އަހަރެންގެ ހިތް އަނބުރާދީ

"ސަލްވާ ނޫނަސް ރީތި ކިތަންމެ ކުދިންނެއްވެސް އުޅޭ. އަހަންނަށް ފެނޭ އެތައްކުދިންނެއް. އެކަމަކު އަހަންނަށްވެސް އެނގެނީ ސަލްވާކަހަލަ ރީތިކުދިން މަދުކަން. ނޫނީ އަލަށްކަން މިފެނުނީ. ރީތި އެކަމަކު ނައީވް. ލަދުވެތި. އެހުރިހާކަމެއް އެއްވެފައިވާ އަންހެންކުއްޖަކު މިނޫނީ ނުފެނޭ. ކޮންމެހެން ސަލްވާ ރީތިވީމައެއްނޫން. ނަމަވެސް އަހަރެން މިހާރު ސަލްވާ އަހަންނާއިއެކު އަބަދަށް ހުރުމަށް ހިތް އެދެން ފަށައިފި. އަބަދު ކުރިމަތީގައި ހުންނާތީކަން ނޭގޭ. ގެއަށް އަންނައިރުވެސް ސަލްވާ ނެތިއްޔާ ފޫހިވޭ. އަބަދު ކުރިމަތީގައި ފެންނަން ހުރުން ބޭނުންވޭ. އަބަދުވެސް ހަޔާތަށް ގެންނަން ބޭނުންވާ ހުރިހާ ސިފަތަކެއް ހުރީ ސަލްވާގެ. އެހާ ރަގަޅު. ދީންވެރި. ގެވެހި. އިނަސެންޓް. އެކަމަކު ދެރަކަމަކީ. އެހާ ލަދުވެތިކުދިންނަށް ރޮމެންޓިކްވާން ނޭގޭނެތީ. ލަދުންގޮސް ވިރޭވަރުކުދިންނަށް ކޮންކަމެއް ކުރެވޭނީ................." ހައިކަލް ބޯ ހޫރާލައިފިއެވެ. އޭނައަށް މިވަރުން މަސައްތަކެއްނުވާނެއެވެ. ލެޕް ލައްޕާލާފައި ގޮސް ބެލްކަނީގެ ދޮރު ހުޅުވާލުމުން ހުރަހެއްނެތި ފިނި ރޯޅިތައް އޭނަގެ ހަމުގައި ބޮސްދޭންފެށުމުން ގައިގާވާ ލޯލިތައް ކޮޅަށް ޖެހުނެވެ. ހިތްވެސް އަވަސްވެލިއެވެ. މިހުރިހާ އިހުސާސްތަކެއް ހިތުގައި މިއުފެދެނީ ސަލްވާއަށްޓަކާ ކަމުގައި ގަބޫލުކުރަން ހިތް ދެކޮޅުހެދިއެވެ.

ހައިކަލް ފާޚާނާއަށް ވަންގޮތަށް ރެއިންޝަވަރު ޖައްސާލައިފިއެވެ. ބޯކޮށް ވާރޭ ވެހިގަންނަފަދައިން ފެނުގެ ސައިލެއް އޭނަގެ ރީތި ހަށިގަނޑުގައި ބީހެންފެށުމުން މީހާއަށް ތާޒާކަން ލިބުނެވެ. އުނުގައި ތުވާލިއޮޅާލުމަށްފަހު ކޮޓަރިއާއި ހަމަޔަށް ދެވުނުއިރު ވަރުބަލިކަން އިހުސާސްކުރެވި ދެލޮލަށް ނިދީގެ އަސަރުތައް ވެރިވެއްޖެއެވެ. ބޭކާރު ދުވަހެއްގެ ނިމުން އައީއޭ ހިތަށްއެރިއެވެ. ޕިޖާމާ ލައިގެން ނިދަން ތައްޔާރުވުމަށްފަހު އެނދުގައި ހަށިގަނޑު ދަމައިލުމާއިއެކުގައިވެސް ބަލައިލެވުނީ ސަލްވާ އޮތް ދިމާލަށެވެ. އޭރުވެސް ސަލްވާ އެއޮތްގޮތަށް ރަޖާގަނޑުގެ ދަށުގައި ފޮރުވިގެން ނިދާލާފައި އޮތެވެ. ދެލޯ މަރާލާފައި ނިދަން މަސައްކަތްކުރިޔަސް ސަލްވާގެ ޚިޔާލުތަކުން ސިކުނޑި ހިސާރުކޮށްފިއެވެ. މިހިސާބަށް އައިއިރު އޭނައާއިއެކީގައި ސަލްވާ އަބަދަށްޓަކާ އުޅޭނެބާވައޭ ނޫނީ ސަލްވާގެ ބައްޕަ ރާވާފައިވާ ގޮތަށް ގޮސްދާނެތޯ ހިތާހިތުން ސުވާލުކުރެވުނެވެ. ސަލްވާ "ނޫނެކޭ" ބުނީ އެކުއްޖާވެސް އެކަމުގައި ބައިވެރިވެފައިވަނީހެއްޔެވެ؟

ހޮސްޕިޓަލުގެ މެނޭޖްމެންޓްގެ ބައްދަލުވުމެއް ނިންމާލެވުނީ ހެދުނު އެގާރަޖަހާ އެހާކަށްހާ އިރުގައެވެ. ހައިކަލް އެކުވެރި ޑޮކްޓަރަކު ގެއަށް ލާދީފައި އަންނަމުން އެއްލި ކަޅިއަކުން ފިހާރައަކުން ހުދުކުލައިގެ ޕާކިސްތާނު ހެދުމެއްފެނުނެވެ. އަތްކުރުހެދުމަކަށްވިޔަސް ޑިޒައިނާއި ޖަރީކޮށްފައިވާލެއް ރީތިކަމުން ސަލްވާއާއި ގުޅޭނެވަރު ހައިކަލްއަށް ވިސްނުނެވެ. އެހެދުން ލައްވާފައިހުރި މެނެކުއިން ފަދަ ރީތި ހިމަ ހަށިގަނޑެއް ސަލްވާއަށްވެސް ލިބިފައިވެއެވެ. ވަގުތުން ކާރު ޕާކުކޮށްލާފައި ގޮސް ހައިކަލް އެހެދުން ގަނެ ޕާރުސަލްކުރުވިއެވެ.

