އެސްޓެލާގެ ހަޔާތް ބަދަލުކޮށްލީ ސޫރަތުލް ފާތިޙާ!

އެސްޓެލާ އަލަސްގެ ހަޔާތް ބަދަލުކޮށްލީ، ސޫރަތުލް ފާތިހާކަމަށް އޭނާ ބުނޭ --

އެސްޓެލާ އަލަސް އަކީ ސްޕެެއިންގެ ވެރިރަށް، މެޑްރިޑަށް އުފަން އަންހެނެކެވެ. އުމުރުން 52 އަހަރުގެ އެސްޓެލާގެ މަންމަ އަކީ ކްރިސްޓިއަން ދީނުގެ އަންހެނެކެވެ. ނަމަވެސް ބައްޕަ އަކީ ދީން ގަބޫލު ކުރާ މީހެއް ނޫނެވެ.

އެސްޓެލާއާއި އޭނާގެ އެއްބަނޑު އެއްބަފާ ބޭބެ މެން ވެސް އުޅެމުން ދިޔައީ ބައްޕަ ފަދައިން ވަކި ދީނަކަށް ތަބާނުވެ އެވެ. ޔުނިވާސިޓީ ތައުލީމު ހާސިލު ކުރާ ހިސާބަށް ދިޔަ އިރު، އެސްޓެލާ ކިޔަވަން ބޭނުންވީ ޢަރަބި ބަހެވެ. ސަބަބު ޚުދު އޭނާއަށް ވެސް ބަޔާން ކުރަން ދައްޗެވެ.

އެސްޓެލާ ޢަރަބި ބަސް އިޚުތިޔާރު ކުރުން ވެގެން ދިޔައީ އޭނާގެ ބައްޕައަށް ލިބިގެން ދިޔަ ބޮޑު ސިހުމަކަށެވެ. ނަމަވެސް އެސްޓެލާގެ ނިންމުމަށް ބައްޕަ ހިތްވަރު ދިނެވެ. ޢަރަބި ބަހާއި އިސްލާމީ ސަގާފަތާއި އާދަތަކަށް އެސްޓެލާ ލޯބި ޖެހުނީ މުސްލިމުންގެ އާދަކާދަތައް ފެނުމުންނެވެ. އަދި ޢަރަބި ބަހުގެ އަކުރުތަކާއި ލަފްޒުތައް އެސްޓެލާއަށް ވަރަށް ބޮޑަށް ކަމުދިޔައެވެ.

ޣައިރު މުސްލިމެއްގެ ގޮތުގައި ހުރެ، އެސްޓެލާ ވަނީ ފަސް އަހަރު ވަންދެން ޢަރަބި ބަސް އުނގެނިފައެވެ. ދެން އޭނާގެ އާއިލާއަށް ލިބިގެން ދިޔައީ އެއަށް ވުރެ ބޮޑު ސިހުމެކެވެ. އެސްޓެލާ އިސްލާމް ދީން ގަބޫލު ކުރީ އެވެ. ވަކި ދީނެއް ގަބޫލު ނުކޮށް ދިރިއުޅެމުން ދިޔަ ޒުވާން އަންހެނަކު އިސްލާމް ދީން ގަބޫލު ކުރީ ކީއްވެ ހެއްޔެވެ؟

ޝަހާދަތުގެ ދެކަލިމަ ދުލުން ކިޔައި، އެސްޓެލާ އިސްލާމްވީ އެވެ. އަދި އޭނާގެ ނަން ވެސް މަރްޔަމް އަށް ބަދަލު ކުރީ އެވެ. ހަށިގަނޑު އެކީގައި ނިވާކޮށް، ދީނުގެ ކަންކަން ދަސްކުރަން ފެށި އެވެ. އެސްޓެލާ، މަރްޔަމް އަށް ބަދަލުވާން ޖެހުނީ ކީއްވެ ހެއްޔެވެ؟ އޭނާގެ މުޅި ދިރިއުޅުން ބަދަލު ކޮށްލަން މެދުވެރިވި ސަބަބަކީ އަޅެ ކޮބައިބާވައެވެ؟

