ޗެރިޓީ ފެސްޓިވަލްގައި އެންމެ ބޮޑު އަގުގައި ވިކުނީ ރާއްޖޭގެ ރިސޯޓަކަށް ދަތުރެއް

އަމިއްލަފުށި

ފްރާންސްގެ ރިސޯޓް ސަހަރެއް ކަމަށްވާ ކޭންގައި ކޮންމެ އަހަރަކު ބާއްވަމުން އަންނަ ކޭން ފިލްމު ފެސްޓިވަލަކީ ދުނިޔޭގައި ބާއްވާ ފިލްމީ ބޮޑު އީދެކެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުން އެކި ކެޓަގަރީގެ އާ ފިލްމުތަކާ އެކު ޑޮކިއުމަންޓަރީތައް ފެނިގެންދާ އެ ފެސްޓިވަލަކީ ހަފްތާ އަކަށް ވުރެ ދިގު ލައިގެންދާ ފެސްޓިވަލެކެވެ.

ހޮލީވުޑްގެ އޭ ލިސްޓު ތަރިންގެ ތެރޭގައި ލިއޮނާޑޯ ޑިކެޕްރިއޯ، ޑަސްޓިން ހޮފްމަން، ނިކޯލް ކިޑްމަން އަދި ވިލް ސްމިތް ފަދަ ތަރިންނާ އެކު މި އަހަރުގެ ފެސްޓިވަލް މިދިޔަ ހަފްތާގެ ބުދަ ދުވަހު ފެށިގެން ކުރިއަށްދާ އިރު، އިއްޔެ އަކީ ފެސްޓިވަލްގެ ޗެރިޓީ އިވެންޓް ބޭއްވި ރެ އެވެ.

އެއިޑްސް ދިރާސާތައް ހަދާ، ދަ ފައުންޑޭޝަން ފޯ އެއިޑްސް ރިސާޗް (އެމްފާ) އިން ބާއްވަމުން އަންނަ ޗެރިޓީ އިވެންޓުގައި ހުށަހެޅި އެއްޗެހީގެ ތެރެއިން އެންމެ ބޮޑު އަގެއްގައި ވިކުނީ އެމެރިކާޣޭ މަޝްހޫރު ރެސްޓޯރެންޓް ޗެއިން 1 އޯކްގެ ފަރާތުން ހުށަހެޅި 60 މީހުންނަށް ރާއްޖޭގެ ލަގްޒަރީ ރިސޯޓެއްގައި ހަފްތާއެއްގެ ހުރުމެވެ.

ރާއްޖޭގެ އަމިއްލަފުށި ރިސޯޓް އަދި ފިނޮޅު ރިސޯޓްގައި ރެސްޓޯރެންޓް ހިންގާ 1 އޯކްގެ ވެރިޔާ ރިޗީ އަކިވާ ހުށަހެޅި އެ ހުށަހެޅުން ނީލަމުގައި ވިކުނީ 782،000 އެމެރިކާ ޑޮލަރަށެވެ.

ފްރާންސްގެ ލަޗްޒަރީ ހޮޓަލެއް ކަމަށްވާ އެޑެން ރޮކް ހޮޓަލްގައި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި އެމްފާ ފައުންޑޭޝަންގެ އައިޑްސް ރިސާޗް ގާލާ ޑިނާގައި މޭޒެއް ވިއްކާފައި ވަނީ ވެސް ފަސް ލައްކަ އެމެރިކާ ޑޮލަރަށެވެ.

އެ ޗެރިޓީ ހަރަކާތުގައި ދެން އެންމެ އަގުބޮޑުކޮށް ވިކުނު އެއްޗެހީގެ ތެރޭގައި ޖަގުއާއިން 1958ގައި ނެރުނު އެކްސްކޭ 150 ބްރޭންޑުގެ ކާރެއް 560،000 އެމެރިކާ ޑޮލަރަށް ވިކުނު އިރު، އިނގިރޭސިވިލާތުގެ މަޝްހޫރު ފުޓްބޯޅަ ތަރި، ޑޭވިޑް ބެކަމްއާ ދެކޮޅަށް ކުޅުމުގެ ފުރުސަތު ލިބޭ ހާއްސަ ފުޓްބޯޅަ މެޗަކާއެކު ރޭގަނޑުގެ ކެއުން ހިމެނޭ ޕެކޭޖެއް ވަނީ 391،000 އެމެރިކާ ޑޮލަރަށް ވިކިގެން ގޮސްފަ އެވެ.

އޭގެ އިތުރުން ސްޓޭޖް މަތީގައި ވިލް ސްމިތު ނެގި ސެލްފީއެއްގެ އަގު 560،000 އެމެރިކާ ޑޮލަރަށް އަރައިގެން ދިޔަ އިރު، ކުރީގެ ވޯގް ޕެރިސްގެ ޗީފް އެޑިޓަރު ކެރިން ރޮއިޓް ފިލްމުގެ ހާއްސަ ފެޝަން ޝޯގައި ދެއްކި ކަލެކްޝަންތަކުގެ ތެރެއިން 30 ހެދުމެއް ވަނީ ތިން މިލިއަން ޔޫރޯއަށް ވިކިގެން ގޮސްފަ އެވެ.

ޖުމްލަކޮށް އެމްފާގެ އެއިޑްސް ރިސާޗް ޗެރިޓީ ހަރަކާތުން 20 މިލިއަން އެމެރިކާ ޑޮލަރަށް ވުރެ ގިނައިން ވަނީ ލިބިފަ އެވެ.

comment ކޮމެންޓް