ސަލްވާ އޭރު ވީ ކޮލެޖުގައެވެ. އެހެންވެ ހައިކަލްއަށް އެހެދުން އަތުން ރައްދުކުރެވޭނެ ގޮތެއްނުވިއެވެ. ހައިކަލް ޕާރުސަލް އެނދުމަތީގައި ބާއްވާފައި އެނބުރިދަމުން މެސެޖެއްވެސްކޮށްލިއެވެ. ސަލްވާއަށް ހަދިޔާއެއް އޮންނާނެކަމުގައި ބުނުމުން ސަލްވާ ޝުކުރުކުރުމަށްފަހު "ބްލަޝް" އިމޯއެއް ފޮނުވާލައިފިއެވެ. ގެއަށް އަންނައިރު އެހެދުން ލައިގެން ހުރެއްޖެއްޔާ އުފާވާނެކަމުގައި ބުނެލަން އުޅެފައިވެސް ހައިކަލް އެ މެސެޖް ފޮހެލިއިރު ތުންފަތްމަތީގައި ފަނޑު ހިނިތުންވުމެއްވިއެވެ. ބައެއްފަހަރު ސަލްވާ އޭނައާއި ގަޔާވާހެން ހީވާއިރުވެސް އަނެއްބައިފަހަރު އޭނަ ގާތްވާން ބިރުގަންނަހެންހީވެއެވެ. ސިއްރުން ފުރިފައިވާ އަންހެންކުއްޖެކެވެ. ޑިއުޓީއަށް ދިޔުމަށްފަހު އާދައިގެ މަތިން މީޓިންތަކާއި ބަލިމީހުންގެ ކަންތައްތަކުގައި އަވަދިނެތި އުޅުނަސް ސަލްވާ ދޭތެރެއަކުން އޭނަގެ ޚިޔާލަށް ވެރިވެގަންނަވަރުން ހައިރާންވާންޖެހުނެވެ. އޭނަ ސަލްވާއަށް މެސެޖްވެސްކޮށްލިއެވެ. ކައިފިތޯއާއި ކޮލެޖްކަންތައް ކިހިނެއްހެއްޔޭވެސް އަހާލެވުނެވެ. ވިއްސާރަވެ ވައިގަދަވާން ފެށުމުން ސަލްވާ ބިރުން އުޅޭ ވާހަކަ ބުނެލުމުން ހައިކަލް ހިތްވަރުދޭފަދަ ގޮތަކަށް މެސެޖްކޮށްލިއެވެ. ކުޑަދޮރުކައިރިއަށް ހުއްޓި ބޭރުބަލައިލިއިރު ބޯވިލާތަކުން އުޑުމަތި ބައްދާލާފައި އޮތެވެ. ދޭތެރެއަކުން ބާރު ވައިރޯޅިއާއިއެކު ފާރުތައްވެސް ގުޑާލާހެން ހީވިއެވެ. މަތީބައިގާ ހުރުމުން ވަކިން ބާރަށް ވައިއަޅުވާ އަޑުފަށްގަނޑު ގުގުމާލާފައިވުމުން ބިރުވެރިކަން އިހުސާސްކުރެވޭފަދަ ގޮތެއް ހުއްޓެވެ. މިހާ ހިތްގައިމު ދުވަހެއްގައި ހަޔާތުގެ ބައިވެރިޔާއާއިއެކު ހޭދަކޮށްލެވޭނީ ނަސީބު ރަގަޅުމީހަކަށެވެ.

އިރުއޮއްސެމުން ދިޔައިރު އުދަރެސް ރަތާއި އޮރެންޖްފަދަ ކުލަތަކުން ފެވެމުންދިޔައީ ރީތި ތަސްވީރެއްފަދައިން ހިތްތަށް އުފާކޮށްދެމުންނެވެ. ޖެހެމުންދާ ވަޔާއިއެކު ލޫޅާފަތި އަންހެންކުއްޖަކުވެސް އުދުހިގެންގޮސްފާނެއެވެ. އެހާވެސް ވައި ބާރެވެ. ސަލްވާ ހުދުހެދުން ލައިގެން ޒީނަތްތެރިވެލީ ހައިކަލްދިން ހަދިޔާއަކަށް ވުމުންނެވެ. ކުރީދުވަހުވެސް އޭނައަށް ހައިކަލްއަށް ނޫނެކޭ ބުނެވިފައިވާތީ އެކަމުގެ ބަދަލުދޭންވެސް ބޭނުންވިއެވެ. އޭނަ ހައިކަލްގެ ލައިބްރަރީ ހުންނަ ބައިގެ ބެލްކަންޏަށް ނުކުތީ ފަށުވި ސްކާފެއްވެސް އަޅައިގެންނެވެ. އެތާހުރި މުށިތަކުގައި ހުރި ގަސްތައް ފިނިފެންމަލުން ބަރާވެފައޮތްއިރު ހިތްގައިމުކަމުން ބަލާ ބަލާ ފޫހިވާވަރެއްނޫނެވެ. ސަލްވާ ގެނައި ކަތުރަކުން މާތައް ކަނޑަން ފެށިއެވެ. ޖެހެމުންދިޔަ ވަޔާއިއެކު ބޮލުގައިވާ ސްކާފް ދިޔަކަން އެނގުނަސް އެހާވަރުން އަޅާނުލާ އޭނަ މާތައް ކަނޑަމުން ދިޔައީ އުފާވެފައި ހުރެއެވެ.

ހައިކަލްއަށް އެދިމާލަށް ނުކުމެވިފައި މިފެނުނު ފުރިހަމަ މަންޒަރަކުން ބަޔާންކުރަން ދަތި އިހުސާސްތައް ހިތުގައި ބޮނޑިވެގަތެވެ. އުޑުމައްޗަށް ވެރިވެފައިވާ ކުލައާއި ސަލްވާ އަދި ފިނިފެންމާތައް އެކުވެގެން މިފެންނަނީ ދުނިޔެމަތީގެ ކަމެއްހެންވެސް ހިޔެއް ނުވެއެވެ. ޖެހެމުންދިޔަ ވަޔާއިއެކު ސަލްވާގެ އިސްތަށިގަނޑުވެސް އެކިދިމާލަށް ވިހުރުވިގެން ދިޔައިރު ބައެއް ދިމާލުން ރަންކުލައަރާފައިވެއެވެ. އަދި އެ ދޮން ކޯތާފަތަށްވެސް ވަނީ އެފަދަ ރަތްކުލައެއް ވެރިވެފައެވެ. ހައިކަލް ފުރުސަތުގެ ބޭނުންހިފާ އެތައް ފޮޓޯއެއް އެއްފަހަރާ ނެގިއެވެ. ފޯނު ޖީބަށް ލާފައި މަޑުމަޑުން އެދިމާލަށް ދެވުނީ ދަގަތްފާނަށް ދަގަނޑު ދަމައިގަތްފަދައިން އިޚުތިޔާރަކާއިނުލައެވެ. ވައިގަދަކަމުންނާއި ތަނުގައި އަޅާފައިވާ ބޯ ދޫލައިގެ ސަބަބުން އޭނަގެ ފިޔަވަޅުތަކުގެ އަޑު ސަލްވާއަކަށް ނީވޭނެއެވެ.

