ފަނޑިޔާރުކަމުގައި 15 އަހަރު: "ދުވަހަކު ވެސް މީހަކު ރިޝްވަތެއް ހުށައެއްނާޅާ"

ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހުސައިން -- ސަން ފައިލް ފޮޓޯ

ގިނަބައެއްގެ ފާޑު ކިޔުން އާންމުކޮށް ވެސް އެންމެ ގިނައިން އަމާޒުވާ މީހުންގެ ތެރޭގައި ފަނޑިޔާރުކަން ކުރައްވާ ބޭފުޅުން ހިމެނި ވަޑައިގަންނަވަ އެވެ. ސަބަބެއް ނެތި އެއްވެސް ނޫނެވެ. އާންމުންގެ ކުށުގެ މައްސަލަތަކާއި މަދަނީ މައްސަލަތައް ނިންމުމުގައި ފަނޑިޔާރުން އިސްރޯލެއް އަދާކުރެ އެވެ. އެ މައްސަލަތައް ނިންމުމުގައި ފަނޑިޔާރުން ރިޝްވަތު ނަގާ ކަމަށާއި އިންސާފުން ބޭރުން މައްސަލަތައް ނިންމާ ކަމަށް ބުނެ މީހުން އަބަދުވެސް ފާޑު ކިޔަ އެވެ.

ފަނޑިޔާރެއްގެ އިހުސާސާއި އަމަލުކުރެއްވި ގޮތް އާންމުންނަށް އެނގިގެން ދަނީ މަދު ފަހަރަކު އެވެ. ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހުސައިން މިފަދަ ފާޑު ކިޔުންތަކަށް ވިދާޅުވަނީ "ދުވަހަކު ވެސް އެއްވެސް ފަރާތަކުން ރިޝްވަތު ހުށަހަޅުއްވާފައެއް ނުވޭ" އެވެ.

ފާއިޒު ދިވެހިރައްޔިތުންނަށް ދެއްވާ ޔަގީންކަމަކީ ނުހައްގު ލޯރާރިއަކުން ވެސް އެމަނިކުފާނުގެ އަނބިދަރިން ބަނޑު ފުރާނަ މުއްތިކޮށްފައިނުވާނެ ކަމުގެ ޔަގީންކަމެވެ. ނަވާރަސަތޭކަ ނުވަދިހަ ނުވަ ވަނަ އަހަރުން ފެށިގެން މެދުނުކެނޑި ފަނޑިޔާރު ކަމުގެ މަސްއޫލިއްޔަތުތައް އަދާކުރައްވަމުން ދަނިކޮށް 2014 ވަނަ އަހަރު މަގާމުން ވަކިކުރިއިރު ފާއިޒު ވަރަށް އުފާވާ ކަމެއް އެބައޮތެވެ. އެއީ މުޅި އުމުރަށް ވެސް އެކަމާ ފަޚުރުވެރިވެވަޑައިގަންނަވާ ކަމެއްގެ ގޮތުގައި ފާއިޒު ދެކެވަޑައިގަންނަވަ އެވެ. އެކަމަކީ ފަނޑިޔާރު ކަމުގައި ހޭދަކުރި 15 އަހަރު ދުވަހުގެ ތެރޭގައި އެއްވެސް މީހެއްގެ އަތުން ރިޝްވަތު ނަގާފައި ނުވާއިރު އެއްވެސް މީހެއްގެ އޯޑަރަށް ވަކިގޮތަކަށް ހުކުމެއް ކޮށްފައިނުވާ ކަމުގެ ހިތްހަމަޖެހުން ކަމަށް ފާއިޒު ވިދާޅުވެ އެވެ.

ފާއިޒު ވިދާޅުވަނީ ފަނޑިޔާރު ކަމުގައި ހޭދަކުރެއްވި މުއްދަތުގެ ތެރޭގައި ދުވަހަކު ވެސް އެމަނިކުފާނަށް އެއްވެސް ފަރާތަކުން ރިޝްވަތު ހުށަހަޅުއްވާފައިނުވާ ކަމަށެވެ.

