ކާނަލް ނާޒިމާއި ޝެއިހް އިމްރާން ރޯދައަށް ގޭ ބަންދަށް ބަދަލުކޮށްފި

ޝައިޚް އިމްރާން އަދި ކާނަލް ނާޒިމް --- ސަން ފައިލް ފޮޓޯ

މިވަގުތު ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް މުހައްމަދު ނާޒިމާއި އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބްދުﷲ ރޯދަ މަސް ނިމެންދެން ގޭބަންދަށް ބަދަލުކޮށްފި އެވެ.

ނާޒިމާއި އިމްރާން މިއަދު ހަވީރު ގޭ ބަންދަށް ބަދަލުކުރިކަން ކަރެކްޝަނުން ވަނީ 'ސަން' އަށް ކަށަވަރުކޮށްދީފަ އެވެ. ކަރެކްޝަންސްގެ އޮފިޝަލަކު ވިދާޅުވީ ނާޒިމާއި އިމްރާން ގޭ ބަންދަށް ބަދަލުކުރީ ރޯދައަށް ކަމަށެވެ.

މީގެކުރިންވެސް ގޭބަންދުގައި ގިނަ ދުވަސްތަކެއް ވަންދެން ބޭއްތިއްބުމަށް ފަހު ނާޒިމާއި އިމްރާން އަލުން ޖަލަށް ބަދަލު ކޮށްފައިވަނީ މީގެ ދެ މަސް ކުރިންނެވެ.

ކާނަލް ނާޒިމް 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން ދަނީ ހަނގުރާމަވެރި ހަތިޔާރު ރާއްޖެ އެތެރެކޮށް ގެންގުޅު ކަމުގެ ކުށް ސާބިތުވުމުންނެވެ.

އިމްރާނުގެ މައްޗަށް 12 އަހަރުގެ ޖަލު ހުކުމެއް ކޮށްފައި ވަނީ 2015 ވަނަ އަހަރުގެ މެއި މަހުގެ އެއް ވަނަ ދުވަހު "މޭޑޭ" މުޒާހަރާގައި އަނިޔާވެރިކަމަށް ހިތްވަރު ލިބޭ ގޮތަށް ވާހަކަތެއް ދެއްކި ކަމަށް ބުނެ ދައުލަތުން އުފުލި ޓެރަރިޒަމްގެ ދައުވާ ސާބިތު ވުމުންނެވެ.

comment ކޮމެންޓް