ހައިކަލް އެވަގުތު އެހެންކަމެއް ހަނދާނެއްނުވިއެވެ. އޭނައަށް ސަލްވާ ފެނުނީ ހަމައެކަނި އޭނަގެ އަންހެނުންގެ ގޮތުގައެވެ. އޭނަގެ ހައްގެއްކަމުގައެވެ. ކެތްތެރިކަން ކޮޅުންލައިގެން ދިޔުމާއިއެކު ހައިކަލް ސަލްވާއާއި ގާތްވާން އެވަގުތު ބޭނުންވީ ވަރަށް ބޮޑަށެވެ. އުނަގަނޑުގައި އަތްއަޅުވާލާފައި ކައިރިކޮށްލުމުން ލިބުނު ސިހުމާއިއެކު ސަލްވާއަށް ކަންފަތްފަޅައިގެންދާހާ ބާރަށް ހަޅޭއްލަވައިގަނެވުނެވެ. އޭނަ ސަލްވާގެ އަނގައިގާ އަތްއެޅުމުން އެއަޑު ވަގުތުން ހިނދުނެވެ.

"ޝްޝްޝް.....އަހަންނޭ މީ. ހާދަ ބާރަކަށޭ ހަޅޭއްލަވައިގަތީ. މާ ވަރަކަށް ދޯ ސިއްސާލެވުނީ. އެންމެން ހީކުރާނީވެސް ކީކޭ ހެހެ....." ހައިކަލް އޭނައާއި ދިމާލަށް ސަލްވާ އަނބުރާލިއެވެ.

"ލުކް އެޓް ޔޫ. ބިރުންގޮސް ފެއިންޓްވާވަރުވެފަ. ސޮރީ ގަލްބީ. ސޯ ސޮރީ..........." ހައިކަލް މަޑުމަޑުން ބުނެލީ އެލޮލަށް ފުންކޮށް ބަލައިލަމުންނެވެ. އެމޫނަށްވެރިވެފައިވާ ރަތްކުލައާއިއެކު ތުންފަތް ލޭކޮޅެއްފަދައެވެ. ރަތްވިލާތަކުގައިވާ ކުލަތައް އެހިސާބަށްވެސް ޖަމާވެފައިވާފަދައެވެ. ހައިކަލްއަށް ހުރެވުނީ އެރީތި ޖާދޫގައި ޖެހި ހައިރާންވެފައެވެ. އޭރުވެސް ސަލްވާގެ ނުކިޔަމަންތެރި އިސްތަށިގަނޑު އުދުހެމުން ހައިކަލްގެ މޫނުގައި ބީހެމުންދިޔައިރު އިސްތަށިގަނޑުން އަރާ މީރުވަހުންވެސް ހިތްފުރިދާވަރުވެއެވެ. ހައިކަލްއާއި ސަލްވާއާއި ދޭތެރޭގައި ނޭގިނަމަވެސް އިހުސާސްތަކެއް އޮތްކަމުން ހައިކަލްގެ ހިތްވެސް އޮޔާލައިގެންދާގޮތްވިއެވެ. މަޑުމަޑުންގޮސް ސަލްވާގެ މަޑުއަތްތިލަ އޭނަގެ އަތުގެ ތެރެއަށް ލެއްވިއިރު ހިފެހެއްޓުނީ ސަލްވާގެ އަތުގައިވާ މާތަކާއިއެކުގައެވެ. މަލުން ކަށްޓެއް ހެރުނުގޮތަށް ހައިކަލްގެ އަތުން ލޭތިކިތައް އައެވެ. އެތަދުވެސް ހައިކަލްއަށް އިހުސާސެއްނުކުރެވުނެވެ. ދެމީހުންނަށް އެކަކު އަނެކަކުގެ ލޮލަށް ބަލަން ތިބެވުނީއެވެ. އެތައް ވާހަކަތަކެއް އެހިމޭންކަމުގެ ބަސްމޮށުމުން ދެއްކުނެވެ.

އަބަދާއަބަދު ހައިކަލްއާއި ސަލްވާގެ ހަރަކާތްތަކަށް ފާރަލާ މެހެރީނާއަށް އެދަނޑިވަޅުވެސް އެތަނަށް ނުކުމެވުނެވެ. ވައި ބާރުކަމުން ކޮޓަރީގައި އޮންނަން ބިރުން ތިރިއަށްދާން އައިއިރު ސަލްވާއާއި ހައިކަލް އެހާ ގާތުގައިވާ ތަން ފެނިފަޔާއި އެއޮތް ރީތި އިސްތަށިގަނޑު ފެނުމުން މެހެރީނާ މޮޔަވާވަރުވިއެވެ. އެ އިސްތަށިގަނޑަށް ރަތްވިލާ އެޅުމުން ޖާދޫއެއްހާ ނަލައެވެ. އެހާ ވަރުގަދަ އިސްތަށިގަނޑެއް އެމީހުން އެހާ ކްރީމް އެއްޗެހިލައިގެން އުޅޭއިރުވެސް ލިބޭގޮތެއްނުވެއެވެ. އެ އިސްތަށިގަނޑަށް ދަމާފައި ބެލްކަނިން ކޮށްޕާލަން އޭނަގެ ޟަމީރު ގޮވައިލިއެވެ.

