ޓެކުހަށް މަކަރު ހެދި މައްސަލައިގައި މެސީއަށް އަދިވެސް ސަލާމަތެއް ނެތް!

މެސީއާއި އޭނާގެ ބައްޕަގެ މައްޗަށް 2016 ވަނަ އަހަރު ތެރޭގައި ވަނީ، ޓެކުހަށް މަކަރު ހެދިކަމަށް ބުނާ މައްސަލައެއްގައި ޖަލުހުކުމެއް އިއްވާފައި -- ފޮޓޯ: ރޮއިޓާސް

ޓެކުހަށް މަކަރު ހެދި މައްސަލައިގައި ބާސެލޯނާގެ އާޖެންޓީނާ ތަރި ލިއޮނަލް މެސީގެ މައްޗަށް ސްޕެއިންގެ ކޯޓަކުން ކޮށްފައިވާ 21 މަސްދުވަހުގެ ޖަލުހުކުމަށް އެގައުމުގެ ސުޕްރީމް ކޯޓުންވެސް ތާއީދުކޮށްފިއެވެ.

އެހެން ނަމަވެސް އަދިވެސް މި މައްސަލައިގައި މެސީއާއި އޭނާގެ ބައްޕަ، ޖަލަށް ދާން ޖެހޭނޭކަމަކަށް ނުބެލެވެއެވެ.

މެސީއާއި އޭނާގެ ބައްޕަ ޖޯޖް މެންޑޭޒްގެ މައްޗަށް ސާބިތުވެފައި ވަނީ، އުރުގުއޭ، ބެޒައިލް، އަދި ޔުނައިޓެޑް ކިންގްޑަމާއި ސްވިޓްޒަލޭންޑްގެ ޝެލް ކުންފުނިތައް ބޭނުންކޮށްގެން ޓެކުހަށް މަކަރުހަދާފައިވާ ކަމަށް ބުނާ މައްސަލައެވެ. ނަމަވެސް، މެސީއާއި އޭނާގެ ބައްޕަގެ ގާނޫނީ ވަކީލުންގެ ޓީމުން ވަނީ، އެ ދެބަފައިން އެއްވެސް ކުށެއް ނުކުރާ ކަމަށް ކަނޑައެޅުމަށް އެމައްސަލަ ސްޕެއިންގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފައެވެ. އެ މައްސަލަ ބެލުމަށްފަހު ސުޕްރީމް ކޯޓުން މިއަދު ވަނީ، ކުރިންވެސް އެމައްސަލަ ނިންމާފައި ވަނީ ރަނގަޅަށް ކަމަށް ކަނޑައަޅައިފައެވެ.

ދަށުކޯޓުން ކުރި ހުކުމަށް ސުޕްރީމް ކޯޓުން ތާއީދުކުރި ނަމަވެސް، މެސީއާއި އޭނާގެ ބައްޕަ ޖަލަށް ދާންޖެހޭނޭ ކަމަކަށް ނުބެލެވެއެވެ. ސަބަބަކީ، ސްޕެއިންގައި އުސޫލުތައް ކަނޑައެޅިފައިވާ ގޮތުން މިފަދަ މައްސަލަތަކުގައި ޖަލުގައި ހުންނަން ނުޖެހި ސަލާމަތްވެވެން އޮވެ އެވެ.

މެސީއާއި އޭނާގެ ބައްޕަގެ މައްޗަށް ކުރިން އިތުރު ކުށެއް ސާބިތުވެފައި ނުވާތީ، ދެ އަހަރަށްވުރެ ދިގު ނޫން ޖަލު ހުކުމެއް އައުމުން ޖޫރިމަނާ ފައިސާ ދައްކައިގެން ޖަލު ހުކުމް ބާތިލްކުރެވޭނެ އެވެ.

ޓެކްސް ދެއްކުމުގައި 2007އިން 2009 ވަނަ އަހަރާ ދެމެދު 4.1 މިލިއަން ޔޫރޯ އަށް މަކަރު ހެދިކަން މެސީގެ މައްޗަށް ވަނީ ސާބިތުވެފައެވެ.

ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު ފަސް ފަހަރު ހޯދާފައިވާ މެސީ ވަނީ، 2016 ވަނަ އަހަރުގެ ތެރޭގައި އޭނާގެ ޝަރީއަތް ކުރިއަށް ގެންދިޔަ ދުވަސްވަރު، "އަހަރެން ހަމައެކަނި ވިސްނާކަމަކީ ފުޓްބޯޅަ ކުޅުން، އެނޫން ކަމަކާ ނުވެސް ވިސްނަން" ކަމަށްބުނެ، އޭނާގެ މައްޗަށް ކޮށްފައިވާ ކޮރަޕްޝަނާ ފަސާދައިގެ ހުރިހާ ތުހުމަތުތަކަށް އިންކާރުކޮށްފައެވެ.

އެހެން ނަމަވެސް ޓެކުހަށް މަކަރު ހެދި މައްސަލައިގައި، މެސީގެ މައްޗަށް ކޮށްފައިވާ ހުކުމާ ގުޅޭގޮތުން ސްޕެއިންގެ ސުޕްރީމް ކޯޓުން ބުދަ ދުވަހު ބުނެފައި ވަނީ، އެފަދަ ގިނަ އަދަދެއްގެ ފައިސާ ލިބޭ ފަރާތަކަށް، ޓެކްސް ދައްކަން ޖެހޭކަން ނޭނގުމަކީ ގަބޫލުކުރެވޭނޭ ކަމެއް ނޫންކަމަށެވެ.

މެސީއާއި އޭނާގެ ބައްޕަގެ މައްޗަށް ވަނީ، ޓެކުހައް މަކަރު ހެދުމަށްޓަކައި، މެސީގެ އިމޭޖް ރައިޓްސް ބޭނުންކޮށްގެން، ވުޖޫދުވެފައި ނުވާ، ޚިޔާލީ ކުންފުނިތަކެއް ހަދައިގެން މުއާމަލާތްތަކެއް ކޮށްފައިވާކަން ސާބިތުވެއެވެ.

މެސީގެ ބައްޕަގެ މައްޗަށް ކޮށްފައިވާ 21 މަސްދުވަހުގެ ޖަލުހުކުމް ވަނީ، އޭނާ ޖޫރިމަނާ ފައިސާގެ ބައެއް ދެއްކުމާ ގުޅިގެން 15 މަސްދުވަހަށް ކުޑަކޮށްފައެވެ.

comment ކޮމެންޓް