މާފުށީ ޖަލަށް ޑްރަގު ގެންދިޔަ ގައިދީއަކު އުމުރަށް ޖަލަށް

މާފުށިޖަލު: އެ ޖަލަށް ކެނެބިސް އެތެރެކުރި ގައިދީ އަކު އުމުރަށް ޖަލަށްލުމަށް ކުރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފައި --ސަން ފައިލް ފޮޓޯ

މާފުށީ ޖަލަށް މަސްތުވާތަކެތި ގެންދިޔަ ގައިދީއަކު އެއްލައްކަ ރުފިޔާއިން ޖޫރިމަނާ ކޮށް، އުމުރަށް ޖަލަށްލުމަށް ކުރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

އެ މައްސަލާގައި ޖަލަށްލާން ހުކުމްކޮށްފައިވަނީ، ގ. އޯލްޕެރިސް އަހްމަދު މިހާދު އެވެ.

ކްރިމިނަލް ކޯޓުން މިހާދު ޖަލަށްލާން ހުކުމްކޮށްފައިވަނީ އޭނާގެ މައްޗަށް ދައުލަތުން އުފުލި ކެނެބިސް ޓްރެފިކް ކުރުމުގެ ދައުވާ ސާބިތުވުމާ ގުޅިގެންނެވެ.

އެ ދައުވާ މިހާދުގެ މައްޗަށް އުފުލާފައިވަނީ، އޭނާ މާފުށީ ޖަލުގައި ހުކުމެއް ތަންފީޒު ކުރަމުން ދަނިކޮށް ޒަރޫރީ ބޭނުމަކަށް މާލެ ގެނައުމަށްފަހު އަނބުރާ މާފުށީ ޖަލަށް ގެންގޮސް އޭނާގެ ހަށިގަނޑު ބަލައި ފާސްކުރި އިރު، އޭނާ ލައިގެން ހުރި ބޮކްސާގެ ތެރެއިން އިންސިއުލޭޝަން ޓޭޕް އޮޅާފައިއޮތް ކެނެބިސް ހުރި ތިން ޕެކެޓު ފެނުނުކަމަށް ހެކީންގެ ހެކިބަހުން އެނގެން އޮންނާތީއެވެ. އެ ޕެކެޓުތަކުގައި 16.34 ގްރާމްގެ ކެނެބިސް ހުއްޓެވެ.

މިހާދު އުމުރަށް ޖަލަށްލުމަށް ހުކުމް ކޮށްފައިވަނީ، މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ 108 ވަނަ މާއްދާގެ (ނ) ގެ ދަށުންނެވެ.

އޭނާ އެއްލައްކަ ރުފިޔާއިން ޖޫރިމަނާ ކޮށްފައިވާއިރު، އެ ފައިސާ އެއް މަސް ދުވަހުގެ ތެރޭގައި ކްރިމިނަލް ކޯޓަށް ދައްކައި ޚަލާސްކުރުމަށް އެ ހުކުމުގައިވަނީ އަންގާފަ އެވެ.

comment ކޮމެންޓް