ލ. އަތޮޅުގައި ދެ ޑިންގީއެއް ޖެހި ފަސް މީހަކަށް އަނިޔާވެއްޖެ

މީގެކުރިން އެކްސިޑެންޓްވި ޑިންގީއެއް --- ސަންފައިލް ފޮޓޯ

ލ. ދަނބިދޫއިން ފުރައިގެން ދިޔަ ޑިންގީއެއް އެ އަތޮޅު އިސްދޫއިން ފުރައިގެން އައި ޑިންގީއެއްގައި ޖެހި ހިނގި އެކްސިޑެންޓެއްގައި ފަސް މީހަކަށް އަނިޔާވެއްޖެ އެވެ.

އެ ހާދިސާ ހިނގައިގެން އުޅޭކަން ފުލުހުންވެސް ވަނީ 'ސަން' ކަށަވަރުކޮށްދީފަ އެވެ.

ދަނބިދޫއިން ވާހަކަދެއްކި މީހަކު 'ސަން' އަށް ބުނީ އެ ހަދިސާ ހިނގަން މެދުވެރިވީ އިސްދޫއިން ފުރައިންގެ އައި ޑިންގީ ދަނބިދޫއިން ފުރައިގެން ދިޔަ ޑިންގީގެ މައްޗަށް އަރައިގެން ކަމަށެވެ.

އެ ހާދިސާގައި އަނިޔާވި ފަސް މީހުންނަށް ދަނބިދޫ ސިއްހީ މަރުކަޒުގައި ފަރުވާ ދެމުންދާ ކަމަށާއި އަދި އިތުރު ފަރުވާއަށް ބައެއް މީހުން ލ ގަމު ރީޖަނަލް ހޮސްޕިޓަލަށް ގެންދިއުމަށް މަސައްކަތް ކުރަމުން ދާ ކަމަށް އެމީހާ ބުންޏެވެ.

"ފަސް މީހަކަށް އެކިވަރުގެ އަނިޔާ ލިބުނު، އޭގެ ތެރެއިން ބައެއް މީހުންގެ ބޮލަށް އަނިޔާވެފައި ހުރުމުން ގަމު ރީ ޖަނަލް ހޮސްޕިޓަލަށް ގެންދިއުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުން" ދަނބިދޫއިން ވާހަކަދެއްކި މީހާ ބުންޏެވެ.

އެ ހާދިސާގައި އަނިޔާ ލިބުނު މީހުން ގޮވައިގެން ދަނބިދޫން ގަމަށް ދަތުރުކުރި ލޯންޗްވެސް ފަރަށް އަރާފައިވާ ކަމަށް 'ސަން' އަށް މައުލޫމާތު ދިން މީހަކު ބުންޏެވެ.

ެއެމްއެންޑީއެފުން ބުނީ އެފަދަ ކަމެއް ހިނގައިގެން އުޅޭ ކަމުގެ މައުލޫމާތު ލިބިފައި ނުވަ ކަމަށެވެ.

comment ކޮމެންޓް