އެންމެން ސުވާލެއްގެ ތެރޭގައި، ''ދެން އޮތީ ކޮން ކަމެއް؟''

ލިލީ މަގުގައި މިއަދު އޮރެންޖު ކުޑަތަކެއް ނަގާފައި --- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިދިޔަ ހަފްތާއިން ފެށިގެން މުޅި ސޯޝަލް މީޑިއާ ކުއްލިއަކަށް އޮރެންޖު ކުލައަށް ބަދަލުވާން ފަށައިފިއެވެ. "ރެޑީ ޓު ފައިންޑް އައުޓް ވަޓްސް ނެކްސްޓް"އޭ، ނުވަތަ "ދެން އޮތީ ކޮން ކަމެއްކަން ބެލުމަށް ތައްޔާރުހޭ" ކިޔައި، "ވަޓްސް ނެކްސްޓް އެމްވީ" ހޭޝްޓެގާ އެކު ފޮޓޯތަކެއް ޝެއާވަމުން ދެއެވެ.

މިއީ އަނެއްކާ ކޮން ކަމެއް ހެއްޔެވެ؟ ވާން މިއުޅެނީ ކިހިނެއް ބާވައެވެ؟

ދިރާގުގެ "ވަޓްސް ނެކްސްޓް" ކެމްޕޭނުގެ ބިލްބޯޑެއް ބ. އޭދަފުށީގައި -- ފޮޓޯ/ ދިރާގު

އޮރެންޖު ހަރަކާތްތައް ދަނީ ކުރިއަށެވެ. މާލޭގެ އެކި ސަރަހައްދުތަކުގައި އޮރެންޖު ކުލައިގެ ކޮސްޓިއުމް އަޅައި، ބަޔަކު މަޖާ ނަގައި އުޅުނު މަންޒަރު ފެނުނެވެ. އޮރެންޖު ކުލައިގެ ލޮލީ ބަހައި، އާންމުންނާ އެކު ސެލްފީ ނަގަމުން ދިޔަ މަންޒަރު ފެނުނެވެ. މިވަނީ ކިހިނެއް ހެއްޔެވެ؟

ވިއްސާރަވެސް ވަމުންދާ މި ދުވަސްވަރު، މިކަމަކާ މެދު ވިސްނަމުން ދަނިކޮށް މިއަދު ފެނުނީ ވަރަށް ހައިރާން ކުރުވަނިވި މަންޒަރެކެވެ. ލިލީ މަގުގެ ހުޅަނގު ކޮޅުން އޮރެންޖުކުލައިގެ ކުޑަތަކެއް އެލުވާފައި ހުއްޓެވެ. ވަރަށްވެސް ޗާލު މަންޒަރެކެވެ. ނަމަވެސް މަގުސަދަކީ ކޮބައިހެއްޔެވެ؟ ކޮން ބައެއް ކުރި ކަމެއް ހެއްޔެވެ؟ މިވަނީ ކިހިނެއް ހެއްޔެވެ؟

މިއީ ދިރާގުގެ ވަރުގަދަ ކެމްޕޭނެއްގެ ދަށުން ހިނގަމުންދާ ހަރަކާތްތަކެއްކަން ވަނީ އެނގިފައެވެ. މިކަން އެނގެނީ، "ވަޓްސް ނެކްސްޓް އެމްވީ" ހޭޝްޓެގާ އެކު މާސިންގާ ކެމްޕޭނެއް ފަށައިގެން އުޅެނީ ދިރާގުން ކަމުންނެވެ.

ދިރާގުގެ ވެބްސައިޓުގައި ބުނެފައިވާ ގޮތުން، ފޭސްބުކް، އިންސްޓަގްރާމް އަދި ޓުވިޓާގައި "ވަޓްސް ނެކްސްޓް އެމްވީ" ހޭޝްޓެގް ޖަހައިގެން ފޮޓޯއެއް ޕޯސްޓުކޮށްގެން އައިފޯން 7އެއް، އައިޕެޑް ޕްރޯއެއް ނުވަތަ ސެމްސަންގް ގެލެކްސީ އެސް8އެއް ހޯދުމުގެ ފުރުސަތު ލިބޭނެއެވެ.

ދިރާގުގެ "ވަޓްސް ނެކްސްޓް" ކެމްޕޭނުގެ ދަށުން ކޮސްތިއުމް އެޅި ބަޔަކު، ކުޑަކުދިންތަކަކާ އެކު -- ފޮޓޯ/ ދިރާގު

މައްސަލައެއް ނެތެވެ. ދިރާގުގެ ހަރަކާތެކެވެ. ނަމަވެސް ވާން މިއުޅެނީ ކިހިނެއްކަމެއް އަދިވެސް ނޭނގެއެވެ. މިކަމާ ގުޅޭގޮތުން ދިރާގުގެ ރަސްމީ ބަހެއްވެސް ލިބޭ ގޮތެއް ނުވިއެވެ.

ސޯޝަލް މީޑިއާގައި ދެކެވޭ ވާހަކަތަކަށް ބަލާއިރު، "ވަޓްސް ނެކްސްޓް"އަކީ ދިރާގުގެ ކުލަ، ރަތް ކުލައިން އޮރެންޖު ކުލައަށް ބަދަލުކުރުމަށް ހިންގާ ކެމްޕޭނެކެވެ. މިފަދައިން ނުވިސްނެންވީ ސަބަބެއްވެސް ނެތެވެ. ހޭޝްޓެގާ އެކު މުޅިން އޮތީ އޮރެންޖު ކުލައިގެ ފޮޓޯތަކެވެ.

ލިލީ މަގުގައި މިއަދު އޮރެންޖު ކުޑަތަކެއް ނަގާފައި --- ސަން ފޮޓޯ/ ފަޔާޒު މޫސާ

އިތުރު މީހުން ބުނާ ގޮތުން މިއީ ދިރާގުގެ އާ ޕްރޮޑަކްޓެއް ނުވަތަ ޕްރޮމޯޝަނެއް ލޯންޗު ކުރުމެވެ. ނޫނީ މިއީ އިނގިރޭސިވިލާތުގެ އޮރެންޖް މޯބައިލް ފަދަ ކުންފުންޏަކާއެކު ދިރާގުން ވަރުގަދަ މަޝްރޫއެއްގެ ފެށުންބާވައެވ؟ ކޮންމެއަކަސް މިއީ ވަރަށް ބޮޑު ކަމެއްގެ ފެށުމެއް ކަމަށް ބެލެވެއެވެ.

ދިރާގަކީ އާދައިގެ ބައެއް ނޫނެވެ. މީގެ ކުރިންވެސް ވަރަށް އާދަޔާ ޚިލާފު މާކެޓިންގް ކެމްޕޭންތަކެއް ދިރާގުން ވަނީ ހިންގާފައެވެ. އެންމެ ފާހަގަކޮށްލެވޭ އެއް ކެމްޕޭނަކީ، ޕްލާސްޓިކް ކޮތަޅާ ދެކޮޅަށް ދިރާގުން ފެށި ހަރަކާތެވެ. ހަފްތާ ބަންދަށް ފަހު އާދީއްތަ ދުވަހަކު ދިރާގުގެ އޮފީސް ހުޅުވި އިރު މުޅި ލޮބީއަށް ކުންޏާއި ޕްލާސްޓިކް ކޮތަޅު އަޅާފައި ހުރި އިރު، މިކަމާ މެދު ގިނަ ބަޔަކު ދިޔައީ ވާހަކަ ދައްކަމުންނެވެ.

comment ކޮމެންޓް