ހަމްދަރުދީވުމާއި ހިތާމަ ފިލުވައިދިނުމުގެ މައްސަރު

މާލޭގެ މިސްކިތެއްގައި ރޯދަ ވީއްލަން ބަޔަކު ތައްޔާރު ވަނީ: ރަމަޟާން މަހު މިސްކިތްތަކައް ރޯދަ ވީއްލަންދާ މީހުންގެ ތެރެއިން ގިނަނީ ބިދޭސީންނެ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހަށް އެއްފަހަރަކު ދަތުރުވެރިޔަކު އައެވެ. އެމީހާ ހުރީ ވަރަށްބޮޑަށް ބަނޑުހައިވެފައެވެ. އޭނާ ހައިހޫނުކަމުގެ ވާހަކަ ބަޔާންކޮށް ކާއެއްޗެއްދެއްވާތޯ ދެންނެވިއެވެ. އިތުރުސާހިބާ އެންމެހައި އުންމަހާތުންގެ ކޮޓަރިކޮޅުތަކަށް ބޭކަލަކު ފޮނުއްވިއެވެ. އެއިން ބޭކަނބަލެއްގެ އަތްޕުޅުގައި ކާއެއްޗެއް ހުރިތޯ ބެއްލެވުމަށްޓަކައެވެ. އެބޭކަލުކު އެނބުރިވަޑައިގެން ވިދާޅުވީ އިތުރުސާހިބާގެ އެއްވެސް އަނބިކަނބަލެއްގެ އަތްޕުޅުގައި ފަރީއްކުޅުއްވާނެ އެއްވެސް އެއްޗެއް ނެތް ކަމުގައެވެ. ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެކަލޭގެފާނުގެ ޞަޙާބީންނާ ދިމާޔަށް އެނބުރިވަޑައިގެން ޙަދީޘުކުރެއްވިއެވެ.

" މީނާއަށް މެހުމާންދާރީ އަދާކޮށްދެއްވާނީ ކޮންބޭކަލެއްތޯއެވެ؟"

ޞަޙާބީންކުރެ އެއްބޭކަލަކު އެމެހުމާނާ ހަވާލުވެވަޑައިގެންނެވިއެވެ. އެމެހުމާނު ގޮވައިގެން ގެއަށް ވަޑައިގެންނެވިއެވެ. އެކަލޭގެފާނު އަނބިކަނބަލުންނާ ސުވާލުކުރެއްވިއެވެ. މިއީ މާތްﷲގެ ރަސޫލާގެ މެހުމާނެކެވެ. މި މެހުމާނަށް ކާންދޭނެ އެއްޗެއް އެބަހުރިތޯއެވެ؟ އަނބިކަނބަލުން ޖަވާބުދެއްވިއެވެ. ގޭގައި މިރޭ ހުރީ ހަމައެކަނި ކުދީންނަށް ކާންދޭން ބަހައްޓައިފައި ހުރި ކާއެތިކޮޅެކެވެ. ޞަޙާބީ ވިދާޅުވިއެވެ. އެންމެ ރަނގަޅެވެ. ކުދީން ނިންދަވައިލައްވާށެވެ. އެއަށްފަހު މެހުމާނަށް ކާންތައްޔާރުކުރައްވާށެވެ. އަޅުގަނޑުމެން ދެމީހުންވެސް ސުފުރާގައި އިށީދެފައި ބައްތި ރަގަނޅުކުރައްވާކަމުގައި ހައްދަވައިފައި ބައްތި ނިއްވައިލައްވާށެވެ. މެހުމާނު ހީކުރާނީ އަޅުގަނޑުމެން ދެމީހުންވެސް ކެއުމުގައި ބައިވެރިވާކަމަށެވެ. އެކަމަކު އަޅުގަނޑުމެން ކެއުމުގައި ބައިވެރިނުވާނީއެވެ. މާތް ﷲ އާއި އެކަލާނގެ ރަސޫލާގެ ރުހިވަޑައިގެންނެވުން ހޯއްދަވަން ޝައުޤުވެރިވެވަޑައިގަންނަވާ ދެމަފިރިކަނބަލުން އެގޮތަށް ޢަމަލުކުރެއްވިއެވެ. ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މެހުމާނު ބަނޑުބޮޑުވަންދެން ކައިގެން އެރޭ އަރާމުކުރިއެވެ. މޭޒުބާނުގެ ދެމަފިރިކަނބަލުންނާއި، އެދެމަފިރިކަނބަލުންގެ ތުއްޕުޅު ބޭފުޅުންވެސް އެރޭ ހޭދަކުރެއްވީ ބަނޑުހައިފުޅުކަމުގައެވެ.