"ދޮންބެ. ޑިޑް އައި އިންޓްރަޕްޓް ސަމްތިން...." މެހެރީނާ އަށް އޭރުވެސް ހުރެވުނީ އަނގަޔަށް ނުބައިގޮތެއް ހަދާލެވިފައެވެ. ގަދަކަމުން ހީލަން އުޅުމުން އެކަމެއްވެސް ނުކުރެވުނެވެ. އެދެލޮލުން ސަލްވާއަށްޓަކާ ވަނީ ނަފްރަތެވެ. ހަސަދައެވެ. ސަލްވާ ހުދުކުލައިގެ ހެދުމެއްގައި ހޫރެއްފަދައިން ފެނުނުއިރު އެމޫނަށް އަރާފައިވާ ކުލައިން މެހެރީނާގެ ހިތުގައި ރޯވިއެވެ. ހަސަދައިގެ އަލިފާން އެންމެ ގަދަޔަށް އަނދައިގަތެވެ. އެހިތް ފިހި މިލާ މޯޅިވެއްޖެއެވެ. އެރީތިކަމާއި ޅަކަން އޭނަގެ ދޮންބެގެ ހިތް މުޅިން ކާމިޔާބުކޮށްފިކަމުގެ ޔަގީންކަން ހިތަށް ލިބިއްޖެއެވެ. ފެނުނު މަންޒަރުން އެކަން ސާބިތުކޮށްދީފިއެވެ. ސަލްވާވެސް ހުރީ ލަދުން މަރުވާވަރުވެފައެވެ. ޑްރާމާކްއީންއެކެވެ. ފިލްމުކުޅޭ އެކްޓްރެސްއެއްގެ ހުނަރު އެބަހުއްޓެވެ. ލަދުގަންނަ އަންހެނެއްނަމަ އޭނަގެ ދޮންބެ ބްލެކްމެއިކޮށްގެން އިންނާނެހެއްޔެވެ؟ ނޫނެކެވެ. މިއީ ވަރުގަދަ އަންހެނެކެވެ. ފިލްމުތަކުގައި ނުބައިބައި ކުޅޭކަހަލަ އަންހެނެކެވެ. ދޮންބެއަށް ތިމާވަރުގެ މައުސޫމް މީހެއްނެތްކަމަށް ހެދިގެން އެބަހުއްޓެވެ. މޫނުމަތި ނޮޅާކަން މެހެރީނާ ބޭނުންވިއެވެ. އެސިޑްޖަހާފައި ފިއްސާލަންވީ މިޒާތުގެ އަންހެނުންނެވެ.

"ނޫނޭ މެހެރް. ސަންސެޓް ބަލައިލަން ނުކުމެމިއުޅެނީ. މެހެރުވެސް ހަމަ ބައިވެރިވާންވީ........" ހައިކަލް އަމިއްލައަތަށް ބަލައިލަމުން ހިނިތުންވެލިއެވެ.

"އޫޕް. ދޮންބެގެ އަތްތިލަ. ބްލީޑް ތިއޮތްވަނީ....." މެހެރީނާ ދުއްވައިގަތީ ސަލްވާއަށްވުރެވެސް އަޅާލާކަން ދައްކަންވެގެންނެވެ. އޭނައައިގޮތަށް ހައިކަލްގެ އަތުގައި ހިފެހެއްޓިއެވެ.

"ހަމަޖެހިބަލަ. ކުޑަލޭކޮޅެއް އަރައިލިޔަސް މެހެރްއަށް ތިވާވަރު. ފިނިފެންމަލުގެ ކަށްޓެއް ހެރުނީއޭ. އެހާވަރުކަމެއްނޫން. ވޭންނާޅާ ޒާތުގެ ތަދެއްވީ........"ހައިކަލް ހިނިތުންވެލިއެވެ. އެމޫނުމަތިން ފެނުނީ އުފާވެރިކަމެވެ. ސަލްވާގެ ހިތުގައި އޭނައަށްޓަކާ އިހުސާސްލައްވާފައިވާކަން ޔަގީންވުމުން މިއަދު ބުނަންނޭގޭފަދަ ހަމަޖެހުމެއް ލިބިއްޖެއެވެ.

"ވޭންނާޅާ ޒާތުގެ ތަދޭ. ދޮންބެވެސް....." މެހެރީނާއަށް ދެން ވިސްނުނީ ހައިކަލް ކޮންމެވެސް ކަހަލަ ފުންމާނައެއް އެކުލެވޭކަހަލަ ގޮތަކަށް ބުނެލި ޖުމްލައެއްކަމެވެ. ވޭން ނާޅާ ޒާތުގެ ތަދުވާނީ ލޯބީގައެވެ. ސަލްވާ ދިންމަލެއް ވީމަ ދޮންބެ އެހެންބުނީކަން ޔަގީންވެ މެހެރީނާގެ މޫނުމަތީގެ ކުލަ ފަނޑުވިއެވެ.

އޭރު ސަލްވާ އިސްތަށިގަނޑު އޮޅާލާފައި ހުޅިއެއް ޖަހާ ވޫލްކޮޅުވެސް އައްސާލުމަށްފަހު ސްކާފް އަޅަން އުޅުނެވެ. އެއާއިއެކު ވަޔާއިއެކު ސްކާފް އަތުން ދޫވިގޮތަށް ގޮސް އެޅުނީ ހައިކަލްގެ މޫނުގައެވެ. މެހެރީނާ ޔަގީންކުރީ ސަލްވާ ގަސްތުގައި ކުރިކަމެއްކަމުގައެވެ. އެސްކާފްގައި ހިފާފައިވާ މީރުވަސް ހައިކަލްގެ ސިކުނޑިވެސް މަސްތުކުރުވިއެވެ. އޭނަ ލަސްލަހުން ސްކާފް މޫނުމަތިން ނެގިއެވެ.

"ވައިރޯޅިވެސް ދަނެއޭދޯ މީހުންނާއި ސަމާސާކުރަން .އެކަމަކު. މިހާ ބާރަށް ވައި ޖެހެންޏާ ސަލްވާވެސް ނަގައިގެންގޮސްދާނެ. އެތެރެއަށް ވަންނަންވީނު ސަލްވާ....." ހައިކަލް ހީލާފައި ބުނި ޖުމްލައިން ސަލްވާ ރަކިވެގެން އިސްޖަހައިލިއެވެ. އޭނަ ސަލްވާއަށް ސްކާފް ދިއްކޮށްލުމުން އަތުލަން އުޅުމާއިއެކު އަތް ފަހަތަށް ގެންދިޔައެވެ. ހައިކަލްގެ އެސަމާސާއިން މެހެރީނާ ނުރުހުންވިއެވެ.

'ދޮންބެ. ޕްލީޒް ޑޯންޓް ޑޫ ދެޓް ސަމާސާއަކަށްވެސް. ސަލްވާ މިހެން ހުއްޓާ މާއިޒްއަށްވެސް ފެނިދާނެ. ކަޅުހެދުމުގައި ތިބޭކުދިން ބުރުގާނާޅާ ބޭރަށް ނުކުތުން ރަގަޅެއްނޫން. މިގަޑީގައި ޖިންނި ޝައިތާނުންވެސް ފައިބާނެވާހަކަ ކޮންމެވެސް މީހަކު ބުނި އަޑުއެހިން. އެއިން އެއްޗެއްގެ ލޮލުގައި އަޅައިގަތަސް ބިރުބޮޑެއްނު........." މެހެރީނާ ހައިކަލްގެ އަތުން ސްކާފް ޖަހައިގެންފާ ކަހަލަގޮތަކަށް ސަލްވާއަށް ދިއްކޮށްލިއިރު ދަތްތައް ބިންދައިގެންގޮސްދާހާ ބާރަށް ދަތްވިކުނެވެ. ހައިކަލްހުރީ މަޖާވެފައެވެ. އޭނަގެ ކޮއްކޮ ސަލްވާދެކެ ރުޅިއަންނަވަރު އެމަންޒަރުން އެކަނިވެސް އޭނައަށް ވިސްނުނެވެ.

