ކުއްޖަކު ހޯދާކަށް އަދި ނުވިސްނަން: ބިޕާޝާ

މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 30 ވަނަ ދުވަހު ކައިވެނި ކުރި ބޮލީވުޑްގެ ޖޯޑު ބިޕާޝާ ބާސޫއާއި ކަރަން ސިންގ ގްރޯވަރަށް ކުއްޖަކު ލިބެން އުޅޭ ކަމަށް ޚަބަރުތައް ބުނި ނަމަވެސް އަދި ކުއްޖަކު ހޯދަން ނުވިސްނާ ކަމަށް ބިޕާޝާ ބުނެފި އެވެ.

ބިޕާޝާ އަދި ކަރަންގެ ކައިވެންޏަށް މިހާރު އެއް އަހަރު ވެފައި ވާއިރު، ދެމީހުން ގިނަ ވަގުތު ހޭދަ ކުރަނީ އެކުގައި ދަތުރު ކުރުމުގައެވެ. ކުއްޖަކު ހޯދަން ދެމީހުން އަދި ބޭނުން ނުވަނީ ވެސް އެކުގައި ހޭދަކުރަން ލިބޭ ވަގުތު މަދުވެދާނެތީ އެވެ.

ދެމީހުންގެ ގުޅުމާ ބެހޭގޮތުން މީޑިއާއަށް މައުލޫމާތު ދެމުން ބިޕާޝާ ބުނީ ކަރަން އާއި ދެމީހުން ވެސް ކުޑަ ކުދިން ދެކެ ވަރަށް ލޯބިވާ ކަމަށާއި، ނަމަވެސް އަދި ކުއްޖަކު ހޯދަން މާ އަވަސް ކަމަށެވެ.

"އަހަރުމެން ދެމީހުން އެކަނި ވަގުތު ހޭދަ ކުރަން އަދި ބޭނުން ވަނީ. ކުއްޖަކު ލިބުނީމަ ދެން އަބަދު ވެސް ވަގުތު ހޭދަ ކުރަން ޖެހޭނީ ދަރިފުޅާ އެކު،" ބިޕާޝާ ބުންޏެވެ.

ބިޕާޝާ ބުނީ އޭނާގެ މަންމަ މިހާރު ވެސް ހުރީ މާމަ ދަރިފުޅެއް ނުލިބިގެން ކަމަށާއި، މަންމަ ބޭނުން ވަނީ އަންހެން ކުއްޖެއް ކަމަށެވެ.

ކަރަން އާއި ބިޕާޝާ ލޯބީގެ ގޮތުން ގުޅިފައި ވަނީ ދެ މީހުން އެކުގައި ފެނިގެން ދިޔަ ފިލްމު 'އެލޯން' ޝޫޓު ކުރުމުގެ ތެރޭގައެވެ.

comment ކޮމެންޓް