ކޮޅުވެއްޓި ސަލާމަތްކުރަން ޓަގު ބޯޓެއް ފޮނުވައިފި

ކޮޅުވެއްޓި ކޮޅިގަނޑެއްގައި ޖެހިފައި -- ފައިލް ފޮޓޯ

ލ. ގަމަށް ދަތުރު ކުރަމުން ދަނިކޮށް އޮޔާދާން ފަށާފައިވާ ކޮޅު ވެއްޓި ސަލާމަތް ކުރުމަށް ސްރީލަންކާގެ ޓަގް ބޯޓެއްގެ އެހީގައި މަސައްކަތް ފަށައިފި އެވެ.

ކ. އަތޮޅު ތުލުސްދޫން ފުރައިގެން އޮޔާ ބެހެމުން ދަނިކޮށް ކޮޅުވެއްޓި ހޯދައި އޭގައި ތިބި ހަ މީހުން ވަނީ ސަލާމަތް ކޮށްފަ އެވެ.

އެމްއެންޑީއެފްގެ އޮފިޝަލަކު މިއަދު ވިދާޅުވީ ސްރީލަންކާގެ ޓަގްބޯޓެއް ހަޔަކޮށްގެން އެ ކޮޅުވެއްޓި ސަލާމަތްކުރުމަށް އޭގެ ވެރިފަރާތުން މަސައްކަތް ކުރަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. ކޮޅުވެއްޓި މިހާރު އޮތީ ރާއްޖޭގެ ކަނޑުން ބޭރުގަ އެވެ.

ކޮޅުވެއްޓި ގެއްލެން މެދުވެރިވީ އެ އުޅަނދުގެ ކޮޅުގައި ހުރަހަށް ޖަހާފައިވާ ދަގަނޑު ފިލާގަނޑު، އޭގެ ޗޭނު ކެނޑިގެން ކަނޑަށް އެލިފައި އޮތުމުގެ ސަބަބުން ބޭނުންވާ މިސްރާބަށް ދަތުރު ކުރުމުގައި ހުރަސްތަކެއް ކުރިމަތިވެގެންނެވެ.

މިމަހުގެ 18 ވަނަ ދުވަހުން ފެށިގެން ގެއްލިގެން ހޯދަމުންދިޔަ "މާރިއާ 3" ނަމަކަށް ކިޔާ ކޮޅުވެއްޓި ފެނިފައި ވަނީ މީގެ ހަތަރު ދުވަސް ކުރިންނެވެ.

comment ކޮމެންޓް