އީމްގެ މޭކަޕް ކުލާހުގެ އަށް ބައިވެރިއަކަށް އަރަބް ފެޝަން ވީކު ކަށަވަރުވެއްޖެ

އީމްއާއެކު ބޭއްވި މޭކަޕް ކުލާހުގެ ހޯސްޓް (ވ) އާއެކު އީމް --- ފޮޓޯ/ އިކޫ ފޮޓޯގުރަފީ

މޭކަޕް ކުރަން ޝައުގުވެރިކަން ހުންނަ މީހުންނަށް ފުރުސަތު ހުޅުވާލައިގެން ބޭއްވި ޕްރޮފެޝަނަލް ލެވެލްގެ މޭކަޕް ކުލާހުގެ އަށް ބައިވެރިއަކަށް ދުނިޔޭގެ ނަން މަޝްހޫރު ފެޝަން ވީކެއް ކަމަށްވާ، އަރަބި ފެޝަން ވީކް (އޭއެފްޑަބްލިއު)ގައި ހުނަރު ދައްކާލުމަށް ފުރުސަތު ލިބޭނެކަން ޔަގީން ވެއްޖެއެވެ.

ސަން ސިޔާމް ރިސޯޓްސްގެ މެއިން ސްޕޮންސަރުގެ ދުބާއީގެ މަޝްހޫރު ކުންފުންޏެއް ކަމަށްވާ، އާޓިލާ އެކެޑަމީއާ ގުޅިގެން މޭކަޕް ކުލާސް ކުރިއަށް ގެންދިޔައީ މިދިޔަ ހުކުރު އަދި ހޮނިހިރު ދުވަހު، ޝީ ބިލްޑިންގްގައެވެ.

އީމްއާއެކު ބޭއްވި މޭކަޕް ކުލާހުގެ ބައިވެރިން --- ފޮޓޯ/ އިކޫ ފޮޓޯގުރަފީ

އެ މޭކަޕް ކުލާހުގައި ކިޔަވައިދިން، މޭކަޕް ކުރުމާއި ހެއާ ސްޓައިލިން ހެދުމުގައި 25 އަހަރުގެ ތަޖުރިބާ ލިބިފައިވާ އާޓިލާ އެކެޑަމީގެ ވެރިޔާ ޖަމީލާ ޕައުލް ވަނީ، މިމަހުގެ ތެރޭގައި ވެސް އެ ކުންފުނީގެ ފަރާތުން ބައިވެރިވި އަރަބި ފެޝަން ވީކްގެ ކޮންޓްރެކްޓް އަންނަ އަހަރު ލިބިއްޖެނަމަ، ރާއްޖޭގައި ހިންގި މޭކަޕް ކުލާހުން ހޮވާލެވުނު ބައެއް ބައިވެރިންނަށް ފަހިކޮށްދޭނެ ކަމަށް ވިދާޅުވެފައެވެ.

ނިއު ޔޯކް، ލަންޑަން، މިލާން އަދި ޕެރިސް ފަދަ ގައުމުތަކުގައި ބާއްވާ ފެޝަން ވީކްތަކާ އެއް ގިންތިއެއްގައި ގުނާލެވޭ އަދި ބައިނަލްއަގްވާމީ ކަލަންޑަރުގައި ވެސް ހިމެނޭ އަރަބް ފެޝަން ވީކަކީ އަހަރަކު ދެ ފަހަރު ބާއްވާ ހަރަކާތެކެވެ.

އީމްއާއެކު ބޭއްވި މޭކަޕް ކުލާހުގެ ތެރެއިން --- ފޮޓޯ/ އިކޫ ފޮޓޯގުރަފީ

ނަމަވެސް މޭކަޕް ކުލާސް އިންތިޒާމްކުރުމުގައި އިސްކޮށް ހަރަކާތްތެރިވި މަޝްހޫރު ލަވަ ކިޔުންތެރިޔާ އަދި މޮޑެލް އީމް ނިޒާމް ބުނީ، މިއަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ބާއްވާ އަރަބް ފެޝަން ވީކްގައި ބައިވެރިވުމުގެ ފުރުސަތު ކުލާހުގެ އަށް ބައިވެރިއަކަށް މިހާރު ކަށަވަރު ވެފައިވާ ކަމަށެވެ.

