ގައުމީ ފުޓުބޯޅަ ޓީމުތަކުގެ ރަސްމީ ސްޕޮންސަރަކަށް ބީއެމްއެލް

ގައުމީ ފުޓްބޯޅަ ޓީމުތަކުގެ ސްޕޮންސަރަކަށް ބީއެމްއެލް ހަމަޖައްސައި، އެފްއޭއެމްއާއި ބީއެމްއެލްއާ ދެމެދު އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރޭން -- ފޮޓޯ: ބީއެމްއެލް

ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުތަކުގެ ރަސްމީ ރަސްމީ ސްޕޮންސަރަކަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހަމަޖައްސައި އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މިއަދު ހެނދުނު ޗަމްޕާ ސެންޓްރަލް ހޮޓެލްގައި ބީއެމްއެލް އާއި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އާ ދެމެދު ވަނީ ސްޕޮންސަރޝިޕް އެއްބަސްވުމުގައި ސޮއިކޮށްފައެވެ. އެއްބަސްވުމުގައި ބީއެމްއެލްގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އެންޑްރޫ ހީލީ އެވެ. އެފްއޭއެމްގެ ފަރާތުން ސޮއިކުރެއްވީ އެ އިދާރާގެ ރައީސް ބައްސާމް އަދީލް ޖަލީލްއެވެ.

މިރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި ފިޝަރީޒް މިނިސްޓަރ ޑރ. މުހައްމަދު ޝައިނީ ބައިވެރިވެވަޑައިގެންނެވިއެވެ.
ގައުމީ ފުޓްބޯޅަ ޓީމުތަކުގެ ސްޕޮންސަރަކަށް ބީއެމްއެލް ހަމަޖައްސައި، އެފްއޭއެމްއާއި ބީއެމްއެލްއާ ދެމެދު އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރޭން -- ފޮޓޯ: ބީއެމްއެލް

އެފްއޭއެމްއާއި ބީއެމްއެލްއާ ދެމެދު ވެވުނު އެއްބަސްވުމުގެ ދަށުން ކުރިޔަށް އޮތް ދެއަހަރު ފިރިހެން ސީނިއަރ ގައުމީ ޓީމާއި، އަންހެން ސީނިއަރ ޓީމުގެ އިތުރުން ޒުވާން ޓީމުތަކުގެ ރަސްމީ ސްޕޮންސަރުގެ ގޮތުގައި ވެސް ވަނީ ބީއެމްއެލް ހަމަޖައްސައިފައެވެ.

މިއަދު ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން، ގައުމީ ޓީމުތަކުން ކުޅޭ މެޗްތަކުގައާއި ތަމްރީންތަކުގައި އަދި ޓްރެވަލް ކިޓްގައި ބީއެމްއެލްގެ ބްރޭންޑިންގ ހިމެނިގެންދާނެއެވެ. އަދި ގައުމީ ޓީމުތައް ކުޅޭ ބައިނަލްއަގްވާމީ މެޗުތަކުގައި ސަޕޯޓުކުރުމަށް ބޭނުންކުރާ ދިދަ އާއި ބެނަރ އަދި އެހެނިހެން ތަކެތި ބީއެމްއެލްއިން ފޯރުކޮށްދޭނެއެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ ވިދާޅުވީ، މިއީ އެ ބޭންކާއި އެފްއޭއެމާ ދެމެދު އުފެދޭ ވަރަށް ޚާއްސަ އުފާވެރި ގުޅުމަކަށް ވެގެންދާނޭ ކަމަށެވެ.

"ގައުމީ ޓީމުތަކުން ގިނަ ކާމިޔާބުތަކެއް ހޯދާތަން ދެކެން ހުރިހާ ދިވެހިން ވެސް ބޭނުންވޭ އަދި ބައިނަލްއަގްވާމީ ފެންވަރުގެ މި ކާމިޔާބީތައް ހޯދައިދިނުމަށް އަޅުގަނޑުމެންނަށް އަދާކުރެވޭނެ ދައުރު އެންމެ ފުރިހަމައަށް އަދާކޮށްދިނުމަށް އަޅުގަނޑުމެން ބޭނުންވޭ. މުޅި ރާއްޖެ ހިމެނޭ ގޮތަށް ހުނަރުވެރި އަންހެން އަދި ފިރިހެން ފުޓުބޯޅަ ކުޅުންތެރިންތަކެއް އުފެއްދުމަށް އެހީވުމަކީވެސް އަޅުގަނޑުމެން ބޭނުންވާ ކަމެއް." އެންޑްރޫ ވިދާޅުވިއެވެ.

"މި ފުރުސަތުގައި، ކުރިޔަށް އޮތް އޭއެފްސީ އޭޝިއަން ކަޕް ކޮލިފަޔަރގައި އަދި ދެން އޮންނަ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ފިރިހެން ސީނިއަރ ޓީމަށް ފުރިހަމަ ކާމިޔާބީއަކަށް އަޅުގަނޑު އެދެން."

ގައުމީ ފުޓްބޯޅަ ޓީމުތަކުގެ ސްޕޮންސަރަކަށް ބީއެމްއެލް ހަމަޖައްސައި، ގައުމީ ޓީމުތަކުގެ އާ ޖާޒީ ދައްކާލަނީ-- ފޮޓޯ: ބީއެމްއެލް

މިއަދުގެ އެ ރަސްމިއްޔާތުގައި ވަނީ، ބީއެމްއެލްގެ ބްރޭންޑިންގ ޖަހައިގެން ހަދާފައިވާ ގައުމީ ޓީމުގެ އާ ޖާރޒީ ދައްކާލައިފައެވެ. އަދި ބޭންކުން ވަނީ އެފްއޭއެމް ޓްރެވަލް ކާޑުގެ ނަމުގައި ޚާއްސަ ޕްރިޕެއިޑް ކާޑެއް މިއަދު އިފްތިތާހުކޮށްފައެވެ.

ސީނިއަރ ގައުމީ ޓީމު ރާއްޖޭން ބޭރަށް ކުރާ ކޮންމެ ދަތުރެއްގައި މި ކާޑު ކުޅުންތެރިންނާއި އޮފިޝަލުންނަށް ދޫކުރުމަށްވަނީ ހަމަޖެހިފައެވެ.

comment ކޮމެންޓް