"މެހެރް ދޮންބެއަށް ކޮފީއެއް ގެނެސްދީބަލަ...." ހައިކަލްގެ ޖުމްލައިންވެސް މެހެރީނާއަށް ނެގުނީ އަދި އެހެން މާނައެކެވެ. ސަލްވާއާއިއެކު އެކަނިވެރި ވަގުތުކޮޅެއް ހޭދަކޮށްލަންވެގެން ހަދައިލި އުކުޅެއްކަމުގައެވެ. މެހެރީނާ ވިސްނި އެއްޗެއް ހައިކަލްއަށް އެނގުނެވެ. ކޮއްކޮއަށް ނުވިސްނޭހެއްޔެވެ؟ ސަލްވާއަކީ އޭނަގެ އަންހެނުންނެވެ. މެހެރީނާ މިވަގުތުކޮޅު އެދެމީހުން ކައިރިވިޔަނުދޭން ފައިވިއްދައިގެން ހުއްޓަސް އެދެމީހުން ބޭނުންނަމަ ކޮޓަރީގައި ފުރުސަތު ލިބޭލެއް މަދުވާނެހެއްޔެވެ؟ މެހެރީނާ ނޫނަސް އެއާއިލާގެ އެންމެން މިގުޅުމާއި ދެކޮޅެވެ. ބައެއްފަހަރު ހައިކަލް ނުތަނަވަސްވަނީ މަންމަވެސް އެކަމާއި ދެކޮޅުވަރު ހަދާންވެފައެވެ. އެންމެން ރުޅިއައިކަމުގައި ވިޔަސް މައިންބަފައިންގެ ނުރުހުމާއި އޭނަ ކުރިމަތިލާނެގޮތެއްވެސް ނޭގެއެވެ.

މެހެރީނާ ކޮފީ ހިފައިގެން އައިއިރު ރަތްވިލާތައް ގެއްލި ކަނު އަނދިރިކަން ވެރިވެއްޖެއެވެ. ހައިކަލްއާއި ސަލްވާ ސޯފާއެއްގައި އިށީދެލައިގެން ކޮންމެވެސް ވާހަކަތަކެއް ދައްކަންތިއްބާ މެހެރީނާ ކޮފީތަށި ގެނެސްދީފައި އަވަސްއަވަހަށް އެތަނުން ދިޔައީ ކޮޓަރިއަށެވެ. އައިސްފައި ހުރި ރުޅި ކޮންމެވެސް ވަރަކަށް ފިނިވީ އޭނަގެ ދައްތަމެންނަށް ގުޅައިގެން އެހާދިސާ ކިޔައިދެވުނީމައެވެ. ނުވީތާކަށް ރައުދާއަށް ގުޅާފައިވެސް އެވާހަކަދައްކާ އޭނަގެ ލަފާއަށް އެދުނެވެ. އޭރު މެހެރީނާގެ ކޮޓަރިތެރޭގައިވެސް އަނދިރިކަން ގަދަވެ ލޮލު ހާލު ނޭގޭވަރުވެއްޖެއެވެ. ބަގީޗާގެ ބޮކިތައް ދިއްލައިލުމުން ފަނޑު އަލިކަމެއްވެރިވިއެވެ. މެހެރީނާ ދެކޮޅަށް ހިނގާލަ ހިނގާލާ ހުރެފައި ފޯނު ބޭއްވިއިރު ކަންފަތަށް ހޫނުވެ އަތަށްވެސް ތަދުވެއްޖެއެވެ.

"ސަލްވާއެއްނޫން. ސަންތި މަރިޔާ. ސަންތި މަރިޔަބާ. ކުޅިދައްކާލާނަން. މިގެއަށް ވަދެވުނީތީ ރިގްރެޓްކުރާވަރު ކޮށްލާފައި ހުއްޓާލާނީ. ލާހިކެއްނޫން މިގޭގައި ހުރެގެން ތި ގަނޑުގަންނާކަށް. އަހަންނަށް ދައްކަން ފާޑު ފާޑަށް ހެދުން އަޅައިގެން ދޮންބެއާއި ފްލާޓްކުރަނީ. ޗީ. ކޮންކަހަލަ އަންހެނެއް. ލަދުގެ ކަންފުޅެއްވެސް ނެތް....." މެހެރީނާ އަލަމާރީގެ ވައްގަނޑު ހުޅުވާލާފައި ބޭސްކާޑެއްނެގިއެވެ. ބޭސްގުޅައެއް ވަކިކޮށްލާފައި ޕާސްއަށް ލިއިރު ތުންފަތްމައްޗަށް ވިހަ ހިނިތުންވުމެއް ވެރިވެއްޖެއެވެ. އޭނައަށް ކާމިޔާބުވުމަށް އެދި އަތްއުފުލާފައި ދުއާކުރިއެވެ.

"ޕްލީޒް ގޯޑް. ހެލްޕް މީ....."

ދެލޮލުން ރުޅިވެރިކަން ފެންނަން ހުރިއިރު ދެލޯވެސް ހުރީ ކުޑަކޮށްލާފައެވެ. ސަލްވާގެ މަތިން ހަނދާންވުމުންވެސް އަންނަނީ މާ ވަރުގަދަ ރުޅިގަނޑެކެވެ. މެހެރީނާ ތިރިއަށް އައިއިރު ސަލްވާއާއި އާޒީންއަދި އަޒަލް އެކީގައި ގޮސް ނަމާދުގެއަށް ވަންތަން ފެނިފާ އަދި ބާރުބާރަށް ދިޔައީ ޒައިތޫންއާއި ޝަކުވާކޮށް ހިތްބަންޑުންކޮށްލުމުގެ ނިޔަތުގައެވެ. ނަސީބަކުން އެކޮޓަރީގައި އޭނަގެ ބައްޕަވެސް އިންނެވިއެވެ. މެހެރީނާ ހަދަހަދައިގެން ވާހަކަދައްކާ އެދެމަފިރިންގެ ހިތް މުޅިން ނުބައިކުރުވިއެވެ. އަބުދުލްއަޒީޒު ނަމާދުބަންގީގެ އަޑު އިވިފާ އަވަސްވެގަތީ ނަމާދުކުރަން މިސްކިތަށް ދާށެވެ. އޭރުވެސް ޒައިތޫން އިނީ ހިމޭންވެފައެވެ. ތުންފިތާލައިގެން އިންގޮތުން މަންމަ ރުޅިއައިސްފައިވާލެއް ގަދަކަން އެނގި މެހެރީންގެ ހިތް އުފަލުން ނަށައިލިއެވެ.

