15 އަހަރަށް ފަހު މާލޭގައި ފުރަތަމަ ފަހަރަށް ބައިސްކަލް ރޭހެއް!

ބައިކް މޯލްޑިވްސްގެ ފަރާތުން މިއަދު މާލޭގައި ބޭއްވި ފުރަތަމަ ޖޫނިއަރ ބައިކް ލީގުގެ ތެރޭން -- ފޮޓޯ: ބައިކް މޯލްޑިވްސް

ފަހުގެ ތާރީޚެއްގައި މާލޭގައި ކުރިއަށް ގެންދިޔަ ފުރަތަމަ ބައިސްކަލް ރޭސް ކާމިޔާބުކަމާއެ، ބައިކް މޯލްޑިވްސް އިން މިއަދު ކުރިއަށް ގެންގޮސްފިއެވެ.

ދިވެހި ކުޅިވަރުގެ ބައްޕަގެ ގޮތުގައި ސިފަކުރާ، އަލްމަރްހޫމް ޒާހިރު ނަސީރު ދުނިޔޭގައި ހުންނެވި އިރު، ރާއްޖޭގައި ބައިސްކަލް ރޭސްތައް ކުރިއަށް ގެންދިޔަ ނަމަވެސް، މިފަހަކަށް އައިސް ބައިސްކަލްރޭހެއް ނުބާއްވާތާ މިހާރު 15 ވަރަކަށް އަހަރު ވެދާނެއެވެ.

ޖުމުލަ ތިން އުމުރު ފުރައަކަށް ބަހާލައިގެން ބައިކް މޯލްޑިވްސް އިން މިއަދު ކުރިއަށް ގެންދިޔަ، ފުރަތަމަ ޖޫނިއަރ ބައިކް ލީގުގައި ޖުމުލަ 72 ބައިސްކަލް ދުއްވުންތެރީން ބައިވެރިވި ނަމަވެސް، މޫސުން ގޯސްވުމާއި މި ނޫންވެސް ތަފާތު ސަބަބުތަކާ ހުރެ، މިއަދު މާލޭ ސިނާއީ ސަރަހައްދުގައި ކުރިއަށް ގެންދިޔަ އެ މުބާރާތުގައި ވާދަކޮށްފައި ވަނީ، 51 ބައިވެރީންނެވެ.

ބައިކް މޯލްޑިވްސްގެ ފަރާތުން މިއަދު މާލޭގައި ބޭއްވި ފުރަތަމަ ޖޫނިއަރ ބައިކް ލީގުގެ ތެރޭން -- ފޮޓޯ: ބައިކް މޯލްޑިވްސް

މިއަދު ހެނދުނު 8:00ގައި ފެށި ރޭހުގައި، 9 އަހަރުން ދަށް، 11 އަހަރުން ދަށް އަދި 13 އަހަރުން ދަށުގެ ދެ ޖިންސުގެ ބައިސްކަލްދުއްވުންތެރީން ވާދަކުރިއެވެ.

އެގޮތުން، އެއް ކިލޯ މީޓަރަށް ދުއްވައިގެން، 9 އަހަރުން ދަށުގެ ފިރިހެން ބައިން އެއްވަނަ ހޯދާފައި ވަނީ، އަބްދުﷲ އީލާމް އަހްމަދު މުޖްތަބާއެވެ. އެ އުމުރުފުރައިގެ އަންހެން ބައިން އެއްވަނަ ހޯދީ ލަޔާން ޙަސަން ޝަފާޒެވެ.

ރޭހުގައި ދެ ކިލޯ މީޓަރަށް ދުއްވައިގެން، 11 އަހަރުން ދަށުގެ އުމުރުފުރައިގެ ފިރިހެން ބައިން ޙުސައިން މަހްމޫދު އިބްރާހީމް އެއްވަނަ ހޯދިއިރު، އެ އުމުރުފުރައިގެ އަންހެން ބައިން އެއްވަނަ ހޯދީ ޒައިނާ އާސިމް މުހައްމަދެވެ.

