ރޯދަ މަހަށް މާލޭގެ ޓްރެފިކް ފުލޯއަށް ބޮޑު ބަދަލުތަކެއް

ޓްރެފިކް ފުލުހުންތަކެއް މަގެއްގައި މަޑުކޮށްލައިގެން: މިއަހަރުގެ ރޯދަ މަހަށް މާލޭގެ ޓްރެފިކް ޕްލޭންއަށް ބޮޑެތި ބަދަލުތަކެއް ވަނީ ގެނެސްފައި -- ސަން ފައިލް ފޮޓޯ

ރޯދަ މަހުގެ ތެރޭގައި މާލޭގެ މަގުތައް ބެލެހެއްޓުމުގެ ގޮތުން ޓްރެފިކް ފުލޯއަށް ބައެއް ބޮޑެތި ބަދަލުތައް ގެނެސް، އާންމުކޮށް ޓްރެފިކް ބާރުބޮޑުވާ ސަރަހައްދުތައް ހާއްސަ ސަމާލުކަމެއް ދިނުމަށް ފުލުހުން ހާއްސަ އޮޕަރޭޝަނެއް ފަށަން ނިންމައިފިއެވެ.

އެގޮތުން މާދަމާ އިން ފެށިގެން ކުރިއަށް ގެންދަން ހަމަޖެހިފައިވާ އެ އޮޕަރޭޝަންގެ ދަށުން އުޅަނދުތަކަށް ނުވަދެވޭނެހެން ބައެއް މަގުތައް ބަންދުކުރުމާއި އާންމުކޮށް ޓްރެފިކް ކާރުބާރުބޮޑުވާ ހިސާބުތައް ތަރުތީބުކޮށް ބެލެހެއްޓުމަށް ފިޔަވަޅުތަކެއް އަޅާނެއެވެ.

ރަސްފަންނު ސަރަހައްދު މަގު ބޭނުންކުރެވޭ ގޮތަށް ބަދަލު ގެނައުން

ރޯދަ މަސް ފެށިގެން ނިމެންދެން ކޮންމެ ދުވަހެއްގެ ހަވީރު 4:00 އިން 6:30 އަށް ރަސްފަންނު ސަރަހައްދު ދުއްވާ އެއްޗިއްސަށް ނުވަދެވޭ ގޮތަށް ބަންދުކޮށް، ހިނގާފައި އުޅޭ ސަރަހައްދަކަށް ހަދަން ވަނީ ނިންމާފައެވެ.

އެ ބަދަލާއެކު ރަސްފަންނު ސަރަހައްދުގެ ބައެއް މަގުތަކުން ދަތުރުކުރެވޭ ގޮތްތަކަށް ވެސް ވަނީ ބަދަލުތަކެއް ގެނެސްފައެެ. އެގޮތުން ކަނބާއައިޝާރަނިހިނގުން ތާޖުއްދީން ހިނގުމާއި ގުޅުނު ހިސާބުން ފެށިގެން މަޖީދީމަގާއި ހަމައަށް ދެކޮޅަށް ދުއްވާ ގޮތަށް ބަދަލުކުރުމަށް ވަނީ ހަމަޖެހިފައެވެ.

އަދި ކަނބާ އައިސާރަނި ހިނގުމުގެ ހުޅަނގު ފަރާތުގައި ޕާކް ނުކުރެވޭ ގޮތަށް ވެސް ވަނީ ހަމަޖައްސާފައެވެ.

ލޯކަލް މާރުކޭޓް ސަރަހައްދުގައި އުޅަނދު ޕާރކްކުރުން

ފުލުހުން ބުނީ، ކޮންމެ އަހަރެއްގެ ވެސް ރޯދަ މަހުގެ ތެރޭގައި ލޯކަލް މާރުކޭޓް ސަރަހައްދަކީ ޓްރެފިކް ކާރުބާރު ބޮޑު ސަރަހައްދެއްގެ ގޮތުގައި ފާހަގަކުރެވޭތީ އެ ސަރަހައްދުގެ ޕާކިން ތަރުތީބުކުރުމަށް ހާއްސަ ގޮތްތަކެއް ވަނީ ހަމަޖައްސާފައިވާ ކަމަށެވެ.

އެގޮތުން އެ ސަރަހައްދުގައި އުޅަނދުތައް ޕާކް ކުރުމަށް ކަނޑައެޅިފައިވާ ގޮތް:

  • ބޮޑުތަކުރުފާނުމަގު ލޯކަލް މާރުކޭޓް ވަށައިގެން ހަދާފައިވާ ޕާކިން ޒޯން (ލޯކަލް މާރުކޭޓް ޕޭވްމަންޓްމަތި – ބޮޑުތަކުރުފާނުމަގު އަދި ހަވީރީހިނގުން ފަޅި / ކެދިގަސް ހިނގުން ލޯކަލް މާރުކޭޓް ފަޅި / އާބުރުޒު ހިނހުން ލޯކަލް މާރުކޭޓް ފަޅި) އާއި
  • ބޮޑުތަކުރުފާނުމަގު މޫސާ އިބްރާހީމްދީދީ ގޯޅި އާއި ގުޅުނު ހިސާބުން ފެށިގެން ބޮޑުތަކުރުފާނުމަގު ކުރީގެ އެމްޓީޓީސީ ބިލްޑިންގ އާއި ހަމައަށް މަގުގެ އުތުރު ފަރާތުގައި
  • ބޮޑުތަކުރުފާނުމަގު ވަޅޯމަސް މާރުކޭޓް ކައިރިން ޕޭވްމަންޓް އެތެރެއިން ހަދާފައިވާ ޕާކިން ޒޯން އާއި ބޮޑުތަކުރުފާނުމަގު ފާރުކެޑިހިނގުން ގުޅުނު ހިސާބުން ފެށިގެން އާބުރުޒުހިނގުމާއި ގުޅުނު ހިސާބަށް މަގުގެ ދެކުނު ފަރާތުގައި (އަތޮޅު ފިހާރާ ފަރާތް) އަދި އާބުރުޒުހިނގުން ހައިކޯޓް ކުރިމަތީގައި ހަދާފައިވާ ޒޯންގައި

މިސްކިތްތައް ހިމެނޭ ސަރަހައްދުތަކުގެ ޓްރެފިކް ފްލޯ

އެހެން އަހަރު ތަކެކޭ އެއްގޮތަށް މިއަހަރުވެސް ނަމާދު ވަގުތުތަކާއި ދިމާކޮށް މިސްކިތްތައް ހިމެނޭ ސަރަހައްދުތަކުގެ ޓްރެފިކް ބެލެހެއްޓުމަށް ހާއްސަ ގޮތްތަކެއް ފުލުހުން ވަނީ ހަމަޖައްސާފައެވެ.

އެގޮތުން ބަންޑާރަ މިސްކިތާއި ފުރުގާން މިސްކިތް، ނޫރު މިސްކިތް، އިބްރާހިމީ މިސްކިތް، ބަރުބަރީ މިސްކިތް އަދި ވިޔަފާރިވެރިންގެ މިސްކިތް ހިމެނޭ ސަރަހައްދުތަގެ މަގުތައް ވަކި ގަޑިތަކެއްގައި ހަތަރު ފުރޮޅުލީ އުޅަނދަށް ނުވަދެވޭނެހެން ބަންދުކުރުމާއި އެސަރަހައްދުތަކުގެ ޕާކިން ތަރުތީބު ކުރުމުގައި ފުލުހުން އެހީތެރިކަން ފޯރުކޮށްދޭނެ އެވެ.

ބައެއް މަގުތައް ވަންވޭ ކުރުން

މާލެތެރޭގެ ޓްރެފިކް ފްލޯ ފަސޭހަ ކުރުމުގެ ގޮތުން ބައެއް މަގުތައް ވަންވޭ ކުރުމަށް ވެސް މިއަހަރުގެ ރޯދަ މަހު ފުލުހުން ވަނީ ނިންމާފައެވެ.

އެގޮތުން އަމީނީމަގު ކަނބާއައިޝާރަނިހިނގުމާއި ގުޅުނު ހިސާބުން ފެށިގެން ބޮޑުތަކުރުފާނުމަގު ތާޖުއްދީން ހިނގުމާއި ގުޅުނު ހިސާބަށް އަމީނީ މަގުން ހުޅަނގަށް އަދި ބޮޑުތަކުރުފާނުމަގުން އުތުރަށް ދުއްވާ ގޮތަށް ވަނީ ބަދަލުކޮށްފައެވެ.

އަދި ހިތިގަސްމަގު ބޮޑުފުންގަނޑުމަގާއި ގުޅުނު ހިސާބުން ފެށިގެން ބޮޑުތަކުރުފާނުމަގު ދުނބުގަސްމަގާއި ހިސާބަށް ބޮޑުތަކުރުފާނުމަގުން އުތުރަށް އަދި ހިތިގަސްމަގުން ހުޅަނގަށް ދުއްވާގޮތަށް ބަދަލުކޮށްފައިވާއިރު، ބޮޑުތަކުރުފާނުމަގު ބުރެވިމަގާއި ގުޅުނު ހިސާބުން ފެށިގެން ހިތިގަސްމަގާއި ހަމައަށް ބޮޑުތަކުރުފާނުމަގު ހުޅަނގު ފަރާތުގައި (ކުރީގެ ޓަލްކަލޫސާ ފަޅި) ޕާކިން ނުކުރެވޭ ގޮތަށް ވަނީ ނިންމާފައެވެ.

ފުލުހުން ބުނީ، މި ބަދަލުތަކުގެ އިތުރުން ވެސް ޓްރެފިކް ބާރުބޮޑުވާ ސަރަހައްދުތަކުގައި ކޮންމެހެން ބޭނުންވެއްޖެ ހިނދެއްގައި ޓްރެފިކް ކޯން ބެހެއްޓުމާއި ބެރިކޭޑް ޖަހައިގެން މަގުތައް ހާއްސަ ގޮތެއްގައި ބަލަހައްޓަމުން ގެންދާނެ އެވެ.

comment ކޮމެންޓް