މެހުމާންދާރީ އަދާކުރެއްވި ޞަޙާބީ ވިދިގެން އައިދުވަހު ހެނދުނު ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހަށް ވަޑައިގެންނެވިއެވެ. އިތުރުސާހިބާ ޙަދީޘުކުރެއްވިއެވެ. ރޭގައި ތިޔަ ދެކަނބަލުން ކަންތައް ކުރެއްވިގޮތާމެދު މާތްﷲ ނުހަނު ބޮޑަށް ރުހިވޮޑިގެން އެކަން ބަޔާންކުރައްވައިފިއެވެ.

މިއީ އެއްވެސް ޙާލެއްގައި އާދައިގެ ކުޑަކަމެއްނޫނެވެ. ނަމަވެސް އިސްލާމީ ތާރީޚުގެ އެންމެ ކުރީ ދައުރުގެ ތާރީޚުގައި ބަލައިލި ކޮންމެ ދިމާޔަކުންވެސް މިފަދަ ހެޔޮއަމަލުތައް ވަރަށް ގިނައިން ފެންނާން އެބަހުއްޓެވެ. މޮޅިވެރިކަން ފިލުވައިދިނުމެވެ. ހިތާމައިގައި ބައިވެރިވުމެވެ. ތިމާގެ އަޚާއަށްޓަކައި ޤުރްބާންވުމެވެ. ހަމްދަރުދީވުމެވެ. އިންސާނިއްޔަތުގެ ކަރުނަ ފޮހެދިނުމެވެ. ތިމާ ތުރާތައް އުފުލައިފައި އަނެކާއަށް ލުއިކޮށްދިނުމެވެ. ފަސޭހަކޮށްދިނުމެވެ. ލޯބިދިނުމެވެ. އެހެންނުވާންވީ ކީއްވެގެންތޯއެވެ. އިތުރުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެންމެ ފުރަތަމަ ގޮވައިލެއްވީ ﷲގެ އެއްކައުވަންތަކަން ޤަބޫލުކުރުމަށެވެ. އެކަލާނގެ ރަސްކަންފުޅަށް އަޅުކަންކުރުމަށެވެ. ދެވަނައަށް އެންމެ ބޮޑަށް ބާރުއެޅުއްވީ މުސްލިމުންގެ ކިބައިގައި އިންސާނީ ހަމްދަރުދީ އާއި އިންސާނިއްޔަތުކަން އުފެއްދެވުމަށެވެ.

އާދެ، ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަ މުސްލިމުންގެ ކިބައިގައި އިންސާނީ ހަމްދަރުދީ އުފައްދަވަން ނިހާޔަތަށް ބާރުއެޅުއްވިއެވެ. އިންސާނުންގެ މޮޅިވެރިކަމާއި ހިތާމަވެރިކަން ފިލުއްވައިލައްވަން ދަޢުވަތުދެއްވޭން އޮތް އެއްވެސް ފުރުޞަތެއް ހުހަށް ދޫކޮށެއް ނުލައްވައެވެ.

