދިނީ މިސްރުގެ ސޮއީދުގެ ސަރަހައްދުގެ އަލްމިންޔާ ގަވާނޭޓްގެ އަލްއަދްވާ ސިޓީގައި ގިބްތީ ކްރިސްޓިޔަނުން ދަތުރުކުރި ބަހަކަށެވެ. އެހެންކަމުން މިހަމަލާގައި މަރުވެ އަދި ޒަޚަމްވެފައިވަނީ އެބަހުން ދަތުރުކުރި ފަސިންޖަރުންނެވެ. އޭގެތެރޭގައި މުޅިންވެސް ހިމެނެނީ ގިބްތީ ކްރިސްޓިޔަނުންނެވެ. މީގެކުރިންވެސް މިސްރުގެ ކްރިސްޓިޔަނުންނަށް އަމާޒުކޮށް މިފަދަ ޓެރަރިސްޓް ހަމަލާތައް ދީފައިވެއެވެ.

މިގޮތުން މިސްރުގެ ތަންތާ ސަރަހައްދުގައި ހުންނަ ކްރިސްޓިޔަނުންގެ ފައްޅިއަކަށް މިދިޔަމަހު ބޮމުގެ ހަމަލާތަކެއް ދީ 25 މީހުން މަރާލައި އެތަށްބަޔަކު ޒަޚަމްކޮށްލާފައިވެއެވެ. އަދި މިމަހު އިސްކަންދަރިއްޔާގައިވާ ނަސާރާ ފައްޅިއަކަށް ދިން ބޮމުގެ ހަމަލާއެއްގައި 8 މީހުން މަރާލައި 30 މީހުން ޒަޚަމްކޮށްލާފައިވެއެވެ.

މިހަމަލާތަކުގެ ޒިންމާ އެއްވެސް ޖަމާއަތަކުން އުފުލާފައެއް ނުވެއެވެ. ނަމަވެސް މިސްރުގެ ސަލާމަތީ ބާރުތަކުން މި ހަމަލާތަކުގެ ތުހުމަތުކުރަނީ އިސްލާމްދީނުގެ ނަމުގައި ޓެރަރިޒަމްގެ އަމަލުތައް ހިންގާ ހައްދު ފަހަނަޅާފައިވާ ޖަމާއަތްތަކުގެ މައްޗަށެވެ. (އަލްޖަޒީރާ)

comment ކޮމެންޓް