ކިޔަވަން ރަށުން ދިޔަ ކުއްޖާ، ގުރުއާން ހިތުދަސްކޮށް ހަތިމުކޮށްދޭން ރަށަށް

އަލްހާފިޒް މުހައްމަދު މުސްތަފާ--

ބ. އޭދަފުށީ ޖަންބުމާގޭ މުހައްމަދު ނަސީދު އާއި އެ ރަށަށް ވަޒީފާޔަކަށް އައި އިންޑިއާ އަންހެނަކާ ކައިވެނިކޮށްގެން ލިބުނު ދެ ކުދިންގެ ތެރެއިން މުހައްމަދު މުސްތަފާ، އޭނާ އެންމެ ކުޑައިރު ވެސް ކީރިތި ގުރުއާން ހިތުދަސް ކުރަން ޝައުގުވެރިކަން ފާޅުކުރެ އެވެ.

އެގޮތުން 2015 ވަނަ އަހަރު ފެށުމާ އެކު އޭނާ ވަނީ އެމަގުސަދު ހާސިލް ކުރުމަށް އިންޑިއާގެ ޓުރެވަން ޑުރަމްއަށް ބަދަލުވެފަ އެވެ. އުމުރުން މިހާރު އެންމެ 11 އަހަރުގެ މުސްތަފާއަކީ އިންޑިއާގެ ދާރުލްސަލާމް ހިފާޖުލް ހުރުއާން ކޮލެޖުން ގުރުއާން ހިތުދަސްކޮށް ހާފިޒްކަމުގެ ސަނަދު ހޯދާފައިވާ ހާފިޒެކެވެ.

"އަދިވެސް އެދަނީ ކިޔަވަމުން، ކިޔަވަން ވެގެން ކިޔެވޭނީ އިންޑިއާއަށް ގޮސްގެނޭ ކިޔާފަ އިންޑިއާއަށް ދިޔައީ، ދަރިފުޅު ގުރުއާން ހިތުދަސް ކުރީ ގާތްގަނޑަކަށް އަހަރެއްހާ ދުވަސް ތެރޭގައި،" އޭނާގެ ބައްޕަ ނަޝީދު ސަން އަށް ބުންޏެވެ.

މުސްތަފާގެ އެދުމުގެ މަތިން މިރޯދަ މަހު އޭނާ އުފަން ރަށް ކަމުގައިވާ އޭދަފުށީ ބޮޑުމިސްކިތުގައި ތާރާވީހު ނަމާދުކޮށް ހަތިމްކުރުމަށް އޭނާ ރާއްޖެ ގެނައުމަށް މިހާރުވަނީ ނިންމާފަ އެވެ. އަދި އެކަމަށް ނަގަން ޖެހޭ ހުއްދަތައް ވަނީ ނަގައިފަ އެވެ.

"ރޯދަޔަށްވީމަ އަންނާނެ، އައިސް ބޮޑު މިސްކިތުގައި ތަރާވީސް ކުރާނީ، މިހާރު ހުއްދަ ލިބިއްޖެ، ތަރާވީހުގައި ހަތިމް ކުރާނެ،" ބައްޕަ ނަޝީދު ބުންޏެވެ.

އޭދަފުއްޓަށް އުފަން އުމުރުން 11 އަހަރުގެ ހާފިޒަށް މަރުހަބާ ކިޔަން އެރަށް ފައްކާ ވަނީ އެވެ. އެ އުމުގެ ކުއްޖަކު އެފަދަ މަގާމަކަށް އައުމަކީ އެރަށަށް އަދި ރާއްޖެއަށް ވެސް ލިބުނު ރީތި ނަމެއް ކަަމަށް އެރަށުން ގަބޫލް ކުރެ އެވެ.

comment ކޮމެންޓް