"ނާނިއާ"ގެ ހަތަރު ވަނަ ފިލްމާއެކު އާ ތިން ފިލްމެއް އުފައްދަނީ

"ނާނިއާ"ގެ ޕޯސްޓަރެއްގައި އެ ފިލްމުގެ މައި ތަރިންތައް ---

ފެންޓަސީ ފިލްމު ސީރީޒެއް ކަމަށްވާ "ދަ ކްރޮނިކަލް އޮފް ނާނިއާ"ގެ ހަތަރު ވަނަ ފިލްމެއް އުފެއްދުމުގެ ބަދަލުގައި "ނާނިއާ"ގެ އާ ތިން ފިލްމެއް އުފައްދަން ނިންމާފައިވާ ކަމަށް ޑައިރެކްޓަރު ޖޯއީ ޖޯންސްޓަން ބުނެފިއެވެ.

ފިލްމު ނާނިއާ އަކީ "ދަ ކްރޮނިކަލް އޮފް ނާނިއާ"ގެ ނަމުގައި ސީއެސް ލުވިސް ލިޔެފައިވާ ހަތް ވާހަކައެއްގެ މައްޗަށް އުފައްދާ ފިލްމު ސީރީޒް އެކެވެ. އެ ސީރީޒްގައި މިހާތަނަށް އުފައްދާފައިވަނީ ތިން ފިލްމެކެވެ.

އެއީ ނާނިއާގެ ފުރަތަމަ ފިލްމު، ދަ ލަޔަން، ދަ ވިޗް އެންޑް ދަ ވޯޑްރޯބް (2005)، ޕްރިންސް ކެސްޕިއަން (2008) އަދި ދަ ވޮޔޭޖް އޮފް ދަ ޑޯން ޓްރީޑާ (2010) އެވެ. އަދި އެ ފިލްމުގެ ހަތަރު ވަނަ ފިލްމެއްގެ ގޮތުގައި އުފައްދަން ހަމަޖެހިފައިވާ އޮތީ، "ނާނިއާ: ދަ ސިލްވާ ޗެއާ" އެވެ.

ނަމަވެސް 2010 ވަނަ އަހަރަށްފަހު ނެރުނު ނާނިއާ ފިލްމަށްފަހު އެ ސީރީޒް އޮތީ ހުއްޓުމަކަށް އައިސްފައެވެ. އަދި ކެޕްޓަން އެމެރިކާ: ދަ ފަސްޓް އެވެންޖާގެ ޑައިރެކްޓަރު ޖޯންސްޓަން އަކީ ނާނިއާ ސީރީޒްގެ ރީބޫޓެއް ހެދުމަށް ހަވާލުކުރި ފަރާތެވެ.

ނަމަވެސް އަމިއްލަ ޔޫޓިއުބް ޗެނަލްގައި ކުރިއަށްދިޔަ ސުވާލާއި ޖަވާބު ސެޝަނެއްގައި ވާހަކަދައްކަވަމުން ޖޯންސްޓަން ބުނީ، އޭނާއާ ހަދަން ހަވާލުކުރި ފިލްމު ވެގެންދާނީ ނާނިއާގެ އޮރިޖިނަލް ތިން ފިލްމާ ވަކިން ހަދާ ފިލްމެއް ކަމަށެވެ.

އެ ފިލްމާއެކު އިތުރު ތިން ފިލްމު ހަދަން ނިންމާފައިވާއިރު، އެ ފިލްމުތަކުގައި ވެސް އުޅޭނީ ކުރީގެ ފިލްމުތަކުގައި އުޅުނު ކެރެކްޓާތައް ނަމަވެސް، ފެންނާނީ އާ ކާސްޓުން ތަކެއް ކަމަށް ޖޯންސްޓަން ބުންޏެވެ.

ނާނިއާގެ ހަތަރު ވަނަ ފިލްމުގެ ޝޫޓިން ފަށަން ނިންމާފައިވަނީ މިއަހަރުގެ ތެރޭގައެވެ.

comment ކޮމެންޓް