"އީމް މެންނަކަށް ވެސް ނޭނގެ ޖަމީލާ ޕައުލް އެ ފުރުސަތު ފަހިކޮށްދޭނެ ކަމެއް. އެކަން ވެގެންދިޔައީ އީމް މެންނަށްވެސް ސަޕްރައިޒަކަށް. އަސްލު ކުލާހުގެ ބައިވެރިންގެ ހުނަރު ފެނިފަ ޖަމީލާ ޕައުލް ނެގި ޑިޒިޝަނެއް އެއީ،" އީމް ބުންޏެވެ.

ރާއްޖޭގައި ބޭއްވި ޕްރޮފެޝަނަލް ލެވެލްގެ މޭކަޕް އިންތިޒާމް ކުރުމުގައި އިސްކޮށް ހަރަކާތްތެރިވި އީމް --- ފޮޓޯ/ އިކޫ ފޮޓޯގުރަފީ

އޭނާ ފާހަގަކުރި ގޮތުގައި، މޭކަޕް ކުލާސް ބޭއްވުމަށް އިސްނެގި ގްރޭންޑް އެމްޕްރެސްގެ ފަރާތުން އަރަބް ފެޝަން ވީކްގައި ބައިވެރިވާނެ ބައިވެރިން ވަރަށް ހޮވާ އެކަން އިއުލާން ކުރާނެއެވެ. އަދި އެ ބައިވެރިންނަށް ހާއްސަ ތަމްރީން ކުލާސްތަކެއް ހިންގުމަށް ޖަމީލާ ޕައުލް ރާއްޖެ އައުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އީމް ބުނެފައިވެއެވެ.

އަރަބް ފެޝަން ވީކްގައި ބައިވެރިވާ އަށް ބައިވެރިންނަށް ޓިކެޓާއި ހުރުމުގެ ހުރިހާ އިންތިޒާމެއް ހަމަޖައްސައިދެނީ ޖަމީލާ ޕައުލްއެވެ.

އީމްއާއެކު ބޭއްވި މޭކަޕް ކުލާހުގެ ތެރެއިން --- ފޮޓޯ/ އިކޫ ފޮޓޯގުރަފީ

ގްރޭންޑް އެމްޕުރެސް އަދި ބްރިލިއަންޓްސް ޓްރޭޑިން އިން އިސްނަގައިގެން ރާއްޖޭގައި ބޭއްވި މޭކަޕް ކުލާހަށް ބޮޑު ތަރުހީބެއް ލިބުނު އިރު، ކުލާސް ކުރިއަށް ގެންދިޔައީ ޖުމްލަ 39 ބައިވެރިންނާ އެކު އެވެ. އޭގެ ތެރޭގައި މާލޭގައި މޭކަޕް ސެލޫންގެ ވިޔަފާރި ހިންގާ އަދި ދިވެހިންގެ ތެރޭގައި މަޝްހޫރު ބައެއް ފަރާތްތައް ވެސް ހިމެނެ އެވެ.

އެ މޭކަޕް ކުލާހުގެ މޮޑެލަކަށް ކަނޑައެޅީ، 22 އަހަރު ވަންދެން ބެލުންތެރިން މުނިފޫހިފިލުވައިދިން ތަޖުރިބާކާރު އަދި ދިވެހިންގެ ތެރޭގައި މަޝްހޫރު ނެށުންތެރިޔާ ސުނީތާ އަލީ (ސުނީ)އެވެ. އަދި ކުލާސް ކުރިއަށްގެން ދިޔަ ޝީ ބިލްޑިންގެ މާލަމް ތައްޔާރު ކޮށްދިނީ އިވެންޓާސްގެ ފަރާތުންނެވެ.

އީމްއާއެކު ބޭއްވި މޭކަޕް ކުލާހުގެ ތެރެއިން --- ފޮޓޯ/ އިކޫ ފޮޓޯގުރަފީ

އީމްގެ މޭކަޕް ކުލާހުގެ ހޯސްޓަކީ ރާއްޖޭގެ މަޝްހޫރު ޕްރެޒެންޓަރު މަރިޔަމް ވަހީދާ (މަރީ)އެވެ. އަދި އޮފިޝަލް ފޮޓޯގުރާފަރު ޕާޓްނަރަކީ ރާއްޖޭގެ މަޝްހޫރު ފޮޓޯގުރާފަރުންގެ ތެރޭގައި ނަން ހިންގާ ޒުވާނެއް ކަމަށްވާ ޝިފާޒް ހުތީ (ސޮއްޓި) އަދި އިކޫ ފޮޓޯގްރަފީ އެވެ.

އީމްއާއެކު ބޭއްވި މޭކަޕް ކުލާހުގެ ތެރެއިން --- ފޮޓޯ/ އިކޫ ފޮޓޯގުރަފީ

comment ކޮމެންޓް