މަރްޔަމް އަށް އިސްލާމް ދީނަށް ހިދާޔަތު ލިބިގެން ދިޔައީ ފާތިހާ ސޫރަތުންނެވެ. ޔުނިވާސިޓީގައި އަރަބި ބަސް އުނގެނެމުން ދިޔައިރު އޭނާ އެންމެ ފުރަތަމަ ހިތު ދަސްކުރީ ފާތިހާ ސޫރަތެވެ. ފާތިހާ ސޫރަތް ކިޔެވުމަކީ އޭނާގެ ހިތަށް ފިނިކަމާއި މަޑުމައިތިރިކަން ގެނުވާ ކަމެކެވެ. އިސްލާމް ދީން ގަބޫލު ކުރުމުގެ ކުރިން ވެސް ފަތިހާ ސޫރަތް ހިތު ދަސްކޮށް، ކިޔަވަމުން ދިޔައީ އެހެންވެ އެވެ. އެހެންކަމުން ފާތިހާ ސޫރަތް ހަނދާން ނައްތާލަން މަރްޔަމް ބޭނުމެއް ނުވި އެވެ. އަދި ސޫރަތް ހަނދާން ބެހެއްޓުމަށް، އަރަބި ބަހުން ސޫރަތް ލިޔަން ފެށި އެވެ.

ފާތިހާ ސޫރަތް ކިޔެވުމުން އޭނާގެ ހަޔާތް ބާއްޖަވެރިވެ، ކުޅަދުންވަންތަ ﷲ ސުބްހާނަހޫވަތައާލާގެ ބަރަކާތާއި ރަހުމަތް އޭނާއަށް އިހުސާސް ކުރެވެން ފެށި އެވެ. އަދި ރަނގަޅު މަގަކަށް ދެވޭ ކަމުގެ ފޮނި އިހުސާސް އޭނާއަށް ކުރެވެން ފެށުނެވެ. ހެޔޮ އަމަލު ކުރާ މީހުންނަށް ﷲގެ ރުއްސެވުން ލިބޭނެ ކަން ވިސްނުނެވެ. އިސްލާމް ދީން ގަބޫލު ކުރުމުގެ ކުރިން އެސްޓެލާ ވަނީ ދެ ފަހަރު ފާތިހާ ސޫރަތް ލިޔެފައެވެ.

ފުރަތަމަ ލިޔުނު ގަނޑު އޭނާ ދިނީ ބައްޕައަށެވެ. ޔުނިވާސިޓީގައި މަރްޔަމް ކުރަމުން ދިޔަ މަސައްކަތަށް ހިތްވަރު ދިނުމަށް ބައްޕަ އޭނާއަށް ދިނީ ޚަތިމެކެވެ. އޭނާ އިސްލާމް ދީން ގަބޫލު ކުރީ ދެވަނަ ފަހަރަށް ފާތިހާ ސޫރަތް ލިޔުމަށް ފަހު އެވެ.

އެއީ 2004 ވަނަ އަހަރު އެވެ. އާއިލާ އިން އޭނާގެ ތައުލީމަށް އެއްބާރުލުން ދިން ނަމަވެސް، އިސްލާމް ދީން ގަބޫލު ކުރުމަކީ އާއިލާއިން ރުހޭނެ ކަމެއް ނޫންކަން މަރްޔަމް އަށް އެނގުނެވެ. ނަމަވެސް އާއިލާ މެމްބަރަކު މަރުވުމުން، އޭނާ އަށް އެންމެ ބޮޑު ހިތްވަރެއް ލިބިގެން ދިޔައީ ކީރިތި ގުރުއާނުންނެވެ.

