ކޮކާ-ކޯލާގެ ފުރަތަމަ ދިވެހި އިސްތިހާރާއެކު ޝަލަބީ ތާރީޚުގެ ތެރެއަށް!

ކޮކާ ކޯލާގެ ފުރަތަމަ ދިވެހި އިސްތިހާރަށް އަޑުއަޅައިދީފައި ވަނީ، މަޝްހޫރު ޒުވާން ލަވަކިޔުންތެރިޔާ ޝަލަބީ އިބްރާހީމް --

ކޮކާ ކޯލާއަކީ މުޅި ދުނިޔޭގައިވެސް ވަރަށް މަޝްހޫރު ބްރޭންޑެކެވެ. ވޭތުވެދިޔަ 26 ވަރަކަށް އަހަރު ދުވަހުގެ ތެރޭގައި، ކޮކާ ކޯލާއިން، ސޮފްޓް ޑްރިންކްސްގެ ރަސްކަން ރާއްޖޭގައި ކުރަމުން އައި ނަމަވެސް ކޯކުގެ އިސްތިހާރެއްގައި މިހާތަނަށް ދިވެއްސެއްގެ އަޑު ހިމަނާފައެއް ނުވެއެވެ.

އެހެން ނަމަވެސް މިހާރު މިވަނީ ދިވެއްސެއްގެ އަޑުން ކޮކާ ކޯލާ އިސްތިހާރެއް ފުރަތަމަ ފަހަރަށް އިއްވާލައިފައެވެ. މި އިސްތިހާރުގެ އަސްލަކީ އުރުދޫބަސް ކަމަށްވީ ނަމަވެސް މިހާރު މިވަނީ މި އިސްތިހާރު ދިވެހިކޮށްލައިފައެވެ. ކޮކާ ކޯލާގެ ތާރީޚްގައި ފުރަތަމަ ފަހަރަށް ދިވެއްސެއްގެ އަޑު އިސްތިހާރެއްގައި އިއްވާލަދީފައި މިވަނީ، ދިވެހީންގެ އެތަކެއް ބައެއްގެ ހިތް އަތުލާފައިވާ، ޒުވާން މަޝްހޫރު ލަވަކިޔުންތެރިޔާ ޝަލަބީ އިބްރާހީމްއެވެ.

ޝަލަބީގެ ޖާދުވީ އަޑުން ކިޔާލާފައިވާ މި ރީތި ހިތްގައިމު ލަވައާއެކު، ކޮކާ ކޯލާއިން ރޯދައަށް ޚާއްސަކޮށްގެން ހަދާފައިވާ "ހުރިހާ އުފަލެއް ހިއްސާ ކުރޭ" އިސްތިހާރު ވަރަށްވެސް ފުރިހަމެއެވެ.

"މި ރަމަޟާން މަހު އެހީތެރީންނަށްވެސް އެހީތެރިކަމުގެ އަތެއް ދިއްކޮށްލަމާ" މި ޝިއާރުގެ ދަށުން ކިޔާފައިވާ ލަވައިގެން މިއުޒިކްވެސް ހަދާފައިވަނީ ހަމަ ދިވެހި މިއުޒީޝަނުންނެވެ.

"ވެދޭތީ އެހީބަހާރު، ހިނިތުންވެދޭ، މަދަދެއް ވުމުން އުފަލެއް ވެޔޭ.

މަދަދެއް ލިބެން ނޭދޭނެޔޭ، އެމަގުން ހިނގުމަށް ނާންނާނުހޭ،

ހުރިހާ އުފަލެއް ހިއްސާ ކުރޭ." މިއީ އެ ލަވައިގައި ޝަލަބީގެ އަޑުން ކިޔާފައިވާ އިބާރާތްކޮޅެވެ.

ރާއްޖޭގެ ކޮކާކޯލާ ކުންފުނީގެ ޖެނެރަލް މެނޭޖަރު އޮޕަރޭޝަންސް، މިލިންދް ދެރާސަރީ ވިދާޅުވީ، ކޯކުގެ އިސްތިހާރަކަށް ދިވެހިން އަޑުއަޅަން ފުރުސަތު ލިބުނީ، ރާއްޖޭގެ ކޮކާ ކޯލާ ކުންފުނިން އެމެރިކާގެ އެޓްލާންޓާގައި ހުންނަ އެ ކުންފުނީގެ މައި އިދާރާގައި އެކަމަށް އެދި ކުރެވުނު މަޝްވަރާތަކަކަށް ފަހު ކަމަށެވެ.

"މިއީ ގްލޯބަލީ ބޭނުންކުރާ އިސްތިހާރެއް. އެކަމަކު މި ހާރު މިވަނީ، ދިވެހި ބަހުން އެއަށް އަޑު އަޅާފައި. މިއީ ކޮކާ ކޯލާގެ ތާރީޚްގައި ވެސް މިގޮތަށް ކޯކްގެ އިސްތިހާރަކަށް ދިވެހީން އަޑުއެޅި ފުރަތަމަ ފަހަރު،" މިލިންދު ވިދާޅުވިއެވެ.

"މީގައި މިވަނީ، އުރުދޫ ބަހުން ކިޔާފައިވާ ލަވައިގައި ހިމެނޭ ބަސްތައް ދިވެހި ބަހަށް ތަރުޖަމާކޮށް، އަލުން ޅެމެއް ހަދާފައި. މި ހުރިހާ މަސައްކަތެއްވެސް ކުރީ ހަމަ ދިވެހީން."

ކޮކާ ކޯލާއިން މިފަހަރުގެ ރޯދައަށް ޚާއްސަކުރި މި އިސްތިހާރުގެ މިއުޒިކް ތައްޔާރުކޮށްފައި ވަނީ، ހައުސް އޮފް މިއުޒިކުންނެވެ. އިސްތިހާރުގެ ބަސްތައް އަތުރާލަދީފައި ވަނީ، ޅެންވެރިޔާ ނަސްމާ އަބްދުލްމުޙްސިންއެވެ. އަދި ވޮއިސްއޯވާރ ހަދާފައި ވަނީ، ހައްސާން އަލީއެވެ.

comment ކޮމެންޓް