ހދ. ވައިކަރަދުއަށް ނިސްބަތްވެވަޑައިގަންނަވާ ފާއިޒުގެ ތައުލީމީ ހަޔާތުގެ ބިންގާ އެޅީވެސް އެރަށުންނެވެ. އެއަށް ފަހު ޕާކިސްތާނުގެ ފައިސަލް އާބާދުގެ ޖާމިޔާ ސަލަފިއްޔާ އިން ދީނީ ތައުލީމު ހާސިލުކުރެއްވި އެވެ. ގާނޫނީ ދާއިރާއިން ތައުލީމު ހާސިލުކުރެއްވީ އޭގެފަހުންނެވެ.

ފާއިޒު ވިދާޅުވި ގޮތުގައި ކިޔަވާ ވިދާޅުވުމަށް ފަހު ފުރަތަމަ ޝަރުއީ ދާއިރާގައި މަސައްކަތް ކުރެއްވުމުގެ ޝައުގުވެރިކަމެއް އެމަނިކުފާނުގެ ނެތެވެ. އެމަނިކުފާނު ޝަރުއީ ދާއިރާއާ ގުޅިވަޑައިގަތުމުގެ އަސްލަކީ ކުރީގެ ޖަސްޓިސް މިނިސްޓަރު އަހުމަދު ޒާހިރު (ސީނާ ޒާހިރު) އެވެ.

"..... އަހުމަދު ޒާހިރާ އެކު ވަންޓު ވަން މީޓިންއެއް އޮތީ އެބޭފުޅާގެ ކޮޓަރިކޮޅުގައި. އިތުރު އެއްވެސް ބޭފުޅަކު ނެތް. އެ ދެކެވުނު ވާހަކަތަކުގެ ތެރޭގައި އަޅުގަނޑު ޝައުގުވެރިކަން އުފެދުނީ. ސީދާ އަހުމަދު ޒާހިރާ އެކު ދެކެވުނު ވާހަކަތަކުގެ ތެރޭގައި. އަޅުގަނޑު ހިތަށްއެރި ރާއްޖޭގެ ޝަރުއީ ނިޒާމް ތަޖުރިބާކޮށްލަން ބޭނުންވާ ނަމަ ޝަރުއީ ނިޒާމުގެ އެތެރޭގައޭ މަސައްކަތް ކުރާނީ،" ފާއިޒް ވިދާޅުވި އެވެ.

އޭރުވެސް ދާއިމަށް ޝަރުއީ ދާއިރާގައި މަސައްކަތް ކުރައްވަން ފާއިޒު ގަސްތެއް ނުކުރައްވަ އެވެ. ނަވާރަސަތޭކަ ނުވަދިހަ ނުވަ ވަނަ އަހަރުން ފެށިގެން ސިވިލް ކޯޓުގެ ގާޒީކަން ކުރައްވަމުން ގެންދަވަނިކޮށް 2004 ވަނަ އަހަރު އޭރުގެ ރައީސުލްޖުމްހޫރިއްޔާ، ހައިކޯޓުގެ ފަނޑިޔާރު ކަމަށް ފާއިޒު އައްޔަން ކުރެއްވި އެވެ. އެއަށް ފަހު އިންތިގާލީ ސުޕްރީމް ކޯޓު އުފެދެންދެން ޝަރުއީ ދާއިރާގެ އިސްވެރިއަކަށް ހުންނެވީ ވެސް ފާއިޒެވެ.

