ވޮއިސް އޮފް އެމްއެންޑީއެފްގެ މަގާމު ރާޒިގަށް

ވޮއިސް އޮފް އެމްއެންޑީއެފަކަށް ހޮވުނު ރާޒިގު އަށް ލަވަކިޔުންތެރިޔާ ހަމްދީ ޓްރޮފީ ހަވާލު ކޮށްދެއްވަނީ --- ފޮޓޯ/ އެމްއެންޑީއެފް

އެމްއެންޑީއެފްގައި ލަވަކިޔުމުގެ ދާއިރާއަށް ނުކުންނަން ބޭނުންވެފައިތިބި ސިފައިންނަށް ފުރުސަތު ދިނުމުގެ ގޮތުން ބޭއްވި ފުރަތަމަ މުބާރާތުގެ އެއްވަނަ، މަޝްހޫރު ފަރުމާ ބޮޑުބެރު ގްރޫޕުން ވިދާލި އަދި މިހާރު ސިފައިންގެ ޕްރައިވެޓް އަބްދުއްރާޒިގު ހޯދައިފިއެވެ.

ކަޅުތުއްކަލާކޮށީގައި ރޭ ބޭއްވި "ވޮއިސް އޮފް އެމްއެންޑީއެފް"ގެ ގްރޭންޑް ފިނާލޭގައި ރާޒިގު އެއްވަނަ ހޯދާފައިވަނީ މުބާރާތުގެ ގަދަ ފަސް ބައިވެރިންނާ ވާދަކޮށެވެ. އަދި ރޭގެ ރަސްމިއްޔާތުގައި އެ ގަދަ ފަސް ބައިވެރިން ވަނީ ލަވަ ހުށަހަޅައިދީފައެވެ.

ރާޒިގަށް މުބާރާތުގެ ޓްރޮފީ ހަވާލު ކޮށްދެއްވީ ރާއްޖޭގެ ލަވަކިއުމުގެ ދާއިރާގައި މަޝްހޫރު ލެޖެންޑް އަދި ރޭގެ ރަސްމިއްޔާތު ޝަރަފްވެރި މެހެމާނެއްގެ ގޮތުގައި ބައިވެރިވި އިބްރާހިމް ހަމްދީއެވެ.

ވޮއިސް އޮފް އެމްއެންޑީއެފްގެ ގްރޭންޑް ފިނާލޭގެ ތެރެއިން --- ފޮޓޯ/ އެމްއެންޑީއެފް

ރާޒިގު ނުވަތަ މަޝްހޫރު ނަމުން ނަމަ ރާއްޓޭ އަކީ ރާއްޖޭގައި ބޭއްވި ބޮޑުބެރުގެ އެންމެ ބޮޑު މުބާރާތް، ބޮޑުބެރު ޗެލެންޖުން ވިދާލައި 2014 ވަނަ އަހަރު އެ މުބާރާތް ކާމިޔާބުކުރި ފަރުމާ ބޮޑުބެރު ގްރޫޕްގެ މެއިން ވޯކަލިސްޓެވެ.

ރާޒިގުގެ ފަހަތުން މުބާރާތުގެ ދެވަނަ ނުވަތަ ފަސްޓް ރަނަރަޕްގެ މަގާމް ހޯދީ ޕްރެޒިޑެންޝަލް ގާޑްސް ލާންސް ކޯޕްރަލް ހުޒާމް ހަމީދެވެ. އަދި ސެކަންޑް ރަނަރަޕްގެ މަގާމު ކާމިޔާބުކުރީ ބޭންޑް އެންޑް މިއުޒިކް ވިންގުގެ ކޯޕްރަލް އަހުމަދު ޔާސިރެވެ.

ރޭގެ ގްރޭންޑް ފިނާލޭގައި މުބާރާތުގެ ޔުނިޓް ރައުންޑުގެ ވަނަތައް ވެސް ވަނީ އިއުލާން ކޮށްފައެވެ. އެގޮތުން ޔުނިޓް ރައުންޑުގެ އެއް ވަނަ ބީއެމްޑަބްލިޔު ހޯދިއިރު، ދެވަނަ މަގާމު ހޯދީ ޕީޖީ އެވެ. އަދި ތިންވަނަ މަގާމު ކާމިޔާބު ކުރީ ކޯސްޓްގާޑެވެ.