ބަރަކާތުގެ މޫސުން

އަޅުގަނޑުމެން މިކުރިމަތިލަނީ ބަރަކާތްތެރި ރަމަޟާންމަހަށެވެ. އާދެ، ހެޔޮކަމާއި ބަރަކާތުގެ ބަހާރު މުސޫމަށެވެ. ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޚާއްޞަ ގޮތެއްގައި މިބަރަކާތްތެރި މައްސަރު ހައްދަވައިފައިވަނީ އިންސާނީ ހަމްދަރުދީގެ މައްސަރެއްކަމުގައެވެ. އެހީތެރިވެދިނުމާއި ހަމްދަރުދީވުމުގެ މައްސަރެއްކަމުގައެވެ. އެމާތް ސާހިބާ ފަށްފަށުން ނަސޭހަތްދެއްވައިފައިވަނީ މިމަހުގައި މާތްﷲގެ މަގުގައި ހޭދަކުރުމަށެވެ. އެކަލާނގެ އަޅުތަކުންނަށް އެހީތެރިވުމަށެވެ. އަޅައިލައި އުޅުމަށެވެ.

ޚުދު އެމާތް ސާހިބާވެސް މިދަރުމަވެރި މައްސަރުގައި ޕިންތަކުގައި ހީވާގިވެވަޑައިގެންނެވިއެވެ. އެހެނިހެން މަސްމަހަށްވުރެ މާބޮޑަށެވެ. ރިވާޔަތްތަކުގައިވާ ގޮތުން އިތުރުސާހިބާގެ ދީލަތިފުޅުކަން ރަމަޟާންމަހުގައި ބާރު ވައިރޯޅިއެއްފަދައެވެ.

ކޮންމެ މުސްލިމަކުވެސް ރަމަޟާންމަހު ރޯދަހިފާންޖެހެއެވެ. މުއްސަންޖަކަށްވިޔަސްވެހެވެ. ފަޤީރަކަށްވިޔަސްވެހެވެ. މާތްﷲގެ ފުއްސެވުމާއި ރުއްސެވުން އެދިގެންނެވެ. ރޯދަމަހަކީ ނިކަމެތީންނާއި، ފަޤީރުންގެ ޙާލު އެނގި އެމީހުންގެ އިޙްސާސްތައް ތަޖްރިބާކުރެވުމުގެ މޫސުމެކެވެ. ރޯދައިގެ ޒަރީޢާއިން ބަނޑުހައިހޫނުކަމާއި ފެންބޮވައިގަތުމުގެ ހިތްދަތިކަން ވަޒަންކުރެވެއެވެ. ނަތީޖާއެއްގެ ގޮތުން މުސްލިމުންނަށް ތިމާމެންގެ ނިކަމެތި ފަޤީރު އަޚުން އުޚުތުންގެ ޙާލަތު އަމިއްލަޔަށް ދެނެގަނެވެއެވެ. އިންސާނާ އަމިއްލަޔަށް ކަމެއް ތަޖްރިބާ ކުރުމުން އެހެންމީހުން އުފުލާ ބުރަ ތިމާގެ " އަމިއްލަ ތަޖްރިބާ" އަކަށް ބަދަލުވެއެވެ. ތަކުރާރުކޮށް އެތަޖްރިބާ ލިބުމުން އެނެކުންގެ އިޙްސާސް އަމިއްލަ އިޙްސާސަކަށް ބަދަލުވެއެވެ.

