ކެނެބިސް ބޭނުންކުރި ކަމަށް އިއުތިރާފުވި މީހަކު ތިން އަހަރަށް ޖަލަށް

ކުރިމިނަލް ނޯޓް: ކެނެބިސް ބޭނުންކުރި މީހަކު ތިން އަހަރަށް ޖަލަށްލުމަށް އެ ކޯޓުން އަންގާރަ ދުވަހު ވަނީ ހުކުމް ކޮށްފައި --- ސަން ފައިލް ފޮޓޯ/

ކެނަބިސް ބޭނުން ކުރި ކަމަށް އިއުތިރާފުވި މީހަކު ތިން އަހަރު ދުވަހަށް ޖަލަށް ލުމަށް ކުރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.

ގދ. ވާދޫ، ވަޑިގެ، މުއުތަސިމް މުހައްމަދުގެ މައްޗަށް ކުރިމިނަލް ކޯޓުން އެ ހުކުމް އިއްވާފައި ވަނީ މިދިޔަ އަންގާރަ ދުވަހު އެވެ.

އޭނާގެ މައްޗަށް ކެނެބިސް ބޭނުން ކުރި ކަމުގެ ދައުވާ ކޮށްފައި ވަނީ، 2012 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 12 ވަނަ ދުވަހުގެ އިރާކޮޅު، އޭނާގެ އަމަލުތައް ހުރީ މަސްތު ގެ ހާލަތުގައި ކަމަށް ތުހުމަތު ކުރެވިގެން ފުލުހަށް ހާޒިރުކޮށް އޭނާގެ ހަށިގަނޑު ބަލައި ފާސްކުރުމުން އޭނާ ލައިގެން ހުރި ޖިންސުގެ ޖީބުން 0.14 ގްރާމްގެ ކެނެބިސް ފެނުމާ ގުޅިގެންނެވެ.

ކުރިމިނަލް ކޯޓުގެ ހުކުމުގައި ބުނެފައި ވަނީ، އޭނާ ކެނަބިހާއި ހެރޮއިން ބޭނުން ކުރާ މީހެއް ކަމަށް ބުނެ ޝަރީއަތުގައި އަމިއްލައަށް އިއުތިރާފް ވެފައިވާ ކަމަށެވެ. އެހެން ކަމުން އޭނާގެ އިއުތިރާފުން އެ ދައުވާ އޭނާގެ މައްޗަށް ސާބިތުވާ ކަމަށެވެ.

އޭނާ ތިން އަހަރު ދުވަހަށް ޖަލަށްލުމަށް ހުކުމް ކޮށްފައި ވަނީ، މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ 115 ވަނަ މާއްދާގެ (ށ) ގެ ދަށުންނެވެ.

comment ކޮމެންޓް