ޖަކާޓާގައި އެއްޗެއް ގޮއްވާލުމުގެ ސަބަބުން ފަސް މީހުން މަރުވެއްޖެ

ޖަކާޓާ (މޭ 25) : އިންޑޮނީޝިޔާގެ ވެރިރަށް ޖަކާޓާގެ ބަސް ސްޓޭޝަނެއްގައި އެއްޗެއް ގޮއްވާލުމުގެ ސަބަބުން ފަސް މީހުން މަރުވެ އިތުރުބަޔަކު ޒަޚަމްވެއްޖެއެވެ.

އިންޑޮނީޝިޔާގެ ފުލުހުން ބުނިގޮތުގައި މަރުވި ފަސްމީހުންގެ ތެރެއިން ތިންމީހުންނަކީ ފުލުހުންނެވެ. އަނެއް ދެމީހުންނަކީ އަމިއްލައަށް މަރުވެގެން ހަމަލާދިން ދެމީހުންކަމަށް ބެލެވެ އެވެ. އެދެމީހުން މަރުވީ އަމިއްލަ ހަށިގަނޑުގައި ގޮވާތަކެތި ހަރުކޮށްގެންކަމަށް ބެލެވޭކަމަށް ވެސް ފުލުހުން ބުނެ އެވެ. މިހަމަލާދީފައި ވަނީ ޖަކާޓާގެ ކަމްބޫމިލާޔޫ ސަރަހައްދުގައި ރަމަޟާންމަހާގުޅޭ ހިނގާލުމެއް ކުރިޔަށްދިޔަވަގުތު ކަމަށްވެ އެވެ.

ރަމަޟާން މަސް ފެށެންގާތްވުމުން ޖަކާޓާގެ ބައެއް ސަރަހައްދުތަކުގެ މީހުން ދީނީ ޅެންތައްކިޔަމުން ހިނގާލުންތައް ބޭއްވުމަކީ އާދަކާދައިގެ ގޮތުން ކުރާކަމެކެވެ.

އަމިއްލައަށް މަރުވެގެން ދިން ކަމަށް ބެލެވޭ މިޙަމަލާގެ ޒިންމާ އެއްވެސް ޖަމާއަތަކުން އަދި އުފުލާފައެއްނުވެ އެވެ. ނަމަވެސް މިއީ އައިއެސް ޖަމާއަތަށް ނިސްބަތްވާ އިންޑޮނީޝިޔާގެ ބައެއްގެ އަމަލެއްކަމަށް ފުލުހުން ޝައްކުކުރެ އެވެ. ދެހާސް ސޯޅަ ވަނަ އަހަރުގެ ޖަނަވަރީ މަހު ވެސް ޖަކާޓާގައި އަމިއްލައަށް މަރުވެގެން މީހަކު ހަމަލާއެއް ދީފައިވެ އެވެ. އެ ޙަމަލާގެ ޒިންމާ އުފުލާފައި ވަނީ އައިއެސް ޖަމާއަތުންނެވެ. (އޭއެފްޕީ)

comment ކޮމެންޓް