ޔާމީން ރަޝީދަށް އިންސާފު ހޯދައި ދިނުމަށް ގޮވާލައި، އިހުތިޖާޖުކޮށްފި

ޔާމީން ރަޝީދުގެ ހަނދާނުގައި މިއަދު ބޭއްވި އިހްތިޖާޖު --- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

އަނިޔާވެރިކޮށް މަރާލާފައި އޮއްވައި ފެނުނު ބްލޮގަރ އަދި ސޯޝަލް މީޑިއާ އެކްޓިވިސްޓް ޔާމީން ރަޝީދު މަރާލިތާ އެއް މަސް ދުވަސް ވުމާ ގުޅިގެން އޭނާގެ ހަނދާނުގައި މިއަދު ހަވީރު އިހުތިޖާޖެއް ކޮށްފިއެވެ.

ޔާމީން ރަޝީދަށް ހަމަލާދީ، އޭނާ މަރާލާފައި އޮއްވާ ފެނުނީ އޭނާ ދިރިއުޅޭ ގޭގެ ސިޑި ކައިރިން، މިދިޔަ އޭޕްރިލް މަހުގެ 23 ވަނަ ދުވަހުގެ ދަންވަރުއެވެ.

ޔާމީނުގެ ބައެއް ރަހުމަތްތެރިންނާއި، ހެޔޮ އެދޭ ފަރާތްތަކާއި ބައެއް މަދަނީ ޖަމިއްޔާތައް ގުޅިގެން މިއަދު ހަވީރު މާލޭގައި ހިނގާލުމެއް ބޭއްވުމަށް މަސައްކަތް ކުރި އިރު، ފުލުހުން ވަނީ އެކަން ކުރިޔަށް ނުގެންދިއުމަށް އަންގާފައެވެ.

އެހެންކަމުން ހިނގާލުމުގެ ބަދަލުގައި، އެއްވި ފަރާތްތަކުން އިހުތިޖާޖެއް ކުރުމަށްފަހު، ޚާއްސަ ދުއާއަކާ އެކު އެ ހަރަކާތް ނިންމާލީއެވެ.

އިހުތިޖާޖުގެ ބައިވެރިން ގޮވާލާފައިވަނީ ޔާމީން ރަޝީދަށް އިންސާފު ހޯދައިދިނުމަށާއި، އޭނާގެ މަރުގެ ފަހަތުގައި ތިބި މީހުން ހޯދުމަށެވެ.

ޔާމީން ރަޝީދުގެ މަރުގެ މައްސަލަ އޭނާގެ އާއިލާގެ ފަރާތުން އދއަށް ހުށަހަޅާފައިވާ އިރު، ބައިނަލްއަގުވަމީ އެހެނިހެން ފަރާތްތަކަށް ޔާމީނުގެ މަރުގެ މައްސަލައާ ބެހޭ މައުލޫމާތު ވެސް ދަނީ ހިއްސާ ކުރަމުންނެވެ.

އެގޮތުން، މިދިޔަ ހަފްތާގައި ޔާމީން ރަޝީދުގެ ބައްޕަ ހުސައިން ރަޝީދު ވަނީ އިންޑިއާގެ ނިއުދިއްލީގައި އިންސާނީ ހައްގުތަކާއި، ޚިޔާލު ފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަމަށް މަސައްކަތްކުރާ މަދަނީ ޖަމިއްޔާތަކާ ބައްދަލުކޮށްފައެވެ.

އަދި ދިވެހި ދައުލަތުގެ ފަރާތްތަކުން މިހާތަނަށް ކުރަމުން އައި ކަންކަމާއި، ފުލުހުން ކުރަމުން އަންނަ ތަހުގީގާ ގުޅޭ މައުލޫމާތު ދީ، ފުލުހުންގެ ތަހުގީގުތަކުގައި އިންޑިއާއިން ވެސް ބައިވެރިވެ، އެހީތެރިކަން ފޯރުކޮށްދިނުމަށް ޔާމީންގެ ބައްޕަ ވަނީ އެދިފައެވެ.

ޔާމީންގެ މަރުގެ މައްސަލައިގައި މިހާތަނަށް ހަތް މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނާ އިރު، އޭގެ ތެރޭގައި ޔާމީނަށް ހަމަލާ ދިނުމުގައި އަމަލީގޮތުން ބައިވެރިވި މީހުންވެސް ހިމެނޭކަމާށް ފުލުހުން ބުނެއެވެ.

comment ކޮމެންޓް