ކުރީގެ "ޖޭމްސް ބޮންޑް" މަރުވެއްޖެ

ރޯޖާ މޯ ---

އިނގިރޭސި ޖާސޫސީ އެޖެންޓް "ޖޭމްސް ބޮންޑް"ގެ ރޯލުން 12 އަހަރު ވަންދެން ކުޅުނު އަދި ގިނަ ބައެއްގެ މަގްބޫލުކަން ހޯދާފައިވާ އެކްޓަރު ރޯޖާ މޯ އުމުރުން 89 އަހަރުގައި މަރުވެއްޖެއެވެ.

ޖޭމްސް ބޮންޑުގެ ރޯލުން 1973 ވަނަ އަހަރުން ފެށިގެން 1985 ވަނަ އަހަރާ ހަމައަށް ކުޅެފައިވާ ރޮޖާ މޯގެ އާއިލާއިން ބުނީ، އޭނާ މަރުވެފައި ވަނީ ކެންސަރާ ހަނގުރާމަ ކުރަމުން ދަނިކޮށް ސްވިޒަލެންޑުގައި ކަމަށެވެ.

ޖޭމްސް ބޮންޑް ނުވަތަ 007ގެ ރޯލު އެންމެ ގިނަ ދުވަސް ވަންދެން ކުޅެފައިވާ ކަމުގެ ޝަރަފް އަދި މިއަދާ ހަމައަށް ވެސް އޮތް ރޮޖާ މޯ ވަނީ ޖޭމްސް ބޮންޑުގެ ހަތް ފިލްމެއް ކުޅެފައެވެ. އޭނާ އެންމެ ފުރަތަމަ ޖޭމްސް ބޮންޑް ފިލްމަކަށް ކުޅެފައިވަނީ 1973 ވަނަ އަހަރު ނެރުނު "ލިވް އެންޑް ލެޓް ޑައީ" އެވެ.

އޭގެ ފަހުން ކުޅުނު ފިލްމުތަކުގެ ތެރޭގައި ދަ މޭން ވިތް ދަ ގޯލްޑަން ގަން (1974)، ދަ ސްޕައި ވޫ ލަވްޑް މީ (1977)، މޫންރެކާ (1979)، ފޮ ޔޯ އައިސް އޮންލީ (1981)، އޮކްޓޮޕުސީ (1983) އަދި ޖޭމްސް ބޮންޑުގެ ރޯލުން އެންމެ ފަހުން ފެނިގެންދިޔަ އަ ވިއު ޓު އަ ކިލް (1985) އެވެ.

ޖޭމްސް ބޮންޑްގެ މަގާމުގެ ކުރިން 1960 އަހަރުތަކުގައި ނެރުނު ޓީވީ ސީރީޒް "ދަ ސައިންޓް" އިން ވެސް ގިނަ ބައެއްގެ މަގްބޫލުކަން ހޯދާފައިވާ ރޯގާ މޯ އަކީ ޔުނިސެފްއާ ގުޅިގެން އިންސާނިއްޔަތަށް މަސައްކަތްކުރުމުގައި ހަރަކާތްތެރިވި އަދި 1991 ވަނަ އަހަރު ޔުނިސެފްގެ ގުޑްވިލް އެމްބެސެޑަރުގެ މަގާމު ވެސް ފުރުއްވާފައެވެ.

އަދި އޭނާއަށް ވަނީ އިނގިރޭސިވިލާތުގެ ރާނީ ދެއްވާ އެންމެ މަތީ ޝަރަފާއި ހޮލީވުޑް ވޯކް އޮފް ފޭމް އިން ތަރިއެއް 2008 ވަނަ އަހަރު ލިބިފައެވެ.

comment ކޮމެންޓް