ސެލީނާ އަށް މިފަހަރު ވެސް ލިބެނީ އެއްމާބަނޑު ދެކުދިން

ސެލީނާ އޭނާގެ ދެ ކުދިންނާ އެކު ---

ބޮލީވުޑްގެ އެކްޓްރެސް ސެލީނާ ޖެއިތުލީ އިނީ ބަލިވެ ކަމަށާއި، މިފަހަރު ވެސް ލިބެނީ އެއްމާބަނޑު ދެކުދިން ކަމަށް އޭނާ ބުނެފި އެވެ.

ސެލީނާ އާއި ވިޔަފާރިވެރިޔާ ޕީޓާ ހާގް ކައިވެނި ކުރީ 2011 ވަނަ އަހަރު އެވެ. ދެމީހުންނަށް ފުރަތަމަ ލިބުނީ އެއްމާބަނޑު ދެ ފިރިހެން ކުދިންނެވެ. ވިންސްޓަން އަދި ވިރާޖް އަށް މިހާރު ފަސް އަހަރު ވެފައިވާ އިރު، ސެލީނާ މިހާރު އިނީ ދެވަނަ ފަހަރަށް ބަލިވެ އެވެ.

ސެލީނާގެ ބަނޑަށް މިހާރު ހަ މަސް ފުރިފައި ވާއިރު، އެއްމާބަނޑު ދެކުދިން ލިބެން އުޅޭކަން އެނގުމުން ޝޮކެއް ލިބުނު ކަމަށް ސެލީނާ ބުންޏެވެ.

ސެލީނާ އާއި ފިރިމީހާ ޕީޓާ އަދި ދެ ކުދިން --

"އަލްޓްރާސައުންޑް ހަދަނިކޮށް، ލިބެން އުޅެނީ އެއްމާބަނޑު ދެކުދިން ކަމަށް ޑޮކްޓަރު ބުނުމުން ދެމީހުންނަށް ވެސް ފުރަތަމަ ލިބުނީ ޝޮކެއް،" އިންޑިއާގެ ނޫހަކަށް ދިން އިންޓަވިއު އެއްގައި ސެލީނާ ބުންޏެވެ.

ސެލީނާ ބުނީ އެއްމާބަނޑު ކުދިން ލިބެނީ ވަރަށް ޚާއްސަ އަދި ނަސީބު ގަދަ މީހުންނަށް ކަމަށް އޭނާ ގަބޫލު ކުރާ ކަމަށާއި އެ ދެމަފިރިންގެ ނަސީބު ވަރަށް ގަދަ ކަމަށެވެ.

ދެހާސް އެއް ވަނަ އަހަރު އިންޑިއާގެ ރީތީގެ ރާނީގެ މަގާމު ހޯދާފައިވާ ސެލީނާ ބޮލީވުޑަށް ނުކުތީ 2003 ވަނަ އަހަރު އެވެ. މިވަގުތު ފިލްމީ ދާއިރާ އާއި ދުރުގައި ހުރި ސެލީނާ އެންމެ ފަހުން ފެނިގެން ގޮސްފައި ވަނީ 2011 ވަނަ އަހަރު ރިލީޒް ކުރި ފިލްމު 'ތެންކް ޔޫ' އިންނެވެ.

comment ކޮމެންޓް