ސުޕްރީމް ކޯޓު އުފެއްދި ދުވަސްވަރު އެ ކޯޓުގެ ފަނޑިޔާރަކަށްވުމުގެ ދައުވަތު ޖުޑީޝަލް ސާވިސް ކޮމިޝަންގެ މެމްބަރަކު އެމަނިކުފާނަށް ދެއްވި އެވެ. ނަމަވެސް ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށް ވެވަޑައިގަތުމުގެ ޝައުގުވެރިކަން ނެތްކަން ފާއިޒު ގެންދެވީ އޭރު ވެސް ވިދާޅުވަމުންނެވެ. އަދި ތަކުރާރުކޮށް ދައުވަތު ދެއްވާތީ ފާއިޒު ހުށަހެޅުއްވީ އެމަނިކުފާނުގެ އިންޓަވިއުއެއް ނެގުމަށެވެ. ގިނަ ބޭފުޅުންތަކެއްގެ މެދުގައި ނެގި އިންޓަވިއުއިން އެންމެ މަތީ މާކްސް ލިބިވަޑައިގަތީ ފާއިޒަށެވެ. އެ އިންޓަވިއުއަށް ފަހު ލިބިވަޑައިގެންނެވި އިންތިގާލީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަން އެމަނިކުފާނު ގަބޫލުފުޅުކުރެއްވި އެވެ.

އެއަށް ފަހު އުއްތަމަ ފަނޑިޔާރަކަށް ވުމުގެ ދައުވަތު ލިބެންފެށި އެވެ. ނަމަވެސް ފާއިޒު ވިދާޅުވި ގޮތުގައި އޭރު އެކަމަށް ވެސް އޭނާގެ ޝައުގެއް ނެތެވެ.

"ރައީސް އޮފީހުން އަޅުގަނޑަށް ފޯނުކޯލެއް އައީ. ރައީސުލްޖުމްހޫރިއްޔާގެ ލީގަލް ސެކްރެޓަރީ ހިސާން ހުސައިން. އަޅުގަނޑު އެއްވެސް އެއްޗެއް ނުބުނެވި އުޅެނިކޮށް ރައީސް ނަޝީދަށް ޕާސްކުރެއްވީ. ރައީސް ނަޝީދު ވިދާޅުވީ ތިމަން މަނިކުފާނު ނިންމަވައިފީމޭ އުއްތަމަ ފަނޑިޔާރުގެ މަގާމަށް ފާއިޒުގެ ނަން ފޮނުވަން. އަޅުގަނޑު ދަންނަވައިފިން އެހެންނަމަވެސް އަޅުގަނޑު ޝައުގުވެރިކަން ހުރިކަމެއް ނޫނޭ ތިއީކީ. ދެން އެބޭފުޅާ ދައްކައިފި ވަރަށް ފައްކާ ވާހަކަފުޅެއް. ދެންނެވީ މިއަދު ގައުމު މިއޮތް ހާލަތުން ބޭނުންފުޅު ނުވި ކަމުގައިވިޔަސް ގައުމަށް އެބަޖެހެއޭ މި ޚިދުމަތްކޮށްދޭން. އެހެން ވިދާޅުވެފައި އަޅުގަނޑު ވަކިއެއްޗެއް ނުދަންނަވާ އުޅެނިކޮށް އެބޭފުޅާ ފޯނު ބާއްވައިފި،"

ފާއިޒު ވިދާޅުވި ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ފޯނު ކުރައްވައި އެހެން ވިދާޅުވިޔަސް އިތުރު ފިޔަވަޅެއް އަޅުއްވާނެ ކަމަށް އޭނާ ހީފުޅެއް ނުކުރައްވަ އެވެ. އުއްތަމަ ފަނޑިޔާރު ކަމަށް އައްޔަން ކުރެއްވުމަށް ފާއިޒުގެ ނަން މަޖިލީހަށް ފޮނުވިކަން އެމަނިކުފާނަށް އެނގިވަޑައިގަތީ މީޑިއާ އިންނެވެ. އެ މައުލޫމާތު ލިބިވަޑައިގަތުމާއެކު ރައްޔިތުންގެ މަޖިލީހުގެ އަމީން އާންމު އަހުމަދު މުހައްމަދަށް ފޯނުން ގުޅުއްވައި އެކަމާ ނުރުހޭކަން ފާއިޒު ހާމަކުރެއްވި އެވެ.