ޒައިތޫންގެ ހިތަށް ބާރުކުރިއެވެ. މިފަހަކަށް އައިސް ހިތަށް ކުރާ އަސަރުތަކާއި އަޅާ ވޭން ބޮޑުވަމުންގޮސް ހިތަށް ވަރުގަދަ ހަމަލާއެއްއައިސް އޭނަގެ ހަޔާތުގެ ބައްތި އަބަދަށްޓަކާ ނިވިދާނެއޭ ހީވާންފެށިއެވެ. ދެލޮލުގެ ނޫރުފަދަ ލޯބިވާ ފިރިހެންދަރިފުޅާއިހެދި މަންމައަކު ދުނިޔެއަށް އަލްވަދާއު ކިޔުމަކީ ދަރިއަކަށް ކެތްކުރެވޭވަރުގެ ހިތާމައަކަށް ނުވާނެއެވެ.

"މެހެރީން. މަންމަގެ މެޔަށް ތަދުވާން ފަށައިފި.. ފިޒިޝަންއަކަށް އެޕޮއިންޓްމެންޓް ހައްދާ......" ޒައިތޫން އޭނަގެ މޭގައި އަތް ހާކާލައިފާ އެނދުގައި އިށީދެއްޖެއެވެ.

"މަންމާ...." މެހެރީނާގެ ހިތަށް ބިރުވެރިކަންވަނެވެ.

"ހައިކަލްއަށް މަންމަ ހާޓް ޕޭޝަންޓެއްކަން އެނގިއްޖެއްޔާ ސަލްވާއާއި ވަކިވާނެ..." ޒައިތޫން ހީލިގޮތުން މެހެރީނާއަށް އެއްޗެއް ވިސްނި ކަކަކަކަ އަޅާފައި ހޭންފެށިއެވެ. އެދެމައިން ވެގެން ސަލްވާގެ ވަކިތަކުން ހައިކަލް ސަލާމަތްކުރާނެގޮތާއިމެދު ތަފާތު މަޝްވަރާތައްކުރިއެވެ. ނުވީތާކަށް ހުރިހާ ދައްތަމެންނާއިއެކު ސްކައިޕްކޮށްގެން ވާހަކަދައްކަމުން ދިޔައިރު އެންމެންގެ ހިތްތައްވެސްވަނީ ސަލްވާއަށް ނަފުރަތުން ފުރިފައެވެ.

އަޒަލް މޭކަޕް ވީޑިއޯއެއް ބަލަން އިނދެލާފައި އެނދުން ތެދުވުނުއިރު ބޮލުގައި ރިއްސާވަރުން ކެތްނުކުރެވެއެވެ. މޫނަށް އަނދިރިވާކަހަލަ ގޮތެއްވިއެވެ. އޭރު ހިތްވެސް އަވަސްވެ ފިނިދަލެއް ހިއްލާލައިފިއެވެ. އެހާގަދަޔަށް ފިނިކޮށް ކޮޓަރިއޮތްވާ އެގޮތަށް ދާހިއްލާނީ ކޮންމެވެސް ކަމެއް ގޯސްވީމަކަން އަޒަލްއަށް ވިސްނުނެވެ.

"އަހަންނަށް މިވަނީ ކީއްތަ؟ " އަޒަލް ކުޑަކޮށް ބިރުގަންނަގޮތްވެފައި އިރުކޮޅެއްވާންދެން އިންދާ މަޑުމަޑުން އިންދާ ހަމަޔަކަށް އެޅި ތެދުވެވޭވަރުވިއެވެ. އޭރުވެސް ބޮލުގައި ރިއްސުމަށް ލުޔެއްނުލިބެއެވެ. އަޒަލް އެހެންމީހަކަށް އެކަން ނާންގަންވެގެން ވާރޭކޯޓުލައިގެން ބޭރަށް ނުކުތެވެ. އެގެއާއި ދާދިކައިރީގައި ފާމަސީއެއް ހުރިކަމީ ނަސީބެކެވެ. ދެތިންމިނިޓްގެ ހިނގާލުމަކަށްފަހު އޭނަ އެފާމަސީއަށްވަދެ ޕެނެޑިން އެބަހުރިތޯ އަހާލައިފިއެވެ. އަޒަލްއާއި ކައިރީގައި ހުއްޓިލަމުން ޒުވާނަކު ހައިރާންކަމާއިއެކު ބުމަ އަރުވައިލީ ސުވާލުކުރާކަހަލަ ގޮތަކަށެވެ. އަޒަލް ވަރަށް ހައިރާންވިއެވެ. މިއީ ކާކުހެއްޔެވެ؟ އަޒަލް އަނގައިންވެސް ނުބުނެ ތަންކޮޅެއް ދުރަށް ޖެހިލިއެވެ. ފައިސާ ދައްކާފައި ވާރޭ ކޯޓު ގަޔަށް މަހާލުމުން އެޒުވާނާ އައިސް އޭނަގަޔާއި ކައިރިކޮށްލިއެވެ.

"ހޫ ދަ ހެލް އާ ޔޫ.........ސްޓޭ އެވޭ ފްރޮމް މީ އޯކޭ، ނޫނީ އަތް ބިންދާލާނަން......." އަޒަލް ވަރަށް ސީރިޔަސްކަމާއިއެކު އޭނަ ކޮށްޕާލަން އުޅުނެވެ.

"ޒެލް އެކްޓްކުރިޔަސް ބޮޑުވަރު...." މާއިޒްގެ އަޑު ކަންފަތުގައި ޖެހުމާއިއެކު އަޒަލް ހާސްވީ ގޮތެއް ބަލާފައެއްނޫނެވެ. މިއީ އޭނަގެ ދޮންބެއެވެ. އަތުގައި އޮތް ފަށް ނެތުމުން އޭނައަށް ރީއްޗަށް އޮޅިއްޖެއެވެ. އޭނަ ހީކުރި މީހަކު ބެހެންވެގެން އުޅުނީކަމުގައެވެ. އެކަނި އަންހެންކުއްޖަކު ދާތަން ފެނިއްޖެއްޔާ އެގޮތަށް ފަހަތުން އަޅައިގަންނަ މީހުންވެސް މަދެއްނޫނެވެ. މާއިޒްއަށް ވިސްނިއްޖެއްޔާ ވާނީ ކިހިނެއްހެއްޔެވެ؟ ވިޝާމްފަދައިން މާއިޒްއަކީވެސް ޑޮކްޓަރެކެވެ. އޭނަގެ ފޭސް ބްލައިންޑްނެސް ހުރިކަން މާއިޒްވެސް ދެނެގެންފާނެއެވެ. މާއިޒްއަށް އެކަން އޮޅުންފިލައިފިއްޔާ ވާނެގޮތަކާއިމެދު ހާސްވި އަޒަލް ދެންވެސް ކުރީ އެކްޓެވެ. އޭނަ ފިޔަވަޅުތައް އަވަސްކޮށްލިއެވެ. ވަކިހިސާބަކަށް ގޮސްފައި ކުއްލިއަކަށް އެނބުރުނު ގޮތަށް ދުވެފައިއައިސް މާއިޒްއާއި ބައްދައިލަމުން ހޭންފެށިއެވެ.

