ރޯދަ މަހު މާލޭގައި ބީއެމްއެލް ހުޅުވާފައި ހުންނާނީ 10 އިން މެންދުރުފަހު 2 އަށް

ބީއެމްއެލްގެ ހުޅުމާލެ ބްރާންޗު: ސަން ފޮޓޯ/ އަލީ ނަސީރު

ކުރިޔަށް އޮތް ރަމަޟާން މަހު ބޭންކް އޮފް މޯލްޑިވްސްގެ ބްރަންޗުތައް ހުޅުވާފައި ހުންނާނެ ވަގުތުތައް އިއުލާންކޮށްފިއެވެ.

ބޭންކް އޮފް މޯލްޑިވްސްއިން ބުނާ ގޮތުގައި، ކުރިޔަށް އޮތް ރަމަޟާން މަހު މާލޭގައި ހުރި އެ ބޭންކުގެ ބްރާންޗުތައް، ހެނދުނު 10:00 އިން މެންދުރުފަހު 2:00 އަށް ހުޅުވާފައި ހުންނަ އިރު، ރާއްޖޭގެ އެހެން ސަރަހައްދުތަކުގައި ހުރި ބީއެމްއެލްގެ ބްރާންޗުތައް ހުޅުވާފައި ހުންނާނީ ހެނދުނު 10:30 އިން މެންދުރު 1:00 އަށެވެ.

ބީއެމްއެލުން ބުނީ ރާއްޖޭގެ އެހެން ބޭންކުތަކާ އަޅާ ބަލާއިރު ބީއެމްއެލް ގިނަ ވަގުތު ހުޅުވާފައި ހުންނާނެ ކަމަށެވެ.

ބީއެމްއެލްގެ ހެޑް އޮފް ރީޓެއިލް ބޭންކިންގް މޫސާ ނިމާލް ވިދާޅުވީ، މާލޭގައި ހަތަރު ގަޑިއިރު ވަންދެން ބީއެމްއެލްގެ ބްރަންޗުތަކުގެ ޚިދުމަތް ދޭން ނިންމީ، މާލޭގައި ޚިދުމަތްތަކަށް އޮންނަ ޑިމާންޑަށް ރޯދަ މަހުގެ ތެރޭގައި ވެސް ކޭޓަރ ކޮށްދިނުމަށްޓަކައި ކަމަށެވެ.

ރޯދަ މަހު އެހެން މަސްތަކާ ޚިލާފަށް ޚިދުމަތްދޭ ވަގުތު ކުރުކޮށްފައިވީ ނަމަވެސް، ބީއެމްއެލްގެ ކޯލް ސެންޓަރުތަކުގެ އިތުރުން އޭޓީއެމްތަކުގެ ޚިދުމަތް 24 ގަޑިއިރު ލިބޭނެ ކަމަށް ބީއެމްއެލުން ބުނެއެވެ. އަދި ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ވެސް ތިބި ކޭޝް އޭޖެންޓުން މެދުވެރިކޮށް ބީއެމްއެލް ކަސްޓަމަރުންނަށް ފައިސާ ނެގުމުގެ ޚިދުމަތް ލިބޭނެކަމަށް އެ ބޭންކުން ބުނެއެވެ.

comment ކޮމެންޓް