"އަޅުގަނޑު ދެންނެވިން އަޅުގަނޑު ނުރުހި ހުއްޓައޭ. އަޅުގަނޑުގެ ނަން ފޮނުވީ. އަޅުގަނޑު ބޭނުމޭ އަޅުގަނޑުގެ ނަން ވިތްޑްރޯ ކުރަން. ކިހިނެއްހޭ ހަދާނީ. ދެން އަހުމަދު ބުނެފި ތިމަންނަމެން އެޖެންޑާ ވެސް ތައްޔާރުކޮށްފައި މެމްބަރުންނަށް ނަންތައް ވެސް ފޮނުވައިފީމޭ. ދެން އަހުމަދު ވިދާޅުވީ ފާއިޒު އަށޭ އެނގޭނީ ފާއިޒު ހަދާނެގޮތެއް. ތިމަންނަގެ ނަސޭހަތަކީ ދެން އަޅާނުލުމޭ. އެ ހިސާބުން އަޅުގަނޑު އެ ޚިޔާލު ދޫކޮށްލީ. މިއީ އަޅުގަނޑަށް އުއްތަމަ ފަނޑިޔާރު ކަމަށް އާދެވުނު ގޮތަކީ،" ފާއިޒު ވިދާޅުވި އެވެ.

ފާއިޒު ރާއްޖޭގެ ފަނޑިޔާރުންނަށް ކުރައްވާ އިލްތިމާސަކީ މާތް ﷲ އެންގެވި ވާޖިބެއް ބިންމަތީގައި ތަންފީޒުކުރުމުގެ ގޮތުން ފަނޑިޔާރުކަން ކުރުމެވެ. ފާއިޒު ދެކެވަޑައިގަންނަވާ ގޮތުގައި މީސްތަކުންގެ މެދުގައި ހުކުމް ކުރުމަކީ ދުނިޔަވީ ކަމެއް ނޫނެވެ. އެއީ އަޅުކަމެކެވެ. ނަޒާހާތްތެރި ފަނޑިޔާރަކަށްވެވޭނީ އީމާންކަން ވަރުގަދަވެގެންނެވެ. ފާއިޒު ފަނޑިޔާރުންނަށް އިލްތިމާސް ކުރައްވަނީ އަމިއްލަ ނަފްސަށް ތެދުވެރިވުމަށެވެ.

"މަގާމަކީ އަބަދު ދެމިއޮންނާނެ އެއްޗެއް ނޫން. ކޮންމެ ބޭފުޅަކު ވެސް ކޮންމެވެސް އެއްދުވަހަކު އެ މަގާމު ދޫކޮށްފައިދާންޖެހޭނެ. އެ މަގާމު ދޫކޮށްފައި ގޮސް ގޭގައި ހުންނަވާއިރު އެބޭފުޅަކަށް އެބޭފުޅެއްގެ ދަރިންނަށް ކާންދެވެނީ ކޮންކަހަލަ ފައިސާއެއްކަން އެބޭފުޅަކަށް އެނގިވަޑައިގަންނަވާނީ،"

ޝަރުއީ ދާއިރާގައި ހޭދަ ކުރެއްވި 15 އަހަރަށް ފަހު ފާއިޒް މިހާރު ހުންނެވީ މުޅިން ޝަރުއީ ދާއިރާއިން ދުރުވެ ވަޑައިގެންނެވެ. "ސިޔާސީ ދާއިރާއަކަށް ވެސް ފަނޑިޔާރު ކަމަކަށް ވެސް ޝައުގެއް ނެތް" ކަމަށް ފާއިޒް ވިދާޅުވި އެވެ.

comment ކޮމެންޓް