އަންހެނަކަށް ވީތީ މަސައްކަތުގެ މާހައުލުގައި އަދިވެސް ގޮންޖެހުންތައް އެބަހުރި: މިނިސްޓަރު

އޯޓިޒަމަށް އާންމުން ހޭލުންތެރި ކުރުވުމުގެ ގޮތުން ބޭއްވި ހިނގާލުމެއްގައި މިނިސްޓަރު ޒެނީޝާ ބައިވެރިވެވަޑައިގަތް ވާހަކަފުޅުދައްކަވަނީ --- ސަން ފައިލް ފޮޓޯ/ ފަޔާޒް މޫސާ

އަންހެނަކަށް ވީތީ މަސައްކަތުގެ މާހައުލުގައި އަދިވެސް ގޮންޖެހުންތަކާ ކުރިމަތިލާން ޖެހޭ ކަމަށް ޖެންޑާ މިނިސްޓަރު ޒެނީޝާ ޝަހީދު ޒަކީ ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ވިދާޅުވީ، ސާނަވީ އަދި މަތީ ސާނަވީ ތައުލީމު ހާސިލްކޮށްގެން މަތީ ވަނަތައް ހޯދާ އަންހެން ދަރިވަރުން ރާއްޖޭގެ ނިސްބަތުން ގިނަ ނަމަވެސް މަސައްކަތުގެ މާހައުލާއި ކަންކަން ނިންމުމުގެ ފެންވަރުގައި އަންހެނުންގެ ނިސްބަތް މަދު ކަމަށެވެ. އެކަން އެގޮތަށް ދިމާވަނީ މިނިސްޓަރު ވިދާޅުވި ގޮތުގައި އަންހެނަކަށް ވީތީ ވަޒީފާގެ މާހައުލުގައި އަދި ވެސް ގޮންޖެހުންތަކެއް ހުރުމުންނެވެ.

"މަސައްކަތުގެ މާހައުލުގައި އަންހެނަކަށް ވީތީ އަދިވެސް ގިނަ ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހޭ. އަދި ދިވެހި މުޖުތަމައުގައި އަންހެނުން ގިނައިން ހަރަކާތްތެރިވާ ދާއިރާތަކެއް ހުންނަކަން ފާހަގަވެގެންދޭ،" ހޯޕް ފޯ ވިމެންގެ "ރަންމުތް" ފޮތް ނެރުމަށް ރޭ ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓަރު ޒެނީޝާ ވިދާޅުވި އެވެ.

އަދި ވިދާޅުވީ، ތައުލީމީ ބާރުވެރި އަންހެނުން އުފެދުމުން އޭގެ ފައިދާ ކުރާނީ ހަމައެކަނި އާއިލާއަކަށް އެކަނި ނޫން ކަމަށާއި އޭގެ ފައިދާ މުޅި މުޖުތަމައުއަށާއި ގައުމަށް ވެސް ކުރާނެ ކަމަށެވެ.

އިސްލާމް ދީނުގައި ވެސް ފިރިހެނުންނެކޭ އެއްފަދައިން އުނގެނުމަށާއި އާމްދަނީ ހޯދުމަށް މަސައްކަތްކުރުމުގެ ހައްގު އަންހެނުންނަށް ވެސް ލިބިގެންވާ ކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ، ފިރިހެނުންނެކޭ އެއްފަދައިން އެކި ދާއިރާތަކުގައި ހަމަހަމަކަމާ އެކު އަންހެނުންނަށް ބައިވެރިވެވޭނެ ގޮތްތައް ހޯދައިދިނުމަށް އެންމެން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.

އެގޮތުން އަންހެނުން މަދު ދާއިރާތައް ދެނެގަނެ އެފަދަ ދާއިރާތަކުގައި ހަރަކާތްތެރިވުމަށް ހުރި ގޮންޖެހުންތައް ދެނެގަތުމާއި އަންހެނުން މަދު ދާއިރާތަކުގައި ދެމިތިބި އަންހެނުންނަށް އެ ދާއިރާ އިން ކުރިއަށް ދިއުމަށް ހިތްވަރުދީ އެފަދަ ފުރުސަތުތައް މަގުފަހި ކޮށްދިނުމަކީ މުހިއްމު ކަމެއް ކަމަށް މިނިސްޓަރު ޒެނީޝާ ވިދާޅުވި އެވެ.

"ރާއްޖޭގެ ދެބައިކުޅަ އެއްބައި އާބާދީއަކީ އަންހެނުން ހިއްސާކުރާ އިރު މުޖުތަމައުގެ އެކި ދާއިރާތަކުގައި އަންހެނުންގެ ބައިވެރިވުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް. އަދި އެކަމަށް މަސައްކަތްކުރަން ޖެހޭ،" މިނިސްޓަރު ވިދާޅުވި އެވެ.

ޖެންޑާ މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި، ވަކި ޖިންސަކަށްވީތީ ކުރާ އަނިޔާ އާއި ގެވެށި އަނިޔާގެ މައްސަލަތައް ކޮންމެ މަހަކު ވެސް ޖެންޑާ މިނިސްޓްރީއަށް ހުށަހެޅެ އެވެ. މި އަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި އެފަދަ 100 އަށް ވުރެ ގިނަ މައްސަލަ ހުށަހެޅުނު އިރު، އޭގެ ތެރެއިން 90 ޕަސެންޓަކީ އަންހެނުންނާ ގުޅޭ މައްސަލަތަކެވެ.

ރޭގެ ރަސްމިއްޔާތުގައި މިނިސްޓަރު ޒެނީޝާ ވަނީ އަންހެނުންގެ ފުރިހަމަ ބައިވެރިވުމަށް ހުރަސް އެޅޭ ކަންތައްތައް ނައްތާލުމަށް ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށާއި އެގޮތުން އެކިކަހަލަ އަނިޔާއިން އަންހެނުން ސަލާމަތްކުރަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ.

comment ކޮމެންޓް