ހަމްދަރުދީވުމުގެ ދާއިރާ

ހިތްހަމަޖައްސައިދިނުމާއި، ހަމްދަރުދީވުމުގެ ދާއިރާއަކީ ވަރަށް ފުޅާދާއިރާއެކެވެ. ތަނަވަސްދާއިރާއެކެވެ. އެކަންކަންއޮތީ ކޮންމެ މީހެއްގެވެސް އަތްފޯރާކަމެއްގެ ގޮތުގައެވެ. ކޮންމެ މީހަކަށްވެސް އެމީހެއްގެ މިންވަރުން ބައިވެރިވެވޭގޮތަށެވެ. ވިޔަފާރިވެރިއެއްނަމަ ތިމާގެ ފިހާރައިން ވިޔަފާރިކުރާމީހުންނަށް އިޚްލާސްތެރިވުމެވެ. ކެހިނުދިނުމެވެ. މުނާސަބު ވަރަށްވުރެ އަގުބޮޑުނުކުރުމެވެ. ހަލާކުވެފައި ހުންނަ މުދަލާއި މުއްދަތުހަމަވެފައި ހުންނަ އެއްޗެހި އޮޅުވާލައިގެން މީހުންގެ ބޮލުއަޅުވައި ނެހެދުމެވެ. ފަޅުއޮޑިފަހަރަށް އަރައި ފަޅުކަނބައި ނެހެދުމެވެ. މުދަލުގެ އަގު އެރުވުމަށްޓަކައި މުދާ ނުފޮރުވުމެވެ. ބޭސްފަރުވާކޮށްދޭ ޑޮކްޓަރެއް ނުވަތަ ހޭހަންކޮށްދޭ ނަރުހެއް ކަމުގައިވާނަމަ ބަލިމީހުންނަށް ހިތްހެޔޮކަމާއިއެކު ހިނިމޫނު ދެއްކުމެވެ. ބޭސްފަރުވާކޮށްދޭއިރު ނުވަތަ ހޭހަންކުރާއިރު އިންސާނީ ޚިދުމަތުގެ ޖަޒުބާތުވެސް ހިތުގައި ބޭއްވުމެވެ. ބަލިމީހުންނަށް އޯގާވެރިވުމެވެ. އަވަށްޓެރީން ތިމާގެ އަވަށްޓެރިޔާގެ ހިތާމައާއި އުފަލުގައި ބައިވެރިވުމެވެ. ތިމާގެ އަވަށްޓެރިޔާ ހައިހޫނުކަމުގައި ހުއްޓައި ތިމާ ބަނޑުފުރައިކައި ނުއުޅުމެވެ. ކައުސާހިބާ ހަދީޘުކުރެއްވިއެވެ. ތިމާގެ އަވަށްޓެރިޔާއަށް އެމީހެއްގެ ނުބައިކަމުން އަމާންކަން ލިބިގެންނުވާ މީހާއަކީ ހަޤީޤީ މާނައިގައި މުސްލިމެއްނޫނެވެ. ޔަތީމުންގެ ޙާލުއަހްވާލު ބެލުމާއި އެމީހުންގެ ބޮލުގައި ހަމްދަރުދީގެ ގޮތުން އަތްފިރުމައިދިނުމެވެ. ހުވަފަތުންނާއި، އަޅާލާނެ ވާލެއް އިޔާރެއްނެތް މީހުންނަށް އެހީތެރިވުމަށް ކުރިއަށް ނިކުތުމެވެ. މުސްކުޅިންނަށް ވާގިވެރިވުމެވެ. އަނިޔާލިބޭމީހުނަށް ނަޞްރުދިނުމެވެ. މިހުރިހާ ކަންކަމަކީވެސް ހިތްހެޔޮކަމާއި އެހީތެރިކަމެވެ.

އަޅުކަން ފުރިހަމަކޮށްދޭކަމެއް

އާދެ، އިންސާނީ ޚިދުމަތަކީ ވަރަށް ގިނަ ފަހަރަށް ބަދަނީ އަޅުކަމާ އެއްދަރަޖައެއްގެ ކަމެކެވެ. ބަދަނީ އަޅުކަމުގެ އުނިކަން ފުރިހަމަކޮށްދޭކަމެކެވެ. ވިސްނައިވަޑައިގެން ބައްލަވާށެވެ. މީހަކު ރޯދައެއް ދޫކޮށްލަން ޖެހިއްޖެނަމަ އެރޯދައިގެ ބަދަލުގައި މިސްކީނަކަށް ކާންދިނުމުން ފުދެއެވެ. ޤަސްދުގައި ރޯދައެއް ދޫކޮށްލައިފިނަމަ އެކަމުގެ ކައްފާރާއަކީ ފަސްދޮޅޮސް ދުވަހުރޯދަ ހިފުމެވެ. ރޯދަނުހިފިއްޖެނަމަ ފަސްދޮޅޮސް މިސްކީނުނަށް ކާންދިނުމެވެ. މިކަންކަމަށް ރިޢާޔަތްކޮށް ދަންނަވާނަމަ ފަޤީރަކަށް އެހީވުމަކީ ރޯދަޔާ ވަރުން އަޅައިލެވޭ އަޅުކަމެއްކަމުގައި ދެންނެވިދާނެއެވެ.