އޭނާއަށް ރައްކާތެރިކަން އިހުސާސް ކޮށްދިނީ އިސްލާމް ދީނުންނެވެ. މަރުވުމަށް ފަހު ދެން ވާނެ ގޮތް އުނގަންނައިދިން ދީނަކީ އިސްލާމް ދީނެވެ. ވީއިރު، އާއިލާ އިން ދެކޮޅު ހެދި ނަމަވެސް އެ ދީނަށް އޭނާ ފުރަގަސް ދޭނީ ކިހިނެތް ހެއްޔެވެ؟ އާއިލާ އާއި އެކުވެރިން އޭނާ އަކީ މޮޔަ އެއް ކަމަށް ހީކުރި ނަމަވެސް، މެޑްރިޑުގެ މިސްކިތެއްގައ އިނދެ ޝަހާދަތުގެ ދެކަލިމަ ކިޔައި އިސްލާމްވި އިރު، އެ މިސްކިތުގައި ތިބި ހުރިހާ މުސްލިމުން އޭނާ އަށް ދިނީ ބަޔާން ނުކުރެވޭ ވަރުގެ ގަދަރާއި ލޯތްބެވެ.

އެހެން މީހުން އޭނާއަށް މަލާމާތް ކުރި ނަމަވެސް، އިސްލާމީ މުޖުތަމައު އިން އޭނާ އަށް މަރުހަބާ ކިޔައި، އަންހެނަކަށް ހައްގުވާ އިހުތިރާމު ދިނެވެ. މަރްޔަމް އިސްލާމްވި ވަގުތު އެހެން މުސްލިމުންގެ މޫނުމަތިން ފެނުނު ހިނިތުންވުމާއި، ލޮލުން ފައިބަމުން ދިޔަ އުފާވެރިކަމުގެ ކަރުނަ އިން އަންގައިދިނީ އޭނާ އަށް ހެޔޮ މަގު ލިބުނު ކަމެވެ.

މަރްޔަމް އިސްލާމްވުމުން އޭނާގެ ބައްޕަ އެކަން ގަބޫލު ކުރާކަށް ބޭނުމެއް ނުވި އެވެ. އަދި ސޫރަތުލް ފާތިހާ ލިޔެފައި މަރްޔަމް ދިން ގަނޑު ވެސް އަނބުރާ މަރްޔަމް އަށް ދިނެވެ.

މަރްޔަމް އިސްލާމް ދީން ގަބޫލު ކުރި ފަހުން މިހާރު 13 އަހަރު ވެއްޖެ އެވެ. އަދި މިހާރު ބައްޕަ އާއި ދެމީހުންގެ ގުޅުން ވެސް ވަނީ ރަނގަޅު ވެފައެވެ. އޭނާގެ ބައްޕަ އަދިވެސް އެއްވެސް ދީނެއް ގަބޫލު ނުކުރި ނަމަވެސް، މަރްޔަމްގެ ސަބަބުން، ބައްޕަގެ ހިތުގައި އިސްލާމް ދިނާއި އަރަބި ބަހަށް ޚާއްސަ މަގާމެއް ވަނީ ދެވިފައެވެ. އޭނާގެ 19 އަހަރުގެ ދަރިފުޅަކީ ވެސް މުސްލިމެއް ނޫނެވެ. އެއީ އިސްލާމް ވުމުގެ ކުރިން، ކައިވެނީގެ ބޭރުން މަރްޔަމް އަށް ލިބިފައިވާ ކުއްޖެކެވެ. އެ ދަރިފުޅު ވެސް މަރްޔަމް އަށް ވަރަށް ގަދަރު ކުރެއެވެ.