ވޮއިސް އޮފް އެމްއެންޑީއެފްގެ ގްރޭންޑް ފިނާލޭގެ ތެރެއިން --- ފޮޓޯ/ އެމްއެންޑީއެފް

ޔުނިޓް ރައުންޑުގެ ވަނަތައް އިއުލާން ކޮށްދެއްވާ ވަނަތައް ކާމިޔާބު ކުރި ޔުނިޓްތަކަށް ޓްރޮފީ ހަވާލު ކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރު ޖެނެރަލް އަހުމަދު ޝިޔާމެވެ.

މިދިޔަ އޭޕްރިލް މަހުގެ 12 ވަނަ ދުވަހު ފަށައި ފޯރިއާއެކު ކުރިއަށްދިޔަ ސިފައިންގޭގެ ފުރަތަމަ ވޮއިސް އޮފް އެމްއެންޑީއެފް ލަވަ މުބާރާތުގައި ޖުމްލަ 43 މީހުން ބައިވެރިވިއިރު، މުބާރާތް ކުރިއަށް ގެންގޮސްފައިވަނީ ތިން ބުރަކަށް ބަހާލައިގެންނެވެ.

މުބާރާތުގެ ފަނޑިޔާރުކަން ކޮށްދީފައިވަނީ ރާއްޖޭގެ މަޝްހޫރު ލަވަކިޔުންތެރިންގެ ތެރޭގައި ހިމެނޭ އަހުމަދު އާތިފް އާއި އަލީ މަނިކު އަދި ހުސެއިން އަލީ އެވެ. އޭގެ އިތުރުން ހާއްސަ ޖަޖުންގެ ގޮތުގައި އަހުމަދު އަބްދުލްގަނީ (ތޭރަވާ) އާއި ސިފައިންގެ ކޮޕްސް ބޭންޑުގެ ކުރީގެ ޑްރަމަރު އަދި ލަވަކިޔުންތެރިޔާ މުހައްމަދު ސުހައިލް ހިމެނެއެވެ.

ވޮއިސް އޮފް އެމްއެންޑީއެފްގެ ޖަޖުންގެ ޕެނަލް --- ފޮޓޯ/ އެމްއެންޑީއެފް

މީގެ އިތުރުން ރޭގެ ގްރޭންޑް ފިނާލޭގައި އެމްއެންޑީއެފުން އަލަށް ތައްޔާރުކުރި ކުޑަކުދިންނަށް ހާއްސަ ލަވަ އަލްބަމެއް ވެސް ވަނީ ނެރެފައެވެ.

"ސިފަ ކޮއެ" ގެ ނަމުގައި ތައްޔާރުކޮށް، ކުޑަކުދިންނަށް ހާއްސަ ކޮށްގެން ނެރުމަށް ހަމަޖެހިފައިވާ ސިލްސިލާގެ ފުރަތަމަ އަލްބަމް ނެރެދެއްވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖާރ ޖެނެރަލް އަހުމަދު ޝިޔާމެވެ.

އިސްލާމީ ރިވެތި އަދަބުތަކުގެ މައްޗަށާއި ދިވެހި ބަހަށް ކުޑަކުދިންގެ ހިތްތަކުގައި ޝައުގުވެރިކުރުވާފަދަ ބައިތަކެއް ހިމެނިގެން ތައްޔާރުކޮށްފައިވާ އެ އަލްބަމްގައި ޖުމްލަ ފަސް ލަވައެއް ހިމެނެއެވެ. އެ ލަވަތައް މިހާރު އެމްއެންޑީއެފް ޔޫޓިއުބު ޗެނަލުން ފެނިގެންދާނެ އެވެ.

އެމްއެންޑީއެފުން އަލަށް ތައްޔާރުކުރި ކުޑަކުދިންނަށް ހާއްސަ ލަވަ އަލްބަމް، "ސިފަ ކޮއި"ގެ ޕޯސްޓަރެއް --- ފޮޓޯ/ އެމްއެންޑީއެފް

comment ކޮމެންޓް