ﷲގެ ރަސްކަންފުޅުދެކެ ލޯބިވާނަމަ އެކަލާނގެ މަޚްލޫޤުންނާމެދު ކުލުނު އިތުރުވެއެވެ. އިންސާނާއަށް ﷲގެ ރަސްކަންފުޅާ "ބައްދަލުވެވޭނީ" ފަޤީރުންގެ ޖިފުޓީތަކުންނެވެ. ނިކަމެތީންގެ ގޭތެރެއިންކަން ޔަޤީނެވެ. އަނެކުންގެ މުހުތާދުތަކާހުރެ އުޅޭން ހަދައިގެން ތިމާގެ ބޭނުންތައް ހަދާންނެތޭ މީހުންނަކީ މާތްﷲގެ ރަސްކަންފުޅުދެކެ ލޯބިވާ މީހުންނެވެ. ﷲގެ ރަސްކަންފުޅުދެކެ ލޯބިވާ މީހާއަށް ތަޖްރިބާކުރެވޭނީ ތިމާގެ އަޚާއާ އެހީވުމަށްޓަކައި ހޭދަކުރުމަކީ ތިމާ އަމިއްލައަށް ލިބިގަތުމަށްވުރެ މާ މީރު ކަމެއްކަމެވެ.

އަންޞާރުންގެ ނަމޫނާ

އީމާންކަމުގެ އަހްލުވެރިންގެ ލޫޓޫވައިލެވިފައިވާ ޤާފިލާ މަދީނާއަށް ދިޔައިރު އެޤާފިލާގެ މީހުންތިބީ ހައިހޫނުކަމުގައެވެ. ހުސްއަތާއެވެ. ގެއެއްދޮރެއްނެތެވެ. މާލެއްމުދަލެއްނެތެވެ. ހިފައިގެންގުޅޭ އެއްޗެއްސެއް ފެހާމާނެއްނެތެވެ. ފައިސާއެއް ރަނެއްރިއްސެއް ނެތެވެ. އަނެއްކޮޅުން މަދީނާގެ އަހްލުވެރިންނަކީވެސް މާކަފޯރުންތެރި ބޭކަލުންނެއްނޫނެވެ. އެބޭކަލުންގެ ރައުސުމާލަކީ މަދު އަދަދެއްގެ ބަގީޗާއާއި،ވަރަށް އާދައިގެ ދަނޑުފަނގުތަކެކެވެ. ވަރަށް ގިނަ ބޭކަލުން ދިރިއުޅުއްވުން ހަމަޖައްސަވަމުން ގެންދެވީ ޔަހޫދީންނަށް މަޖޫރީކޮށްދެއްވައިގެންނެވެ. ނަމަވެސް އެބޭކަލުން އަތްޕުޅުމަތި ފަޤީރުކަމުގައިވިޔަސް ހިތްޕުޅުތައް މުއްސަންޖެވެ. ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ބަރަކާތްތެރި ޞުޙުބަތުގެ ރީތިނަމޫނާގެ ބަރަކާތުންނެވެ. އެމާތް ސާހިބާގެ އަގުހުރި އިރްޝާދުތަކުގެ ސަބަބުންނެވެ. ނަތީޖާއެއްގެގޮތުން މަދީނާގެ އަހްލުވެރިންގެ ތަބީޢަތަކަށް ވަފައިއޮތީ ހަމްދަރުދީއެވެ. އިސްލާމީ އެހީތެރިކަމެވެ. ހިތާމައިގައި ބައިވެރިވުމެވެ. އެހެންކަމުން "ފަޤީރުކަން ނައްތައިލެއްވުމުގެ" ކެމްޕެއިނެއް ހިންގާކަށެއް ޖެހިވަޑައެއްނުގަންނަވައެވެ.މަދީނާގެ ހިތްޕުޅުތަނަވަސް އަންޞާރުން އެބޭކަލުންގެ "މުޅި ދުނިޔެ" ކައުސާހިބާގެ ފައިތިލަފުޅުގެ ދަށަށް ބަރުތީލަކުރެއްވިއެވެ. ނަތީޖާއެއްގެގޮތުން އެބޭކަލުންނަށް އަންޞާރުންގެ ފަޚުރުވެރި ލަޤަބު ލިބިވަޑައިގެންނެވިއެވެ. ޝައްކެއްނެތްގޮތުގައި މިއީ އުޑުހިޔާ ދަށުން ފެންނާނެ އެހީތެރިވެދިނުމުގެ އެންމެ ލާމަސީލު ނަމޫނާއެވެ.

