ފޭދޫ އިއްބެގެ ހެޓްރިކާއެކު ވެލެންސިއާ ބަލިކޮށް، ޓީސީ ތިން ވަނައަށް

މާލޭ ލީގުގެ ފުރަތަމަ ބުރުގައި ޓީސީ އާއި ވެލެންސިއާ ބައްދަލުކުރި މެޗުގެ ތެރެއިން: މިއަދު ހަވީރު ކުޅުނު ދެވަނަ ބުރުގެ މެޗުގައި ވެލެންސިއާގެ މައްޗަށް ޓީސީ ކުރި ހޯދީ 6-3 ލަނޑުގެ ނަތީޖާއަކުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އިބްރާހިމް މަހުދީ ހުސައިން (ފޭދޫ އިއްބެ)ގެ ހެޓްރިކާއެކު ކްލަބު ވެލެންސިއާ ބަލިކޮށް، ޓީސީ ސްޕޯޓްސް ކްލަބު ތާވަލުގެ ތިންވަނައަށް ޖެހިލައިފިއެވެ.

މާލޭ ލީގުގެ ދެ ވަނަ ބުރުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ވެލެންސިއާގެ މައްޗަށް ޓީސީ ކުރި ހޯދާފައި ވަނީ 6-3 ލަނޑުގެ ނަތީޖާއަކުންނެވެ.

އެ މޮޅާއެކު ތާވަލުގެ ތިންވަނައަށް ޖެހިލި ޓީސީއަށް ނުވަ މެޗުން 14 ޕޮއިންޓް ލިބިފައިވާއިރު، ހަތަރު ވަނާގައި އޮތް ގްރީން ސްޓްރީޓްސްއަށް ވެސް ލިބިފައި ވަނީ 14 ޕޮއިންޓެވެ. ގްރީން ސްޓްރީޓްސްއަށް ފައިދާ އެއް މެޗު އޮތްއިރު، ޓީސީ ކުރީގައި އޮތީ ގޯލުގެ ތަފާތުންނެވެ. މިއަދުގެ މެޗުން ބަލިވި ވެލެންސިއާ އޮތީ ކުޅުނު ނުވަ މެޗުން ލިބުނު އެންމެ ޕޮއިންޓަކާއެކު ތާވަލުގެ ފުލުގައެވެ.

މިއަދު ހަވީރު ކުޅުނު މެޗުގެ ފުރަތަމަ 10 މިނެޓް ހަމަވުމުގެ ކުރިން ފޭދޫ އިއްބެ ވަނީ ޓީސީއަށް ދެ ލަނޑުގެ ލީޑެއް ހޯދައިދީފައެވެ. މެޗު ފެށިތާ މާގިނައިރުތަކެއް ނުވަނީސް ފޭދޫ އިއްބެގެ ފުރަތަމަ ލަނޑު ފެނިގެންދިޔައިރު، އޭނާގެ ދެވަނަ ލަނޑު ފެނިގެންދިޔައީ މެޗުގެ އަށްވަނަ މިނެޓުގަ އެވެ. މެޗުގެ 13 ވަނަ މިނެޓުގައި ވެލެންސިއާއަށް އިބްރާހިމް ހަމްދާން އުންމީދެއް އާކޮށްދިން ނަމަވެސް، އޭގެ ހަ މިނެޓް ފަހުން ނާއިޒް ހަސަން (ދާދު) ވަނީ ޓީސީއަށް އަލުން ލީޑު ފުޅާކޮށްދީފައެވެ.

ޓީސީން ލީޑުގައި އޮތް ނަމަވެސް، ވެލެންސިއާއިން ވަނީ ކައިރި ކައިރީގައި ދެ ލަނޑު ކާމިޔާބުކޮށް، ނަތީޖާ ހަމަހަމަކޮށްފައެވެ. މެޗުގެ 30 ވަނަ މިނެޓުގައި ވެލެންސިއާގެ ދެވަނަ ލަނޑު އޮމޮދޫ ގޮޑްފްރޭ ވެސްޓް ކާމިޔާބުކޮށްދިންއިރު، އޭގެ ތިން މިނެޓް ފަހުން ވެލެންސިއާއަށް ނަތީޖާ ހަމަހަމަކޮށްދިނީ އެ ޓީމުގެ ފުރަތަމަ ލަނޑު ވެސް ކާމިޔާބުކޮށްދިން ހަމްދާނެވެ. މެޗުގެ ފުރަތަމަ ހާފު ނިމެން މިނެޓަކަށް ވެފައިވަނިކޮށް، ޓީސީއަށް އަލުން ލީޑު ހޯދައިދިނީ އަލީ ނާފިއުއެވެ.

މެޗުގެ ދެ ވަނަ ހާފުގައި މޮޅު ކުޅުމަކާއެކު ޓީސީން ވަނީ ދެ ލަނޑު ކާމިޔާބުކޮށް، ލީޑު އިތުރަށް ފުޅާކޮށްފަ އެވެ. މެޗުގެ ދެ ވަނަ ހާފު ފެށިތާ ދެ މިނެޓްފަހުން ފޭދޫ އިއްބެ ހެޓްރިކް ފުރިހަމަކުރިއިރު، މެޗުގެ 73 ވަނަ މިނެޓުގައި ޓީސީގެ ހަ ވަނަ ލަނޑު ކާމިޔާބުކޮށްދިނީ އިބްރާހިމް ވަހީދު ހަސަނެވެ.

ލީގުގައި މާދަމާ ދެ މެޗު ކުޅުމަށް ހަމަޖެހިފައިވެއެވެ. މާދަމާ ހަވީރު 4:00ގައި ކުޅޭ މެޗުގައި ވިކްޓަރީ ސްޕޯޓްސް ކްލަބާއި ޔުނައިޓެޑް ވިކްޓަރީ ބައްދަލުކުރާއިރު، މާދަމާ ރޭ 9:00ގައި ކުޅޭ މެޗުގައި ބައްދަލުކުރާނީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި ކްލަބު ގްރީން ސްޓްރީޓްސްއެވެ.

comment ކޮމެންޓް