ބުރަ މަސައްކަތުން ދެން ރޮށި ފިހާނެކަމެއް ނެތް!

ރޮށިތަކެއް ޕެކް ކޮށްފައި --- ފޮޓޯ/ ރޮށި ފެކްޓްރީ

މިއީ އާއިލީވަންތަކަމުގެ މިސާލެކެވެ. މި އާއިލާއިން ކުރި ކަމަކީ، އެހެން ބަޔަކު ހުއްޓާލާފައި އޮތް ވިޔަފާރިއެއް ގަނެ، އެ ވިޔަފާރި ނަގައި ކޮޅަށް ޖެހީ އެވެ. މި އަހަރުގެ ރޯދަ މަހުގައި މި ވިޔަފާރީގެ ސަބަބުން ފައިދާއާއި ފަސޭހަތައް މާލޭގެ ގިނަ އާއިލާތަކަކަށް ލިބޭނެކަމާ މެދު ދެބަސްވުމެއް ނެތެވެ.

ރޮށްޓަކީ ރާއްޖޭގައި އާންމުކޮށް ކައި އެކައްޗެވެ. ގޭގައި މި ފިހުމަކީ، ބައެއް މީހުންގެ ނަޒަރުގައި، ބޮޑު ވޭނެކެވެ. ފުށްގަނޑު މޮޑުމަކީ ވަރަށް ހަކަތަ ބޭނުންކުރަން ޖެހޭ ކަމެކެވެ. ވަށް ބައްޓަމަށް ރޮށި ދެމުމަކީ "ޚާއްސަ ހުނަރެއް"ކަމާ މެދު ޝައްކެއް ނެތެވެ. އެންމެންނަށް ކުރެވޭނެ ކަމެއް ނޫނެވެ. އެންމެ "ޕާފެކްޓް" ވަރަށް ތަވައެއްގައި ރޮށި ފިހުމަކީ ވެސް ގިނަ ވަގުތުތަކެއް އެކަމެއްގައި ވޭތުކުރަން ޖެހޭ ކަމެކެވެ.

ޒައިދު އަމްޖަދު ބުނި ގޮތުގައި، އޭނާ އާއި އޭނާގެ އާއިލާއަށް މިކަން ފެށިގެން އައީ އައިބޭއިން ފެނުނު އިޝްތިހާރަކުންނެވެ.

"އައިބޭގައި ޖަހާފައި އޮތީ މާލޭގައި ކުރިން ރޮށި ޕެކް ކޮށްގެން ވިއްކާ ބަޔަކު، އެމީހުންގެ ވިޔަފާރި ވިއްކާލުމަށް. ދެން އަހަރެމެން ހިތަށް އެރީ އެ ވިޔަފާރި ނަގައިގެން ވާގޮތެއް ބަލާލަމާއޭ. ތަފާތު، އާ ކަމެއް ކުރުމަށްޓަކައި ކުރި ކަމެއް މިއީ،"

ރޮށި ދަމާ މަންޒަރެއް --- ފޮޓޯ/ ރޮށި ފެކްޓްރީ

"ރޮށި ފެކްޓްރީ"ގެ ނަމުގައި ސޯޝަލް މީޑިއާ ހިސާރުކުރީ މި ވިޔަފާރި އެވެ. އެއްބަނޑު އެއްބަފާ ތިން ކުދިންގެ ފަރާތުން ތަފާތު ވިޔަފާރިއެކެވެ.

ަްމި ވިޔަފާރީގައި އިސްކޮށް އުޅޭ ޒައިދު ބުނީ، "ރޮށި ފެކްޓްރީ"ގެ ރޮށި އުފެއްދުމަށް ޓަކައި ފުށްގަނޑު މޮޑެ ހަދަނީ މެޝިނެއްގެ ބޭނުންކޮށްގެން ކަމަށެވެ. އެހެން ނަމަވެސް ރޮށި ފިހުމުގެ ކަންކަން ކުރަނީ މެނުއަލްކޮށެވެ.

"މެޝިނު ބޭނުންކޮށްގެން ރޮށި ފިހާ ނަމަ އެ ފިހެވޭނީ އިންޑިއާގައި ހަދާ ޗަޕާޓީ ގޮތަށް. ދިވެހީންނަށް ކަމުދަނީ ރާއްޖޭގައި، ގޭގޭގައި ހަދާ ދިވެހި ރޮށި. އެހެންވެގެން މެނުއަލްކޮށް ރޮށި ފިހަނީ،" ގަޑިއަކު 1،000 ރޮށި އުފެއްދުމުގެ ކުޅަދާނަކަން ހުރިި "ރޮށި ފެކްޓްރީ"އާ ބެހޭ ގޮތުން ޒައިދު ސަންއަށް ބުންޏެވެ.

މިއަހަރުގެ ރޯދަމަސް މިއަދު ފެށި އިރު، ރޮށި ފެކްޓްރީގެ ޚިދުމަތް ވެސް މިއަދު ރަސްމީކޮށް ވަނީ ފަށައިފަ އެވެ. ޚިދުމަތް ފަށައިގަންނަނީ މާލެ އާއި ހުޅުމާލެއިންނެވެ.

ރޮށި ފެކްޓްރީގެ ޚިދުމަތަކީ އޯޑަރަށް ރޮށި ފިހެދީ، އެ ޑެލިވާ ކޮށްދިނުމެވެ. ކޮންމެ ދުވަހަކުވެސް ހެނދުނު 10:00 އަކުން 2:00 އަށް އޯޑަރު ދިނުމުން، އެ ދުވަހުގެ މެންދުރުފަހު 3:00 އިން ހަވީރު 6:00 އަށް ޑެލިވަރ ކޮށްދެ އެވެ. އާދައިގެ ރޮއްޓެއްގެ އަގަކީ އެއް ރުފިޔާ އެވެ. އަދި އާޓާ ފުށުގެ ރޮއްޓަކަށް ދެ ރުފިޔާއެވެ.

މީގެ އިތުރުން، ޑެލިވަރީ ފީއެއްގެ ގޮތުގައި 10 ރުފިޔާއެވެ. ނަމަވެސް އެ 10 ރުފިޔާއަކީ ރޮށި ފެކްޓްރީއަށް ނަގާ ފީއެއް ނޫނެވެ. ޒައިދު ބުނި ގޮތުގައި، އެ ފީއަކީ، ރޮށި ޑެލިވާކޮށްދޭ ޑެލިވަރީ ބޯއިއަށް ލިބިގެން ދާނެ ފީއެކެވެ.

ރޯދަމަހު ކޮންމެ ގެއެއްގެ ވެސް ސުފުރާމަތިން ފެންނަ އެންމެ މުހިންމު ކާނާއަކީ ރޮއްޓެވެ. ދިވެހި ޒުވާނުންގެ ފަރާތުން މިހާރަކަށް އައިސް ތަފާތު ސަޅި ވިޔަފާރިތަކެއް އުފެދި، އެތަންތަން ދިވެހި ޒުވާނުން ދަނީ ހިތް އުފާ ކުރަމުންނެވެ. ރޮށި ފެކްޓްރީގެ ޚިދުމަތާ އެކު މިއީ މުޅި އާއިލާއަށް ވެސް ހިތްއުފާކޮށްލުމަށް ފަހިވި ފުރުސަތެކެވެ.

comment ކޮމެންޓް