ރޯދައިގެ މަތިވެރި އަޅުކަން ފުރިހަމައަށް އަދާކުރުމަށް ރައީސް ޔާމީން އިލްތިމާސްކުރައްވައިފި

ރައީސް ޔާމީން ގއ އަތޮޅު ރަށެއްގައި --- ފޮޓޯ/ ރައީސް އޮފީސް

މި ފެށޭ ރަމަޟާން މަހުގެ މަތިވެރި އަޅުކަން ފުރިހަމައަށް އަދާކުރުމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ދިވެހި ރައްޔިތުންނަށް އިލްތިމާސްކުރައްވައިފި އެވެ.

ރޯދަ މަހާ ގުޅިގެން ރައީސް ޔާމީން ނެރުއްވި ހިތާބުގައި ދިވެހިންނަށް އިލްތިމާސް ކުރައްވާފައިވަނީ ރަމަޟާން މަހުގެ ދުވަސްތަކާއި ރޭތަކުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށެވެ.

ބަރަކާތްތެރި ރަމަޟާންމަސް ބައްދަލުކުރުމުގެ ހެޔޮ ތައުފީގު މިންވަރުކުރެއްވި ކަމަށްޓަކައި اللّـه سبحـانـه وتعـالىގެ ޙަޟްރަތަށް ހަމްދާއި ޝުކުރު ކުރައްވައި ރައީސް ޔާމީން ވަނީ ރަމަޟާން މަހުގެ ތަހުނިޔާ ދިވެހިންނާއި އިސްލާމީ އުންމަތަށް އަރިސް ކުރައްވާފަ އެވެ.

"ރަމަޟާން މަހަކީ މާތްﷲ އިސްލާމީ އުންމަތަށް މިންވަރު ކުރައްވާފައިވާ ވަރަށް މަތިވެރި މައްސަރެއް. ރަހުމަތާއި ނިއުމަތުގެ މައްސަރެއް ކަމަށާ އަޅުކަމާއި ތަގުވާގެ އަގުހުރި ފުރުސަތެއް" ރައީސް ޔާމީންގެ ހިތާބުގައި ވިދާޅުވެފައިވެ އެވެ.

ރަމަޟާން މަހަކީ ތައުބާވުމުގެ ރޫހާނީ މޫސުމެއް ކަމަށްވެސް ރައީސް ޔާމީން ވަނީ ވިދާޅުވެފަ އެވެ.

އެހެންކަމުން ރޯދައިގެ މަތިވެރި އަޅުކަން ފުރިހަމަގޮތުގައި އަދާކޮށް، ފަރުޟު ފަސްނަމާދަށް ރައްކާތެރިވެވަޑައިގެން، ކީރިތި ޤުރްއާނަށް ހާއްސަ އަހަންމިއްޔަތު ކަމެއް ދެއްވުމަށް ރައީސް ޔާމީން ވަނީ ދިވެހި ރައްޔިތުންނަށް އިލްތިމާސްކުރައްވާފަ އެވެ.

މިއަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކީ މާދަމާ އެވެ.

comment ކޮމެންޓް