އަދާރަން ހިންގާ ކުންފުނީގެ އާ ބްރޭންޑެއްގެ ރިސޯޓެއް ރ. އާރަށުގައި ހަދަނީ

ރ. އާރަށުގައި ހެރިޓެންސް ރިސޯޓު ތަރައްގީކުރުމުގެ މަސައްކަތް ކުރިޔަށްދަނީ ---

ރާއްޖޭގައި "އަދާރަން" ބްރޭންޑުގެ ދަށުން ރިސޯޓު ހިންގާ ސްރީލަންކާގެ އެއިޓްކެން ސްޕެންސް ކުންފުނީގެ "ހެރިޓެންސް" ބްރޭންޑުގެ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރުމުގެ މަސައްކަތް ކުރިޔަށް އެބަ ދެއެވެ.

އެއިޓްކެން ސްޕެންސްގެ "ހެރިޓެންސް ހޮޓެލްސް"ގެ ވެބްސައިޓުގައި ބުނެފައިވާ ގޮތުން، އާރަށުގައި ތަރައްގީކުރަނީ އެކި ރޭންޖުތަކުގެ 82 ވޯޓާ ވިލާއާއި، އެއްގަމުގައިވެސް އެކި ރޭންޖުތަކުގެ 75 ވިލާއެވެ.

ބޮޑު ފަޅެއް އޮންނަ ރ. އާރަށަކީ އެއިޓްކެން ސްޕެންސުން 2015 ވަނަ އަހަރު ހޯދި ރަށެކެވެ.

ހެރިޓެންސް ރިސޯޓްސްއިން ބުނާ ގޮތުގައި، އެ ރިސޯޓުގައި ތިން ސްޕެޝަލިޓީއެއްގެ ތީމްޑް ރެސްޓޯރަންޓު ހުންނަ އިރު، އޯވަރ ވޯޓާ ސްޕާއެއްވެސް ހުންނާނެއެވެ.

ރ. އާރަށް ---

މި ރިސޯޓު ތަރައްގީކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ އިރު، އެތަން ހުޅުވާނެ ތާރީޚެއް ހެރިޓެންސް ރިސޯޓްސްއިން ނުބުނެއެވެ.

އެއިޓްކެން ސްޕެންސުން ގެންދަނީ ނ. ރާފުށީގައިވެސް ރިސޯޓެއް ތަރައްގީކުރަމުންނެވެ. އެހެން ނަމަވެސް އެ ރިސޯޓާ ގުޅޭ މައުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ.

ހެރިޓެންސް އާރަށަކީ ސްރީލަންކާއިން ބޭރުގައި، އެ ބްރޭންޑުގެ ދަށުން ހުޅުވާ ފުރަތަމަ ރިސޯޓެވެ. މިހާރު އެ ބްރޭންޑުގެ ދަށުން ރިސޯޓާއި ހޮޓެލް ހިންގަމުން ދަނީ ސްރީލަންކާގައި އެކަންޏެވެ. އެތަންތަނަކީ ހެރިޓެންސް ކަންދަލްމަ، ހެރިޓެންސް ޓީ ފެކްޓްރީ، ހެރިޓެންސް ނެގޮމްބޯ، ހެރިޓަންސް އާޔުރްވެދާ އަދި ހެރިޓެންސް އަހުންގައްލައެވެ.

އެއިޓްކެން ސްޕެންސްގެ އަދާރަން ބްރޭންޑުގެ ދަށުން ރާއްޖޭގައި އަށް ރިސޯޓެއް ހިންގައެވެ. އެއީ އަދާރަން ސިލެކްޓް މީދުއްޕަރު، އަދާރަން ސިލެކްޓް ހުދުރަންފުށި، އަދާރަން ކްލަބް ރަންނާޅި، އަދާރަން ޕްރިސްޓީޖް ވާދޫ، އަދާރަން ޕްރިސްޓީޖް ވޯޓާ ވިލާސް އަދި އަދާރަން ޕްރިސްޓީޖް އޯޝަން ވިލާސްއެވެ.

ރާއްޖެއާއި ލަންކާގެ އިތުރުން، އޮމާން އަދި އިންޑިއާގައި ޖުމްލަ 24 ހޮޓަލެއް، އެއިޓްކެން ސްޕެންސުން ހިންގައެވެ.

comment ކޮމެންޓް