ޤަބޫލުކުރެއްވޭނެ ރޯދަ

ރޯދައަކީ ހަމައެކަނި ހާރުކެއުމަށާއި، ރޯދަވީއްލުމަށް މުއްސަދި ސުފުރާތަކެއް ފަތުރައިލުމެއްނޫނެވެ. ރޯދަމުހުގެ ކުރީ ފަނަރައިގައި މިސްކަތްތަށް އަރައި " ނިތްތަޅައިލުމެއް" ވެސް ނޫނެވެ. ޢީދަށް އާހެދުމެއް ގަނެލުމެއް ނުވަތަ ފައްސައިލުމެއްވެސް ނޫނެވެ. ރޯދައިގެ މަޤްޞަދަކީ ހިތްތަކުގައި އިންސާނީ ހަމްދަރުދީގެ ޝުޢޫރުއުފެދުމެވެ. އަނެކުންގެ މޮޅިވެރިކަން ފިލުވައިދިނުމެވެ. ހިތާމާގައި ބައިވެރިވުމެވެ. ބަނޑުހައިކަމާއި ފެންބޮވައިގަތުމުގައި ތިބި އަޚުންނާއި އުޚުތުންގެމަތީން ހަނދާންވުމެވެ. ފަޤީރުންނާއި، މިސްކީނުންނާއި، އެހީތެރިކަމަށް ބޭނުންވެފައިވާ ފަރާތްތަކާމެދު އަޅުގަނޑުމެންގެ ހިތްތަކުގައި ލޯތްބާއި ހަމްދަރުދީގެ އޮއިވަރެއް ނުއުފެދޭނަމަ ރޯދައިގެ މާނައެއްނެތެވެ. އެކިކަންކަމާ ހާސްވެފިކުރުބޮޑުވެފައިތިބި އަޚުން އުޚުތުންނާއި، މުޖުތަމަޢުގައި ފަހަތަށް ފާއްދައިލެވި އަޑުތައް އޮއްބައިލެވިފައި ތިބި މީހުންނާމެދު އަޅުގަނޑުމެންގެ ލޯތަކަށް ކަރުނަ ޖަމާނުވާނަމަ އަޅުގަނޑުމެން ހިފާ ރޯދަ ރޯދައަކަށް ނުވުމަކީ އެކަށީގެންވާކަމެކެވެ. އަރަހުށި މާތްﷲ އަޅުތަކުންގެ ޢަމަލުތައް ކިރުއްވާ ތަރާދުގައި އަޅުގަނޑުމެން ހިފާ ރޯދައިގެ އެއްވެސް ބުރަދަނެއް ނެތުމަކީ ދުރުކަމެއްނޫނެވެ.

comment ކޮމެންޓް