އިސްލާމް ވުމަށް ފަހު މަރްޔަމް ވަނީ ކައިވެންޏެއް ކޮށްފައެވެ. ނަމާދު ކުރުމާއި ރޯދަ ހިފުން ފަދަ އަޅުކަންތައް އޭނާއަށް ދަސްކޮށްދިނީ އޭނާގެ ފިރިމީހާ އެވެ. ޤުރްއާން އަޑު އެހުމާއި ލިޔުމަކީ މަރްޔަމް ކޮންމެ ދުވަހަކު އާދަކޮށް ކުރާ ކަމެކެވެ. ކީރިތި ޤުރްއާން އަކީ އޭނާގެ ފޮތެވެ. އޭނާ އަށް ރަނގަޅު މަގު ދައްކައިދޭ ސަމުގާ އެވެ. އޭނާގެ ހަށިފާރަވެރިޔާއެވެ.

މަރްޔަމް އަށް އިސްލާމް ދީނުގެ ހިދާޔަތް ލިބުނު ފަދައިން، އޭނާގެ އާއިލާއަށް ވެސް އެ ހިދާޔަތް މިންވަރު ކުރައްވާތޯ މަރްޔަމް ކޮންމެ ދުވަހަކު ﷲގެ ހަޟްރަތުގައި ދުއާ ކުރެއެވެ. އަދި މުޅި އިސްލާމީ އުންމަތަށް ރައްކާތެރި ކަމާއި ބަރަކާތް މިންވަރު ކުރައްވައި، މުސްލިމުންނަށް ލިބެމުން އަންނަ އަނިޔާތަކުން މިންޖު ކޮށްދެވުމަކީ އޭނާގެ ހިތުގެ ފުންމިނުން ކުރާ ދުއާއެވެ.

އިސްލާމް ދީން ގަބޫލު ކުރި ފަހުން 13 އަހަރު ވެފައި ވާއިރު، މަރްޔަމް އެންމެ ބޭނުންވަނީ ﷲގެ ގެފުޅު ހުރި މައްކާގެ ބިމަށް ގޮސް ހައްޖު ވުމެވެ. އަދި އޭނާއަށް ލިބިފައިވާ އިލްމު އިތުރުކޮށްދެއްވައި، އަގީދާ ހަރުދަނާ ކޮށްދެއްވައި އޭނާއަށް ސުވަރުގެ ލިބުމެވެ. މައްކާގެ ބިމަށް ގޮސް މަރްޔަމް ކުރަން ބޭނުންވާ ދުއާ އަކީ އޭނާއަށް މުޅި ޤުރްއާން އެކުގައި ހިތުދަސް ކުރުމުގެ ކުޅަދާނަކަން މިންވަރު ކޮށްދެއްވުމެވެ.

"އަހަރެންގެ ދުއާ އަކީ މާތް ﷲ އަހަރެންގެ އާއިލާއަށް ތެދު މަގު ދެއްކެވުން. އަދި ދަތި އުނދަގުލުގައި ދިރިއުޅެމުން އަންނަ މުސްލިމުންގެ ދިރިއުޅުން ފަސޭހަ ކޮށްދެއްވުން. އަހަރެންގެ އިލްމު ތަނަވަސްކޮށްދީ، އިސްލާމީ ރިވެތި އުސޫލުތަކާއި އާދަތައް ދަސްވުން. އަދި މައްކާއަށް ދެވުން. އަދި އަހަންނަށް ސުވަރުގެ މިންވަރު ކޮށްދެއްވުން. މައްކާއަށް ދެވިއްޖެ ނަމަ އަހަންނަށް ކީރިތި ޤުުރްއާން ހިތުދަސް ކުރުމުގެ ކުޅަދާނަކަން ދެއްވުމަށް އެދޭނަން،" މަރްޔަމް ބުންޏެވެ.

މާތްﷲ މަރްޔަމްގެ ދުއާ އިޖާބަ ކުރައްވައި، އިސްލާމް ދީނުގައި ސާބިތުވެ ހުރުމުގެ ހެޔޮ ތައުފީގު މިންވަރު ކުރައްވާށި! އާމީން.'

comment ކޮމެންޓް