"ދޮންބެ ހީކުރީ ރަގަޅަށްވެސް އާޒީންކަމަށް ދޯ. އާޒް އެއްނު އެގޮތަށް ދޮންބެދެކެ ރުޅިއައިސްގެން އެއްޗެހިކިޔާނީ. ކިހިނެއް މީ ޒެލްކަން އެނގުނީ....." އަޒަލް މާއިޒްގެއަތުގައި އެލިގަތެވެ.

"އާޒީންއަކަށް ނުކެރޭނެ ތިގޮތަށް ވާރޭކޯޓުލައިގެން މަގުމަތީގައި އެކަނިއުޅެން....." މާއިޒް ހީލިއެވެ. އެކަމަކު މާއިޒްގެ ފަރާތުން ވަރަށް ގިނަ ސުވާލުކުރިމަތިވިއެވެ. އަޒަލް ހެދީ ދޮގެކެވެ. ސަލްވާ ބޮލުގައި ރިއްސާތީ އޭނަ ހެޔޮކަމެއްކޮށް ދޭހިތުން ބޭސްގަނެގެން އައީކަމުގައި ބުނެލާފައި އަޒަލް އޮޅުވައިލިއެވެ. މަގު ކައިރިން އައި މުސްކުޅި އަންހެނަކު ފައިސާކޮޅެއްދޭށޭ ކިޔާފައި ފަހަތުން އަންނާންފެށުމުން އަޒަލް ފަންސާސް ރުފިޔާދިނެވެ. އެދައްތައާއިމެދު ހަމްދަރުދީވެސްވިއެވެ. މިއޮތް ވިއްސާރައިގާ އެކަނިމާއެކަނި ގެއިން ނުކުމެ މަގުމަތީގައި ގިނަވެގެން އުޅޭއިރު ދަރިއަކުވެސް ނެތީބާވައެވެ.

އިޝާނަމާދަށްފަހު ކާން ތިބިއިރު އެންމެންތިބީ އުފާވެރި މޫޑެއްގައެވެ. ނަމަވެސް ޒައިތޫންގެ ތަބީއަތު ގޯސްކަމަށް ބުނެ އަވަހަށް ކެއުން ނިންމާލާފައި ދާން އުޅުމުން ހައިކަލް އިނީ ކޮންމެވެސް ވަރަކަށް ކަންބޮޑުވެފައެވެ. މަންމަ ޗެކަޕެއް ހަދަން ގެންދަން އޭނަ ނިންމިއެވެ. ގިނަފަހަރު މަންމަމެންގެ ހުންނަ "ސްޓަބްން"ކަމުން ހިތް އެދޭގޮތަކަށް ނޫނީ އެފަދަ ކަމެއްވެސް ނުދާނެއެވެ. ކޮންމެ މަހަކު ގަވާއިދުން ޗެކަޕް ހަދާކަށް މިހާރު މަންމަ ނޫޅެއެވެ. ބައްޕަވެސް އެހެންރޭ ފަދައިން ކެއުން ނިންމާލާފައި މަޑުކުރާކަށް ނޫޅުނެވެ. އަޒަލްއާއި އާޒީން ތަންކޮޅެއް އަނގަ ގަދައެވެ. ވިއްސާރަވުމުން އެކުދިން ތިބީ މަޖާވެލާފައެވެ. މާއިޒް އާދައިގެ މަތިން ހިމޭނުން އިންއިރު ހައިކަލް ބުނާ އެއްޗަކަށް ޖަވާބުދިނުން ފިޔަވާ ބަސްމަދެވެ. މެހެރީނާ ފުރާވަރުގެ ކުއްޖެކޭ ތަފާތެއްނެތެވެ. އޭނަގެ ޓީވީއިން ދައްކާ އިނގިރޭސި ސީރީޒްތަކުގެ ވާހަކަދައްކާއިރު އަޒަލްމެންނަށް ދޫނުކުރެއެވެ. އެންމެފަހުގެ ފިލްމުތަކަށްދާންދެން މެހެރީނާއަށް އެނގެއެވެ.

ކާކޮޓަރީގައި ހުރި ޓީވީއިން މެހެރްޓީވީގެ ފެޝަން އައިޓަމެއް ފެންނަން ފެށުމުން އަޒަލްގެ މޫނު އަލިވިއެވެ. އޭނަ މޭކަޕްކޮށްފައިވާ އަންހެންކުދިން ފެނުމުން އެކުދިންނަކީ ކާކުކަން ވެސް ނޭގޭހާ ރީއްޗެވެ. ހަށިގަނޑު ރީތިވެއްޖެއްޔާ އެނިމުނީއެވެ. މޫނު ކިތަންމެ ސާދާކޮށް ހުއްޓަސް ފައުންޑޭޝަން އުގުޅާލާ ހަދައިލުމުން ރީތިކަމުން ވަކިކުރަން ނޭގޭހާވަރުވެއެވެ.

"ޒެލްގެ މޮޅުކަން. އެހެރަ ނޫރީވެސް މޭކަޕާއި ނުލާ ހުއްޓާ ފެނިއްޖެއްޔާ ހާދަހާ ތަފާތޭ. ބަބުރެއްހެން ހީވާ ހަޑި ހަޑި މަންޖެއެއް. ނޭފަތެކޭ ކިޔާނީ. އެކަމަކު މީހަކު ޕަސްކިޔާފައި ޖަހާފައި ފްލެޓްއަރުވާފައި ހުންނަކަހަލަ ނޭފަތެއް އޭނަގެ އިންނަނީ. އެކަމަކު ބަލާބަލަ އެހެރަ ސަޅިކަމެއް...." މެހެރީނާ ހީހީފައި ކިޔަމުންދިޔައެވެ.