ބައިކް މޯލްޑިވްސްގެ ފަރާތުން މިއަދު މާލޭގައި ބޭއްވި ފުރަތަމަ ޖޫނިއަރ ބައިކް ލީގުގެ ތެރޭން -- ފޮޓޯ: ބައިކް މޯލްޑިވްސް

ރޭހުގެ ބައިވެރީންގެ ތެރޭން، 13 އަހަރުން ދަށުގެ ބައިވެރީން ރޭސް ފުރިހަމަކުރުމަށްޓަކައި ފަސް ކިލޯމީޓަރަށް ދުއްވާން ޖެހުނު އިރު، އެ އުމުރުފުރައިގެ ފިރިހެން ބައިން އެއްވަނަ ހޯދީ މުޙައްމަދު ޝައިފްޝާނެވެ. އަދި އަންހެން ބައިން އެއްވަނަ ހޯދީ ފާތިމަދު މާޝާ ހާމިދެވެ. 13 އަހަރުން ދަށުގެ ބައިގެ އަންހެން ބައިގައި ވާދަކޮށްފައި ވަނީވެސް ހަމައެކަނި މާޝާއެވެ.

ދިރާގު، އިލާ މޯލްޑިވްސް، ސަން ލޭންޑް ހޮޓެލް، ލިލީ އިންޓަނޭޝަނަލް އަދި ކޮކާ ކޯލާގެ ހެޔޮއެދުންތަކާއެކު ބައިކް މޯލްޑިވްސް އިން ކުރިއަށް ގެންދިޔަ މި މުބާރާތުގެ ވަނަވަނައަށް ދިޔަ ފަރާތްތަކަށް އިނާމާއި ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ، ބައިކް މޯލްޑިވްސްގެ މެންބަރުންނެވެ.

ފުރަތަމަ ޖޫނިއަރ ބައިކް ލީގުގެ އިނާމު ދިނުމުގެ ރަސްމިއްޔާތުގެ ތެރޭން -- ފޮޓޯ: ބައިކް މޯލްޑިވްސް

ބައިކް މޯލްޑިވްސްގެ ޕްރެޒިޑެންޓް އަދި ފައުންޑަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ، ޒުލޭހާ ހަސަންދީދީ (ދަލޭ) ވިދާޅުވީ، މިއީ އަދި ފެށުމެއް ކަމަށާއި، ކުރިއަށް އޮތްތާނގައި މީގެ ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދާނޭކަމަށެވެ.

"އަޅުގަނޑުމެންގެ އެންމެ ބޮޑު އަމާޒަކީ، މާލެއަކީ އިންޖީނުލީ އުޅަނދުފަހަރު މަދުން ދުއްވާ ސިޓީއަކަށް ހެދުން. އެގޮތުން، މާލޭގެ މަގުތަކުގައި ބައިސްކަލަށް ހާއްސަ ލޭނެއް ހެދުން އެއީ މިހާރުވެސް ކަމާ ގުޅޭ އިދާރާތަކާއެކު އަޅުގަނޑުމެން މަޝްވަރާ ކުރަމުންދާ ކަމެއް. އިރާދަކުރެއްވިއްޔާ ކޮންމެ ވެސް ދުވަހަކުން މިކަން ކާމިޔާބުވާނެ،" ދަލޭ ވިދާޅުވިއެވެ.

"މީގެ އިތުރުން ސްކޫލްތަކުގެ ދަރިވަރުންގެ ހިތްތަކުގައި ބައިސްކަލަށް ލޯބިޖައްސައި، މިފަދަ މުބާރާތްތައް އިތުރުކުރުމަކީވެސް އަޅުގަނޑުމެންގެ ވަރަށް ބޮޑު މަގުސަދެއް."

އޭނާ ވިދާޅުވީ، ބައިސްކަލް ދުއްވާ ކުދީންގެ އިތުރުކުރުމަށްޓަކައި، ބައިކް މޯލްޑިވްސްގެ ފަރާތުން ވަރަށް އަވަހަށް ޖޫނިއާ ގޮތްޕެއް ހެދުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

"ވަރަށް އަވަހަށް އެގޮފި އުފައްދައި، ދަރިވަރުން ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާނަން އިރާދަކުރެއްވިއްޔާ،" ދަލޭ ވިދާޅުވިއެވެ.

comment ކޮމެންޓް