ހައްޖަށް ގެންދިއުމަށް ކުންފުނިތަކަށް ހުއްދަދިން މައްސަލަ ކޯޓަށް ހުށަހަޅައިފި

ސިވިލް ކޯޓު ހިންގަމުން އަންނަ ޖަސްޓިސް ބިލްޑިން --- ސަން ފައިލް ފޮޓޯ/ އިހްތިޝާމް މުހައްމަދު

މި އަހަރު ރާއްޖެ އިން މީހުން ހައްޖަށް ގެންދިއުމުގެ ހުއްދަ ދޭނެ ކުންފުނިތައް ކަނޑައެޅުމުގައި އިސްލާމިކް މިނިސްޓްރީން އަމަލުކުރި ގޮތުގައި ގަވާއިދާ ޚިލާފު ކަންތައްތަކެއް ހިނގާފައިވާ ކަމަށް ބުނެ ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅައިފިއެވެ.

އެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅުއްވީ އަސްކޮއެ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުންނެވެ. އެކުންފުނިން ދައުވާ ކުރަނީ އިސްލާމިކް މިނިސްޓްރީގެ މައްޗަށެވެ.

އެ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅާފައިވާކަން އެ ކޯޓުން ވަނީ ކަށަވަރުކޮށްދީފަ އެވެ.

އެ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅާފައި ވަނީ ހައްޖު ކޯޓާއާ ގުޅޭ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަނުން ތަހުގީގު ކުރަމުން އަންނަނިކޮށެވެ.

ކޮމިޝަނުން ވަކިގޮތެއް އަންގަންދެން ހައްޖަށް މީހުން ގެންދިޔުމަށް އެއްވެސް ކުންފުންޏަކާ ހަވާލުނުކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ވަނީ އިސްލާމިކް މިނިސްޓްރީ އަށް އަންގާފަ އެވެ. އަދި އެ ކޮމިޝަނުން ވަކިގޮތެއް ނާންގަނީސް ހައްޖަށް ދިޔުމަށް އެއްވެސް ކުންފުންޏަކަށް ފައިސާ ނުދެއްކުމަށް ވެސް އެންޓި ކޮރަޕްޝަން ކޮމިޝަނުން ވަނީ އިލްތިމާސްކޮށްފަ އެވެ.

މި އަހަރު ހައްޖަށް ގެންދިއުމުގެ ހުއްދަ އަށް އެދި 16 ކުންފުންޏަކުން ކުރިމަތިލި އެވެ. އެ ޕްރޮޕޯޒަލްތައް އިވެލުއޭޓް ކުރުމަށް ފަހު އިސްލާމިކް މިނިސްޓްރީން ނިންމީ ހައްޖު ކޯޕަރޭޝަންގެ އިތުރުން އަމިއްލަ ފަސް ކުންފުންޏަކަށް ހުއްދަ ދިނުމަށެވެ. އެ ނިންމުން ނިންމުމުގައި ކޮރަޕްޝަންގެ އަމަލެއް ހިންގާފައިވާ ކަމަށް ތުހުމަތުކޮށް އާންމު ފަރާތަކުން ވަނީ އެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހުށަހަޅައިފަ އެވެ.

comment ކޮމެންޓް