"މެހެރް އަމިއްލައަށް ސިފަރީތިވިޔަސް އެހެންމީހުނަށް މަލާމާތްކުރާކަށް ނުވާނެ. ސިފަދެއްވަނީ ހެއްދެވި ފަރާތުން. އަމިއްލައަށް ކުރާކަމެއްނަމަ އެންމެން ދުނިޔެއަށް އަންނާނީ މެހެރްފަދައިން ޕަފެކްޓްކޮށް ދޯ...." ހައިކަލް ހިތްހަމަނުޖެހިފައި ބުނެލުމުން މެހެރީނާ ފޮނިވެގެންގޮސް ދެލޯ ވިދާލައިފިއެވެ. ދޮންބެ އޭނަ ރީއްޗޭ ބުނުމުން އެންމެ އަސަރުކުރާނީ ސަލްވާއަށެވެ. މެހެރީނާ ވަގުވަގަށް ސަލްވާއަށް ބަލައިލިއިރު ސަލްވާ އިނީ މާ ތުއިކޮށް ހެވިފައެވެ. ހާދަ ފޫހި އަންހެނެކެވެ.

"ދޮންބެއަށް އެނގިލައްވާތޯ؟ ކުރީދުވަހު ނޫހުގައި އިން ވާހަކައެއް ކިޔާފައި ފުރަތަމަ ގަބޫލުވެސްނުކުރަން. ފަހުން އެނގުނީ އެއީ ރިއަލް ސްޓޯރީއެއްކަން. ހަގީގީ ހާދިސާއެއް. ދެމަފިރިން ހަނީމޫނަށް ދިޔައީޔޯ. ދެމީހުން ޕޫލަށް އެރިފާ ފަތާލާފައި މައްޗަށް އެރިގޮތަށް ހަޒްބެންޑަށް އޭނަގެ ވައިފް ވަކިކުރާކަށް ނޭގުނު. ކައިރީގައި އިންއިރުވެސް ހަޒްބެންޑް އޭނަގެ އަންހެނުން ގެއްލިގެން ހޯދަހޯދާފައި އުޅުނީ......" މެހެރީނާ ވަރަށް ސީރިޔަސްކޮށް ކިޔައިދިނެވެ.

"އޯ.. އެއީ ކީއްވެ؟ " އާޒީން އަހާލައިފިއެވެ.

"ކައިރީގައި އިނީ ވައިފް. ވިދްއައުޓް މޭކަޕް.." މެހެރީނާގެ ޖުމްލައާއިއެކު އަޒަލްއާއި އާޒީން ހޭންފެށީ މަޖާވިވަރުންނެވެ. މާއިޒްވެސް ހިނިއަންނަގޮތްވިއެވެ. އާޒީންއާއި މާއިޒްގެ ނަޒަރު ބައްދަލުވުމާއިއެކު އާޒީން ހުނުން މަޑުޖެހިލިއެވެ.

"ޒެލްކައިރިން މޭކަޕް ކުރަން ދަސްކުރީކަމަށްވާނީ. ވައިފް އަބަދު އޭނަގެ ފިރިމީހާއަށް ފެންނަނީ ގަދަޔަށް މޭކަޕްކޮށް ތަފާތު ރީތި އަންހެންކުއްޖެއްގެ ގޮތުގައިވީމަ އެހެން އެވީ. އަސްލު ސިފަ ފެނުނުއިރު ސަފަރުކައްދައެކޭ ތަފާތެއްނެތް. ފިރިމީހާ ގަންނާކުރެއްވި ބިރުން ވަގުތުން ވަރިކުރީ. ވަރަށް ގިނައިން މިހާރު އެ މައްސަލަ ދިމާވާން ފަށައިފި. މޭކަޕާއި ނުލާ ފެންނައިރު ހަޑިކަމުން ފިރިމީހާއަށްވެސް ތިމާގެ އަންހެނުން ވަކިކުރަން ނޭގެންޏާ ދެން.. ފިރިންވެސް އެގޮތަށް މޭކަޕްކުރަންވީ ހަމަ....." މެހެރީނާ ވެސް ހެމުން ބުނެލިއެވެ. އަޒަލް ބުނީ އޭނަ އަދި އެއަށްވުރެވެސް މޮޅަށް މޭކަޕްކުރަން ދަސްކޮށްގެން ފިރިހެނުން ހައިރާންކުރުވާނެކަމުގައެވެ. އެކަހަލަ ހާދިސާތައް ރާއްޖޭގައިވެސް އަދި ހިގާނެކަމުގައެވެ. އާޒީންގެ ހެދުންތަކުގެ ފަރުމާތައް ރީތިކަމުން އެވާހަކަވެސް ދެކެވުނެވެ.

ހައިކަލް ނިދަން ކޮޓަރިއަށް ވަނުމުގެ ކުރިން އޭނަގެ މަންމަގެ ހާލު ބަލައިލަން ބައްޕަމެން ދިރިއުޅޭ ކޮޓަރިއަށް ވަދެލިއެވެ. އެކޮޓަރިތެރެއަށް ވެރިވެފައިވަނީ ލޮލަށް ފިނިކަން ގެނެސްދޭފަދަ މަޑު ފެހިކުލައެކެވެ. ރަސްކަލުން ނިދާފަދަ ޝާހީ ބޮޑު އެނދެއްގައި މަންމަ އޮށޯވެލައިގެން އޮތްއިރު ބައްޕަ އިންނެވީ އެނދުގެ މަގަތުގައި ފޮތެއް ހުޅުވާލައިގެންނެވެ. ހައިކަލް ސަލާމް ގޮވާލާފައި ވަނުމުން އަބުދުލް އަޒީޒު ސަލާމް ބަލައިގަތެވެ. އަދި ހައިކަލް އިށީންނަން އެދުނެވެ. ނަމަވެސް ބައްޕަވެސް އިންނެވީ އެހާ ހިތްހަމަޖެހިފައިނޫންކަން އެނގި ހައިކަލްގެ ހިތަށް އުދަގޫވިއެވެ. ދުލުން ބޭރުނުވިކަމުގައިވިޔަސް އޭނައަށް ސަބަބު އެނގެއެވެ. އެއްކޮޅުގައި ލޯބިވާ މައިންބަފައިންނެވެ. އަނެއްކޮޅުގައި ސަލްވާއެވެ. މިހާރު ސަލްވާވެސް ހަޔާތުން ދުރަށް ފޮނުވައިލެވޭވަރަށްވުރެ ގާތްވެފައިވާކަމުގައި ހިތް ބުނަން ފަށައިފިއެވެ.

(ނުނިމޭ)

comment ކޮމެންޓް