ރޯދަ މަހަށް ޕީޕީއެމްގެ ސިޔާސީ ހަރަކާތްތައް މެދުކަނޑާލަނީ

މިރޭ ސަރުކާރު ކޯލިޝަނުން ބޭއްވި ހަރުގެ ޖަލްސާގައި ޕީޕީއެމްގެ ނައިބު ރައީސް އަދުރޭ--- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

ސަރުކާރު ހިންގާ ޕީޕީއެމުން ހިންގާ ސިޔާސީ ހަރަކާތްތައް، ކުރިޔަށް އޮތް ރަމަޟާން މަހަށް މެދުކަނޑާލާނެކަން އެ ޕާޓީން ހާމަކޮށްފިއެވެ.

ޕީޕީއެމުން މިރޭ ކުރިއަށް ގެންދާ ހަރުގެ ޖަލްސާގައި، އެ ޕާޓީގެ ނައިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުލްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ، މި ފެށޭ ރަމަޟާން މަހު ޕީޕީއެމުން ސިޔާސީ ހަރަކާތްތައް ނުބޭއްވުމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ނިންމަވާފައިވާ ކަމަށެވެ.

"ދާދި ދެންމެއަކު ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރަމަޟާން މަހަކީ އަޅުކަމުގެ މަހޭ. ރަމަޟަން މަހުގައި ސިޔާސީ މަސައްކަތެއް ތިމަން މަނިކުފާނު ނުކުރައްވާނަމޭ،" ޖަލްސާގައި އަދުރޭ ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ، ޕީޕީއެމްގެ މުސްތަޝާރު އަދި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އެދިވަޑައިގެންފައިވަނީ، އަޅުކަމަށް ފުރުސަތު ލިބޭ ގޮތަށް ރަމަޟާން މަހުގެ ކަންކަން ރޭވުމަށް ކަމަށެވެ. އެގޮތުން، މާލެ އާއި ރާއްޖެތެރޭގައި އެކި ރޭތަކުގައި ދީނީ ދަރުސް ދިނުމުގެ ޕްރޮގްރާމްތަކެއް ކުރިއަށް ގެންދާނެ ކަމަށާއި، ނަމަވެސް ރަމަޟާން މަހު ސަރުކާރުގެ ސިޔާސީ ޖަލްސާތަކެއް ނޯންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ނެތީމު ރަމަޟާން މަހު މީހުންނަށް ފާޑު ކިޔާކަށެއް، އަދި ސިޔާސީ މަސައްކަތް ކުރާކަށެއް،"

އޭނާ ވިދާޅުވީ، ރަމަޟާން މަހުގެ ތެރޭގައި، ސަރުކާރުގެ ލީޑަޝިޕުގެ ބޭފުޅުންނާއި، މަޖިލީސް މެމްބަރުންނާއި ސިޔާސީ ބޭފުޅުން އެކުގައި، ރާއްޖޭގެ ހުރިހާ އަތޮޅަކަށް ދަތުރުތަކެއް ކުރާނެ ކަމަށެވެ.

"އެ ދަތުރުތަކުގައިވެސް ސިޔާސީ އެއްވެސް މަސައްކަތެއް ނުކުރާނަން. ރައްޔިތުންނާ އެކު ވަގުތު ހޭދަކޮށް، ރައްޔިތުންގެ ހާލު އަހުވާލު އޮޅުންފިލުވާނަން. އަދި ރައީސް ޔާމީންގެ މެސެޖުތައް އެބޭފުޅުންނަށް ދެމުން ގެންދާނަން. އެއީ ޕީޕީއެމުން [ރަމަޟާން މަހު] ކުރާނެ މަސައްކަތަކީ. މިއީ ރައީސް ޔާމީންގެ ނިންމެވުން،" އަދުރޭ ވިދާޅުވިއެވެ.

މިރޭ އެމްޑީއޭ ޖަހަގައިގައި ބޭއްވި ޖަލްސާގައި، ޕީޕީއެމްގެ ނައިބު ލީޑަރު ވިދާޅުވީ ރަމަޟާން މަހުގެ ކުރިން ސަރުކާރު ކޯލިޝަނުގެ ފަރާތުން ބާއްވާ އެންމެ ފަހުގެ ސިޔާސީ އެއްވުން އޮންނާނީ މާދަމާ ރޭ، އެ ޖަގަހައިގައި ކަމަށެވެ.

comment ކޮމެންޓް